ކުޅިވަރު

އޭއެފްސީ ބްރެކެޓް ޗެލެންޖުގެ ސެމީ ފައިނަލަށް އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާ ޢަލީ އަޝްފާގު


ޝޯޝަލް މީޑިއާގައި ހިންގި ބޮޑު ކެންޕޭންއާއެކު ވިއެޓްނާމް ކުޅުންތެރިޔާ ބަލިކޮށް އޭއެފްސީ ބްރެކެޓް ޗެލެންޖުގެ ސެމީ ފައިނަލަށް ރާއްޖޭގައި އުފެދުނު އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާ ޢަލީ އަޝްފާޤު ހޮވިއްޖެއެވެ.

ސެމީއަށް ހޮވުމާއެކު އަޝްފާގްވަނީ ސަޕޯޓަރުން ކޮށްދިން ކެންޕެއިނަށް ޝުކުުރުއަދާކޮށްފައެވެ. އޭއެފްސީ ބްރެކެޓް ޗެލެންޖަކީ އޭއެފްސީ ކަޕުގައި ޖަހާފައިވާ މޮޅެތި ގޯލްތަކުގެ މެދުގައި ކުރިއަށްގެންދާ ޕޯލެކެވ. އޭއެފްސީގެ ވެބްސައިޓްގައި ކުރިއަށްގެންދިޔަ މިޕޯލްގައި އަޝްފާގަށް ލިބުނީ 51.45% ވޯޓެވެ. މިގޯލްއަކީ 2013ވަނަ އަހަރުގެ އޭއެފްސީ ކަޕްގައި ރަށުން ބޭރުގައި އިންޑޮނޭޝިއާގެ ޕާސިބޯ ކޮޅަށް ޖެހި ގޯލެވެ. އަޝްފާގް ބްރެކްޓް ޗެލެންޖުގައި ބަލިކުރީ ވިއެޓްނާމުގެ ހަނޯއީ އެފްސީގެ ގުޔެން ވެން ޔުޔެޓް 2017 ވަނަ އަހަރު ފިލިޕީންސްގެ ސެރެސް ނެގްރޮސް ކޮޅަށް ޖެހި ގޯލްއަށް ލިބުނީ 48.55% ވޯޓެވެ. އަޝްފާގަށް ވޯޓް ހޯދައި ދިނުމަށް ޝޯޝަލް މީޑިޔާ އާއި ވަކިވަކި ފަރުދުންވަނީ ވަރަށް ބޮޑު ކެންޕެއިނެއް ކުރިޔަށް ގެންގޮސްފައެވެ. މިލިބުނު ސަޕޯޓްއާއެކު އަޝްފާގުވަނީ ސަޕޯޓަރުން ކޮށްދިން މަސައްކަތަށް ވަރަށް ބޮޑަށް ޝުކުރު އަދާކޮށްފައެވެ.

އަޝްފާގްގެ ޓުވީޓްގައި ބުނެފައިވަނީ މި ޕޯލް ކާމިޔާބު ކުރުމަށް ސަޕޯޓަރުންނާއި، ދިވެހި އެންމެހާ ރައްޔިތުން ދެއްވި ވޯޓާއި، ވޯޓު ހޯއްދެވުމަށް ކުރެއްވި ބުރަ މަސައްކަތަށް ހިތުގެ އެންމެ ފުންމިނުން ޝުކުރު ދަންނަވާކަމަށެވެ. އަދި ސަޕޯޓަރުން އެނާއާއެކު ތިބޭކަން އެނގުމަކީ ނުހަނު އުފާވާކަމެއްކަމަށްވެސް އަޝްފާ ވަނީ ބުނެފައެވެ.

2013 ވަނަ އަހަރުގެ އޭއެފްސީ ކަޕުގައި ޕާސިބޯ ކޮޅަށް އަޝްފާގް ޖެހި މިގޯލްވަނީ އޭއެފްސީ ކަޕުގައި ޖަހާފައިވާ ސޯލޯ ގޯލްތަކުގެ ތެރެއިން އެންމެ މަގުބޫލު ގޯލަކަށް މިދިޔަ ޖޫން މަހު ވެސް ހޮވިފައެވެ. އަޝްފާގަކީ އޭއެފްސީ ކަޕުގައި އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިންގެ ލިސްޓުގެ 7 ވަނައިގައި އޮތް ކުޅުންތެރިޔާއެވެ. އެއީ ކްލަބް ވެލެންސިއާ، ނިއު އަދި ވީބީ އައްޑޫ އެފްސީއަށް ޖަހައިދިން 29 ގޯލާ އެކުއެވެ.