އދ.ގެ އާންމު މަޖިލީހުގެ ރައީސްކަމަށް ރާއްޖޭގެ ފޮރިން މިނިސްޓަރ ޢަބްދުﷲ ޝާހިދު އިންތިޚާބުކުރުމަށް ސަޢުދި އަރަބިއްޔާއިން ތައިދުކުރާކަން ހާމަކޮށްފިއެވެ.
އދ.ގެ ޢާންމު މަޖިލީހުގެ ރިޔާސަތަށް މިނިސްޓަރ ޝާހިދު ވަޑައިގަތުމަށް ގެންދަވަނީ ކެމްޕެއިންކުރައްވަމުންނެވެ. މިގޮތުން ބައެއް ޤައުމުތަކުގެ ތާޢީދު މިނިސްޓަރ ޝާހިދަށް މިހާރު ވަނީ ލިބިވަޑައިގެންފައެވެ. އެ ގޮތުން ސަޢުދިއަރަބިއްޔާއިންވެސް މިނިސްޓަރ ޝަހިދު އދ.ގެ އާންމު މަޖިލީހުގެ ރިޔާސަތަށް އިންތިޚާބުކުރުމަށް ތާޢީދުކުރާކަން ހާމަކޮށްފައި ވަނީ އެޤައުމުގެ ފޮރިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އާދިލް ބިން އަޙްމަދު އަލް ޖުބައިރު ރާއްޖޭގެ ފޮރިން މިނިސްޓްރީއަށް ފޮނުއްވެވި ސިޓީއެއްގައެވެ.
ޢާންމު މަޖިލީހުގެ ރިޔާސަތަށް ރާއްޖޭގެ ފޮރިން މިނިސްޓަރ ޢަބްދުﷲ ޝާހިދު އިންތިޚާބުކުރުމަށް އިންޑިއާއިންވެސް ތާޢީދުކުރާނެކަމަށް އެޤައުމުން ހާމަކޮށްފައި ވެއެވެ. އެގޮތުން އިންޑިއާގެ ފޮރިން ސެކްރެޓަރީ ހަރްޝް ވަރްދަން ޝްރިންގްލާ ދާދިފަހުން ރާއްޖެއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގެ ތެރެއިން ރާއްޖެއާއެކު ބޭއްވެވި މަޝްވަރާތަކުގައި ވަނީ ޢާންމު މަޖިލީހުގެ ރައީސްކަން ރާއްޖެއަށް ހޯދައިދިނުމަށް އެޤައުމުން މަސައްކަތްކޮށްދޭނެކަމަށް ވިދާޅުވެފައެވެ.
އދގެ އާންމު މަޖިލިސް ނުވަތަ ޖެނެރަލް އެސެމްބްލީގެ ރިޔާސަތަކީ އެ ޖަމްއިއްޔާގެ އެންމެ މަތީ މަގާމެވެ. ރާއްޖެ ހިމެނޭ ސަރަހައްދަށް އެ ފުރުސަތު ލިބޭނީ ކުރިއަށް އޮތް ދައުރަށް ފަހުއެވެ.
އެގޮތުން ކޮންމެ އަހަރަކުވެސް އާންމު މަޖިލީހުގެ ރިޔާސަތަށް އިންތިޚާބުކުރާނީ ޖިއޮގްރަފިކް ފަސް ސަރަހައްދުގެ ތެރެއިން ކޮންމެވެސް އެއް ސަރަހައްދަކުންނެވެ އެއީ އެފްރިކާ، އޭޝިއާ-ޕެސެފިކް، އީސްޓާން ޔޫރަޕިއަން، ލެޓިން އެމެރިކާ އެންޑް ކެރިބިއަންގެ އިތުރުން ވެސްޓާން ޔޫރަޕިއަން ސަރަހައްދެވެ. އަދި މިއީ އެއް އަހަރު ދުވަހުގެ ދައުރެކެވެ.
މިހާރު ހިނގަމުންދާ 75 ވަނަ އދ.ގެ ޢާންމު މަޖިލީހުގެ ރިޔާސަތު ބަލަހައްޓަމުންދަނީ ވެސްޓާން ޔޫރަޕިއަން ސަރަހައްދުގެ ޤައުމުތަކުގެ ތެރެއިން ތުރުކީވިލާތުގެ ބޭފުޅެކެވެ. އަދި 76 ވަނަ ދައުރުގެ ރިޔާސަތު ބެލެހެއްޓުމުގެ ފުރުސަތު ލިބިގެންދާނީ އޭޝިއާ ޕެސިފިކް ސަރަހައްދުގެ ޤައުމުތަކުގެ ތެރެއިން ޤައުމަކަށެވެ. މިނިސްޓަރ ޝާހިދު ވާދަކުރައް ވަނީ މިސަރަހައްދަށެވެ. އދ. ގެ 76 ވަނަ އާންމު މަޖިލިސް ފަށަން ތާވަލްކޮށްފައިވަނީ އަންނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 14 ވަނަ ދުވަހު ބޭއްވުމަށެވެ.