ދުނިޔެ

ސްޕެއިނަށް ދަތުރުކުރުމަށް ނެގެޓިވް ޕީސީއާރު ޓެސްޓެއް ބޭނުންވާނެ


ހަލުވިކޮށް ކޯވިޑް-19 ފެތުރޭ ސަރަޙައްދުތަކުން ސްޕެއިނަށް ދަތުރުކުރާ މީހުންގެ އަތުގައި ނެގެޓިވް ޕީސީއާރު ޓެސްޓެއް އޮންނަން ޖެހޭގޮތަށް އެ ޤައުމުން ނިންމައިފިއެވެ.

ސްޕެއިނުގައި މިހާތަނަށް 1.46 މިލިއަން މީހުންނަށް ކޯވިޑް-19ޖެހި 40،000އަށްވުރެ ގިނަ މީހުންވަނީ އެ ބަލީގައި މަރުވެފައެވެ. އެ ޤައުމު މިވަގުތު އޮތީ ވިލާތުގެ ޤައުމުތަކުގެ ތެރެއިން ދެވަނައަށް އެންމެ ގިނަ ޢަދަދެއްގެ މީހުންނަށް ބަލިޖެހިފައިވާ ޤައުމުގެ ގޮތުގައެވެ. މީގެ ކުރިން ކޮންމެ 100،000 މީހެއްގެ ތެރެއިން 800އަށްވުރެ ގިނަ މީހުންނަށް ބަލިޖެހެމުން ގޮސް ބަލިފެތުރޭ ނިސްބަތް މިހާރުވަނީ 525 ކޭހަށް ދަށަށް ގޮސްފައެވެ.

ވިލާތުގެ އެހެން ގިނަ ޤައުމުތަކަށް ދަތުރުކުރުމަށް ޕީސީއާރު ނެގެޓިވް ޓެސްޓެއް ބޭނުންވާގޮތަށް އިންތިޒާމް މީގެ ކުރިން ހަމަޖައްސާފައި އޮތްނަމަވެސް ސްޕެއިނުން ވަނީ އެފަދަ ފިޔަވަޅެއް އެޅުން ފަސްކޮށްފައެވެ. ނަމަވެސް ސްޕެއިނުގެ ޞިއްޙަތާއި ބެހޭ ވުޒާރާއިން ބުނީ ހަލުވިކޮށް ކޯވިޑް ފެތުރޭ ޤައުމުތަކުން އެ ޤައުމަށް ދަތުރުކުރާ މީހުންގެ އަތުގައި ނޮވެމްބަރު މަހުގެ 23ވަނަ ދުވަހުން ފެށިގެން ޕީސީއާރު ނެގެޓިވް ޓެސްޓެއް އޮތުން މަޖުބޫރުވާނެކަމަށެވެ. ނެގެޓިވް ޕީސީއާރު ޓެސްޓު ބޭނުންވާނީ ކޮން ޤައުމުތަކަކުން ދަތުރުކުރާ ބަޔަކަށްކަން ނިންމުމަށް އެ ޤައުމުން ބޭނުންކުރާނީ ވިލާތުގެ އިއްތިޙާދުގެ ޝަރުތުތައްކަމަށް ސްޕެއިން ސަރުކާރުން ބުނެއެވެ. އެގޮތުން މައިގަނޑު ގޮތެއްގައި ބަލާނީ ފާއިތުވި ދެ ހަފުތާގެ ތެރޭގައި އެ ޤައުމެއްގެ ކޮންމެ 100،000 މީހުންގެ ތެރެއިން ބަލިޖެހިފައިވަނީ ކިތައް މީހުންނަށްކަމަށް އެ ވުޒާރާއިން ބުންޏެވެ.

ވިލާތުގެ އިއްތިޙާދުން ކަނޑައަޅާފައިވާގޮތުގައި ކޯވިޑް-19ގެ ސަބަބުން އެންމެ ނުރައްކާ ބޮޑު ޤައުމުތަކަކީ ފާއިތުވި 14 ދުވަހުގެ ތެރޭގައި އެ ޤައުމެއްގެ އާބާދީގެ ކޮންމެ 100،000 މީހުންގެ ތެރެއިން 150އަށްވުރެ ގިނަ މީހުންނަށް ބަލިޖެހިފައިވާ ޤައުމުތަކެވެ. އަދި އެ ޤައުމެއްގައި ކުރާ ޖުމްލަ ތަހުލީލުގެ 4 އިންސައްތަ ބައްޔަށް ޕޮސިޓިވްވާނަމަ އެ ޤައުމަކީވެސް ނުރައްކާ ބޮޑު ޤައުމެއްގެ ގޮތުގައި ބަލާނެއެވެ.