އިލެކްޝަންސް ކޮމިޝަންގެ މެންބަރު އަދި ނާއިބު ރައީސްކަމުގެ މަޤާމުގައި ހުންނެވި އަހްމަދު އަކްރަމް އިސްތިއުފާދެއްވައިފިއެވެ.
އަކްރަމް މަޤާމުން އިސްތިއުފާދެއްވާފައިވަނީ އޭނާ މަޤާމުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ފާސްކޮށްފައިވަނިކޮށެވެ.
މަޤާމުން އިސްތިއުފާދެއްވާ އަކްރަމުންނެރެފައިވާ ބަޔާނެއްގައިވަނީ މިއަދުން ފެށިގެން އިލެކްޝަންސް ކޮމިޝަންގެ މެމްބަރުކަމުން އިސްތިޢުފާދެއްވާފައިވަނީ އޭނާގެ މައްޗަށް ތުހުމަތުކޮށް ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުޢައްސަސާތަކާ ބެހޭ ކޮމެޓީއަށް ހުށަހެޅިފައިވާ މައްސަލައަކާ ގުޅިގެން އެކޮމެޓީން އޭނާ މަޤާމުން ވަކިކުރުމަށް ފެންނަކަމަށް ނިންމާފައިވާކަމުގެ މައުލޫމާތު ލިބިވަޑައިގެންފައިވާތީކަމަށެވެ.
އަކްރަމްގެ ބަޔާނުގައިވަނީ ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުޢައްސަސާތަކާ ބެހޭ ކޮމިޓީގެ އިތުބާރުނެތި މިނިވަން މުޢައްސަސާއެއްގެ މެންބަރުކަމުގައި ދެމިހުރުމަކީ އެންމެ ރަނގަޅު ގޮތްކަމުގައި ދެކެވަޑައިނުގަންނަވާކަމަށެވެ. ނަމަވެސް އޭނާގެ މައްޗަށް ތުހުމަތުކޮށް ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުޢައްސަސާތަކާ ބެހޭ ކޮމެޓީއަށް ހުށަހަޅާފައިވާ މައްސަލައަކީ ވަކި ބަޔެއްގެ ރޭވުމެއްގެ ތެރެއިން ކަނޑައެޅިގެން ޙަޤީޤަތާ ޚިލާފު ވާހަކަތަކެއްގެ މައްޗަށް ބިނާކޮށް ހުށަހަޅާފައިވާ މައްސަލައެއްކަމަށާއި، އެމައްސަލާގައި ތުހުމަތުކޮށްފައިވާ އެއްވެސްކަމެއް އޭނާގެ ފަރާތުން ހިނގާފައިނުވާކަމުގެ ފުރިހަމަ ޔަޤީންކަން ދެއްވާކަމަށްވެސް އަކްރަމްގެ ބަޔާނުގައިވެއެވެ. އަދި އެކަން ހިނގާ ދިޔަ ގޮތުގެ ތަފްޞީލް މަޢުލޫމާތު ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުޢައްސަސާތަކާ ބެހޭ ކޮމެޓީއާ ހިއްސާކޮށްފައިވާނެ ކަމަށްވެސް އަކްރަމް ވިދާޅުވެފައިވެއެވެ.
ޖިންސީ ފުރައްސާރައިގެ މައްސަލައެއްގައި އިލެކްޝަންސް ކޮމިޝަނުގެ ނާއިބު ރައީސް އަހްމަދު އަކްރަމް މަޤާމުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީން އިއްޔެ ފާސްކޮށްފައިވަނީ 7 މެންބަރުންގެ ވޯޓުންނެވެ. ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީންވަނީ އިލެކްޝަންސް ކޮމިޝަނުގެ ނާއިބު ރައީސް އަޙްމަދު އަކްރަމް އެކޮމިޝަނުގެ މުވައްޒަފަކަށް ޖިންސީ ފުރައްސާރަކުރި މައްސަލައިގައި އަކްރަމްއާއި އެކޮމިޝަނުގެ މެންބަރުންގެ އިތުރުން މިމައްސަލައިގެ ވިކްޓިމް އެކޮމިޓީއަށް ހާޒިރުކޮށް ސުވާލުކޮށްފައެވެ.
އިލެކްޝަންސް ކޮމިޝަންގެ މެމްބަރުކަމަށް އަކްރަމް ދެވަނަ ދައުރަކަށް ރައްޔިތުންގެ މަޖިލީހުން އައްޔަންކޮށްފައިވަނީ މިދިޔަ މާޗް މަހުގެ 18 ވަނަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައެވެ.