ކުޅިވަރު

ޕްލޭން 120ގެ ނަމުގައި ކްރިކެޓް ބޯޑުން ކުރު ރާސްތާ ޕްލޭންއެއް


ޕްލޭން 120ގެ ނަމުގައި ކްރިކެޓް ބޯޑް އޮފް މޯލްޑިވްސްއިން ކުރު ރާސްތާ ޕްލޭންއެއް އެކުލަވާލައިފިއެވެ.

މިޕްލޭންއަކީ ކުރިއަށް އޮތް 4 އަހަރަށް ތައްޔާރުކުރާ ޕްލޭންއަށް ތައްޔާރު ވުމުގެ ގޮތުން ކްރިކެޓް ބޯޑުން އެކުލަވާލާފައިވާ 4 މަހުގެ ކުރު މުއްދަތުގެ ޕްލޭނެކެވެ.

ކްރިކެޓް ބޯޑް އޮފް މޯލްޑިވްސްއިން މަޢުލުމާތުދޭ ގޮތުގައި ޕްލޭން 120ގައި ހިމެނެނީ ކުރިއަށް އޮތް 3 މަސް ދުވަހުގެ ތެރޭ ކްރިކެޓާގުޅުން ހުރި ފަރާތްތަކުން ހާސިލް ކުރަން ބޭނުންވާ ލަނޑުދަނޑިތަކާއި މިޕްލޭނާއި އެއްގޮތަށް މަސައްކަތް ކުރާނެ ޕްލޭނެކެވެ. މިޕްލޭންގައި ހިމެނެނީ ބޯޑުގެ ހިންގުމާއި، ވައި.ޑީ.ޕީ އާއި ކުޅުންތެެރިން ބިނާ ކުރުމާއި، ގައުމީ ޓީމާގުޅޭކަންކަމާއި ކުލަބުތަކާއި ގުޅުންހުރި ކަންކަމާއި ކޯޗުންނާ ގުޅުން ހުރިކަންކަމާއި އަދި މިވަގުތަށް ވަސީލަތްތަށް ބޭނުން ކުރުމަށް ހުރި ދަތިތަށް ހައްލުކުރުންވެސް ހިމެނެއެވެ.

މީގެއިތުރުން ރީޖަނަލް ޑިވެލޮޕްމަންޓް ޕެލޭނެއް ހެދުމާއި ކުރިއަށް އޮތް ހަތަރު އަަހަރުގެ ޕްލޭން ތައްޔާރު ކުރުމާއި، ބޯޑުގެ ހިންގާ ގަވާއިދަށް ގެންނަންޖެހޭ ބައެއް ބަދަލުތަށް ގެނައުންވެސް ހިމެނޭކަމަށް ކްރިކެޓް ބޯޑް އޮފް މޯލްޑިވްސްގެ ރައީސް މުހައްމަދު ފައިސަލް ވިދާޅުވި. ޕްލޭން 120ގެ މަސައްކަތް ކުރުމަށް ހަމަޖެހިފައިވަނީ މާލެ އާއި ފުވައްމުލަށް އަދި ލ.އަތޮޅު ކުނަހަންދޫވެސް ހިމަނައިގެންނެވެ. މިޕްލޭންގެ ހުރި ކަންތައްތައް ހާސިލް ކުރުމަށް މަސައްކަތް ކުރާނީ އެގްޒެކެޓިވް ކޮމެޓީ އާއި މެނޭޖްމަންޓް ސްޓާފުން ހިމެނޭ ޓީމްތައްކަމަށްވެސް ކްރިކެޓް ބޯޑް އޮފް މޯލްޑިވްސްގެ ރައީސް މުހައްމަދު ފައިސަލް ވިދާޅުވިއެވެ.

މިޕްލޭންގެ މުއްދަތަކީ މިއަހަރުގެ ނޮވެމްބަރ މަހުން ފެށިގެން މިއަންނަ އަހަރުގެ ފެބްރުއަރީގެ ނިޔަލަށެވެ. ޕްލޭން 120ގެ މުއްދަތު ކަޑައެޅިފައިވަނީ ޓީ 20 މެޗެއްގެ ހިމެނޭ 20 އޯވަރުގެ އިނިންގްސް އެއްގެ 120 ބޯޅައަށް ބިނާކޮށްކަމަށް ކްރިކެޓް ބޯޑް އޮފް މޯލްޑިވްސްއިން މަޢުލުމާތުދެއެވެ.