ސްޕޯޓްސް ކޯޕަރޭޝަންގެ ދައުރު ބޮޑުކޮށް، ކުޅިވަރުގެ ބިންތަކުން ފައިދާވާ ގޮތަށް އެތަންތަށް ހިންގަން ޖެހޭކަމަށް ހެންވޭރު ހުޅަނގު ދާއިރާގެ މަޖްލިސް މެންބަރު އަދި ކުރީގެ ޔޫތް މިނިސްޓަރ ހަސަން ލަތީފް ވިދާޅުވެއްޖެއެވެ.
ކުޅިވަރު ގާނޫނަށް ހަސަން ލަތީފް ހުށައެޅުއްވި އިސްލާޙުތަކުގެ ތެރޭގައި ސްޕޯޓްސް ކޯޕަރޭޝަންގެ ދައުުރު ބޮޑުކޮށް، ކުޅިވަރު ބިންތަށް އެކޯޕަރޭޝަން ދަށަށް ބަދަލުކޮށް، ވިޔަފާރި އުސޫލުން އެބިންތައް ހިންގުން ހިމެނެއެވެ. ކުޅިވަރުގެ ގާނޫންނަށް އިސްލާޙު ހުށައެޅުއްވި މެންބަރު ހަސަން ލަތީފް ވިދާޅުވީ ޒަމާނަށް އައި ބަދަލާއެކު މިހާރު ކުޅިވަރަކީ ދުނިޔޭގައި އެންމެ ގިނައިން ފައިދާވާ އަދި އެންމެ ގިނަ ފައިސާވަންނަ އެއް ވަސީލަތްކަމަށެވެ. ޔޫރަޕްގެ އެސޯސިއޭޝަންތަކާއި ކުލަބްތައް މިހާރު ހިންގަނީ އެކުލަބަކަށް ނުވަތަ އެ އެސޯސިއޭޝަނަކަށް ލިބޭ ފައިސާއިންކަމަށާއި ސަރުކާރުން މާބޮޑު ބުރައެއް އުފަލަން ނުޖެހޭކަމަށް ހަސަން ވިދާޅުވިއެވެ.ހަސަން ލަޠީފް އިތުރަށް ވިދާޅުވީ ރާއްޖޭގައިވެސް މިހާރު ކުޅިވަރު ބިންތަކުން ފައިދާވާ ގޮތަށް ހިންގަންޖެހޭކަމަށާއި މައި ސަރުކާރުން ކުޅިވަރުގެ ހުރިހާ ހަރަދެއް ބެލުމަކީ އެންމެ ރަގަނޅުގޮތް ނޫންކަމަށާއި ކުޅިވަރު ބިންތަކުން ފައިސާ ހޯދައިގެން އެސޯސިއޭޝަންތަށް ހިންގަންޖެހޭކަމަށެވެ.
ކުޅިވަރުގެ ގާނޫނަށް ހަސަން ލަތީފް ހުށައެޅުއްވި އިސްލާޙުތަކުގެ ތެރެއިން ސްޕޯޓްސް ކޯޕަރޭޝަނަށް ބާރުތައް ދިނުމާބެހޭ އިސްލާޙަށް ކުޅިވަރު ފަރާތްތަކުން ތަޢުރީފުކޮށްފައިވާއިރު، ގައުމީ އެސޯސިއޭޝަންތަކުގެ އިންތިޚާބުތައް ކުރިއަށްގެންދާނީ އިލެކްޝަން ކޮމިޝަނުންކަމަށް ބުނާ އިސްލާހަށް ކުޅިވަރު ފަރާތްތަކުން ދަނީ ވަރަށް ބޮޑަށް ފާޑު ކިޔަމުންނެވެ. ޔޫތް މިނިސްޓަރުކަންވެސް ކުރައްވާފައިވާ ހަސަން ލަތީފް ވިދާޅުވީ ކުޅިވަރު ބިންތަކުން ފައިސާ ހޯދައިގެން ހިންގަން ޖެހޭކަމަށާއި، އަދި ސަރުކާރަށް ބުރަނުވާގޮތަށް އެސޯސިއޭޝަންތައް ހިންގަން ފެށުމުން، ކުޅިވަރުވެސް އިތުރަށް ތަރައްގީވެ، އެސޯސިއޭޝަންތަކުގެ ހިންގުންވެސް ހަރުދަނާވެގެންދާނެކަމަށް ހަސަން ލަޠީފް ވިދާޅުވިއެއްވެ.
ކުޅިވަރު ގާނޫނު ވުޖޫތަށް އައިސްފައިވަނީ 2015ވަނަ އަހަރެވެ. ނަމަވެސް ގާނޫނުގެ ދަށުން ހަދަންޖެހޭ ގިނަ ޤަވާއިދުތަކެއް އަދިވެސް ހުރީ ނުހެދިއެވެ.