ޚަބަރު

މިދިޔަ މަހުގެ ނިޔަލަށް މަސްވެރިންނަށް 14.5 މިލިޔަން ރުފިޔާގެ ލޯނު ދޫކުރި


  • މިހާތަނަށް 113 މަސްވެރިޔަކަށް ލޯނު ދޫކޮށްފައިވޭ

  • ލޯނު ދޫކުރަނީ "މަސްވެރިޔާ ޕޯޓަލް" މެދުވެރިކޮށް

މިދިޔަ އޮގަސްޓްމަހުގެ ނިޔަލަށް މަސްވެރިންނަށް 14.5 މިލިޔަން ރުފިޔާގެ ލޯނު ދޫކޮށްފައިވާކަމަށް މަސްވެރިކަމާއި ދަނޑުވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާއިން ވިދާޅުވެއްޖެއެވެ.

މީގެކުރިން މަސްވެރިންނަށް އެއްވެސް ސަރުކާރަކުން އަޅާނުލާ އޮތް އޮތުން ނިމުމަކަށް ގެނައުމަށްޓަކައި މި ސަރުކާރު ވެރިކަމާއި ޙަވާލުވުމަށްފަހު މަސްވެރިންގެ ޤައުމީ ދަފްތަރެއް އެކުލަވާލުމުގެ މަސައްކަތް ފެށިއެވެ. އަދި އެހެން ވަޒީފާތަކުގައި އުޅޭ މީހުންނެކޭވެސް އެއްފަދައިން މަސްވެރިންނަކީވެސް ދައުލަތް ދަންނަ ބަޔަކަށް ހެއްދެވުމަށް ސަރުކާރުން އަންނަނީ މުހިންމު މަސައްކަތްތަކެއް ކުރަމުންނެވެ.

މި މަސައްކަތުގެ ތެރެއިން މަސްވެރިންނަށް ފަސޭހަކަމާއެކު ފައިނޭންސް ލިބޭނެ މަގު ތަނަވަސްކޮށްދިނުމަށް ބީއެމްއެލްއާއި މަސްވެރިކަމާއިބެހޭ ވުޒާރާއިން މިދިޔަ އަހަރުގެ އޭޕްރިލްމަހުގެ ތެރޭގައި އެއްބަސްވުމެއްގައި ސޮއިކޮށް މޭއިމަހުން ފެށިގެން ވަނީ މަސްވެރިންނަށް ލޯނު ދޫކުރަން ފަށާފައެވެ.

މަސްވެރިކަމާބެހޭ ވުޒާރާއިން ވިދާޅުވީ، އެ މަސައްކަތުގެ ތެރެއިން ނިމުނު އޮގަސްޓު މަހުގެ ނިޔަލަށް 113 މަސްވެރިންނަށް 14.5 މިލިޔަން ރުފިޔާގެ ލޯނު ދޫކޮށްފައިވާކަމަށެވެ.


މަސްވެރިންނަށް ލޯނު ދޫކުރަނީ "މަސްވެރިޔާ ޕޯޓަލް" މެދުވެރިކޮށެވެ. މަސްވެރިޔާ ޕޯޓަލަކީ މަސްވެރިންގެ ޤައުމީ ދަފްތަރުގައި ރަޖިސްޓަރީކޮށްފައިވާ މަސްވެރިންގެ ތެރެއިން ޝަރުތު ހަމަވާ ފަރާތްތަކަށް އެހީތެރިވުމަށްޓަކައި އިސްލާމިކް ފައިނޭންސްގެ ގިނަ ސްކީމްތަކަކަށް އޮންލައިންކޮށް ހުށައެޅޭނެގޮތަށް ޑިޒައިންކޮށްފައިވާ ޕޯޓަލްއެކެވެ.

މި ޕޯޓަލް މެދުވެރިކޮށް ގެދޮރު އިމާރާތްކޮށް މަރާމާތުކުރުމަށާއި، މަސްވެރިކަމުގެ ސާމާނު ގަތުމާއި، އައު ކުރުމަށާއި، ދަރިންނަށް މަތީ ތަޢުލީމުގެ ފުރުޞަތު ހޯދައިދިނުމަށް، ލޯނަށް ހުށަހެޅޭނެއެވެ. އަދި އޮޑިފަހަރު ބަނުމާއި ގަތުމާއި މަރާމާތު ކުރުމަށާއި، ގެސްޓްހައުސް ވިޔަފާރިއަށް އިންވެސްޓްކުރުމަށްވެސް ލޯނަށް އެދި ހުށަހެޅޭނެއެވެ.

މި ޕޯޓަލްގެ ސަބަބުން، ބީއެމްއެލްގެ އެއްވެސް ބްރާންޗަކަށް ދާން ނުޖެހި، ކޮންމެ ތަނެއްގައި ކޮންމެ ވަގުތެއްގައި ހުރެގެން ފަސޭހަކަމާއެކު ސްކީމްތަކަށް ހުށައެޅުމުގެ ފުރުޞަތު ލިބޭނެއެވެ.