ކުޅިވަރު

އަޝްފާގު ފައިނަލަށް - ޝުކުރު ސަޕޯޓަރުންނަށް


އޭއެފްސީ ބްރެކެޓް ޗެލެންޖްގެ ފައިނަލުން ރާއްޖޭގައި އުފެދުނު އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާ އަލީ އަޝްފާގް ޖާގަ ހޯދުމާއެކު އޭނާވަނީ ރެޔާއި ދުވާލު މަސައްކަތްކުރި ސަޕޯޓަރުންނަށް ހިތުގެ އެންމެ ފުންމިނުން ޝުކުރު އަދާކޮށްފިއެވެ.

އަލީ އަޝްފާގް ބްރެކެޓް ޗެލެންޖްގެ ފައިނަލުން ޖާގަ ހޯދީ އޭއެފްސީން ހިންގި އޮންލައިން ވޯޓިން ޕޯލުގައި ވިއެޓްނާމްގެ ހަނޯއީގެ ގުޔެން ހުއާން ބަލިކޮށްގެންނެވެ. ވޯޓް ލުމުގެ ސުންގަނޑި ހަމަވީއިރު، ދަގަނޑޭ އަށް ވަނީ 54.68 ޕަސެންޓް ވޯޓު ލިބިފަ އަދި ގުޔެން ހުއާން އަށް ލިބުނީ 45.32 ޕަސެންޓް ވޯޓެވެ.

މިއާއެކު އަޝްފާގްގެ ފޭސްބުކް ޕޭޖްގައި ސަޕޯޓަރުންނަށް ޝުކުރު އަދާ ކުރުމުގެ ގޮތުން ދަގަނޑޭ ބުނެފައިވަނީ ގައުމަށް ރީތި ނަން ހޯދައިދިނުމަށް ލިބޭ ކޮންމެ ފުރުސަތެއްގެ ބޭނުން އެންމެ ރަނގަޅު ގޮތުގައި ހިފުމަކީ ގައުމީ ވާޖިބެއްގެ ގޮތުގައި އަބަދުވެސް ދެކޭކަމަށާއި ފައިނަލަށް ގެންގޮސްދިނުމުގައި ސަޕޯޓަރުން ކުރި ބުރަ މަސައްކަތަށް ޝުކުރު އަދާކުރާކަމަށް ބުނެފައިވެއެވެ. ބްރެކެޓް ޗެލެންޖްގައި ހިމެނޭ ދަގަނޑޭގެ ގޯލަކީ 2013 ވަނަ އަހަރުގެ އޭއެފްސީ ކަޕުގެ ގްރޫޕް ސްޓޭޖުގައި ނިއު ރޭޑިއަންޓް އިންޑޮނީޝިއާގެ ޕާސިބޯ ކޮޅަށް އަޝްފާގު ޖެހި ސޯލޯ ގޯލެކެވެ. އެ ގޯލަކީ 2013 ވަނަ އަހަރުގެ މުބާރާތުގެ ގްރޫޕް ސްޓޭޖުގައި ޕާސިބޯ އަތުން 7 ލަނޑު 0 ލަނޑުން ނިއު ރޭޑިއަންޓް މޮޅުވި މެޗުގައި ދަގަނޑޭ ޖެހި ފަސް ގޯލުގެ ތެރެއިން، ތިން ކުޅުންތެރިން ކައިރިން ނައްޓާލާފައި ޖެހި ގޯލެކެވެ.

ބްރެކެޓް ޗެލެންޖު ފެށި ފަހުން ދަގަނޑޭ ވަނީ ކުވެއިތު އެސްސީގެ ރޮޖެރީނިއޯ އާއި ބަންގްލަދޭޝްގެ ޑާކާ އަބަހާނީގެ ސޮހޭލް ރާނާގެ އިތުރުން ކުއާޓާ ފައިނަލުގައި ހަނޯއިގެ ގުޔެން ވެން ޔުޔެޓްގެ މައްޗަށް ކުރިހޯދާފައެވެ. ދަގަނޑޭ 2013 ވަނަ އަހަރުގެ އޭއެފްސީ ކަޕުގައި ނިއު އަށް ޖަހައިދިން ސޯލޯ ގޯލް ވަނީ އޭއެފްސީ ކަޕުގައި ޖަހާފައިވާ ސޯލޯ ގޯލްތަކުގެ ތެރެއިން އެންމެ މަގުބޫލު ގޯލަކަށް މިދިޔަ ޖޫން މަހު ހޮވާފައެވެ.