ޚަބަރު

މެސީ ކުޅެން ހުއްޓާލާ ދުވަސް ގާތްވާއިރު މުސްތަގްބަލަށް ބޮޑެތި ޕްލޭން ތަކެއް


  • މެސީ އާޖެންޓީނާއަށް ކުޅޭ ފަހު މެޗު ބެނިން އާއި ދެކޮޅަށް މިރޭ ފަތިހު

ދުނިޔެ ދުށް އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިންގެ ލިސްޓުގެ އެންމެ ކުރީގައި އުޅޭ އެއް ކުޅުންތެރިޔާ ކަމަށްވާ އާޖެންޓީނާގެ ލިއޮނެލް މެސީ ޤައުމީ ޓީމަށް ކުޅޭ ފަހު މެޗު މިރޭ ފަތިހު ކުޅުމަށްވަނީ ހަމަޖެހިފައެވެ. އާޖެންޓީނާގެ ވެރިރަށް ބޮއިނަސް އައިރިސްގެ މޮނިއުމެންޓަލްގައި ބެނިން އާއި ދެކޮޅަށް ކުޅޭ މެޗު ވާނީ އާޖެންޓީނާގެ ޤައުމީ ޓީމަށް ކުޅޭ 208 ވަނަ މެޗަށެވެ.

އާޖެންޓީނާގެ ޤައުމީ ޓީމަށް އެންމެ ގިނަ މެޗު ކުޅުމުގެ އިތުރުން އެންމެ ގިނަ ލަނޑު ޖަހައިދީފައިވާ މެސީ ކުޅޭ މިމެޗު ވާނީ އާޖެންޓިނާއަށް ކުޅޭ ވަދާއީ މެޗަށެވެ. މިމެޗަކީ އާޖެންޓީނާގެ ރައްޔިތުންގެ އިހްސާސް ތަކާއި ވަރަށް ބޮޑަށް ގުޅިފައިވާ މެޗެއްކަމުން މިމެޗުގެ ބޮޑު ކަމާއި މުހިންމުކަން އާޖެންޓީނާގައި ވަަރަށް ބޮޑެވެ.

އާޖެންޓީނާގައި އުފެދުނު އެންމެ މޮޅު ކުޅުންތެރިޔަކީ މެސީކަމަށް ބުނެ ކުރެވޭ ބަހުސް އަބަދުވެސް ކުރިއަށްދާނެއެވެ. އޭނާ އާއި މި ލިސްޓުގައި އެންމެ ގާތް ކުރާ ކުޅުންތެރިޔަކީ ކުރީގެ ތަރި ޑިއޭގޯ މަރަޑޯނާއެވެ. މެސީ ވަނީ ފީފާ ވޯލްޑް ކަޕް ނިމުނުތާ 6 ހަފްތާ ފަހުން އޮގަސްޓް މަހުގެ 31 ވަނަ ދުވަހު ޤައުމީ ޓީމަށް ކުޅުން ހުއްޓާލާކަން ހާމަކޮށްފައެވެ.

އާޖެންޓީނާގެ ކޯޗު ލިއޮނެލް ސްކަލޯނީ ބުނީ މެސީ ބޭނުންނަމަ އޭނާއަށް އަދިވެސް ޤައުމީ ޓީމުން ޖާގަ އޮތް ކަމަށެވެ. އަދި އޭނާގެ ނިންމުން ބަދަލުކުރުމަކީ ލަދުގަންނަންޖެހޭވަރުގެ ކަމެއް ނޫންކަމަށެވެ. ނަމަވެސް މިހާރު މަންޒަރު ފެންނަގޮތުން މެސީ ޤައުމީ ޓީމަށް ކުޅުން ހުއްޓާލާނެއެވެ. ނަމަވެސް އޭނާގެ ކްލަބް ކެރިއަރ އަދި ކުރިއަށްދާނެއެވެ. އޭނާ އިންޓަރ މައާމީ އާއެކު ހަދާފައިވާ އެގްރީމަންޓް ހަމަވާނީ 2028 ވަނަ އަހަރުގެ ސީޒަނާއެކުއެވެ. ނަމަވެސް އެހާތަނަށް ދާއިރު އޭނާ ފިޓްކޮށް ހުރެއްޖެނަމަ ކޮންޓްރެކްޓް އާކުރުމުގެ ފުރުސަތުވެސް އެބައޮތެވެ.

މެސީ އާއި އެންމެ ގާތްކޮށް އުޅޭ މީހުން ކައިރިން ފުޓްބޯޅަ ކުޅުން ހުއްޓާލުމަށްފަހު މެސީ ދެން ކުރާނީ ކޮން ކަމެއްތޯ އެހުމުން އެއިން ކޮންމެ މީހެއްގެ ގާތަށްވެސް އަންނަނީ ހިންޏެވެ. އެއީ މެސީއަކީ އޭނާ ކުރިއަށް ކުޅޭ މެޗަށްވުރެ ދުރަށް އެއްވެސް ކަމެއް ރާވާ ކުޅުންތެރިއެއް ނޫނެވެ. މިއާއެކުވެސް މިހާރު ފެންނަން ހުރިކަންތައްތަކަށް ބަލާލާއިރު މުސްތަޤްބަލްގެ ޕްލޭންތައް ފެންނަނީ ވަރަށް ބޮޑު ކޮށެވެ. މިގޮތުން ފުޓްބޯޅައިގެ ތެރޭގައި ކޮންމެވެސް އެއް ސިފައެއްގައި ހަރަކާތްތެރިވާތަން ފެނިގެންދާނެކަން ޔަގީންވާއިރު އެހެން ވިޔަފާރިތަކަށް ހުރި ޝައުގު ފެންނަނީ ވަރަށް ފުޅާކޮށެވެ.

ދާދިފަހުން މެސީ ގާތު އޭނާ މުސްތަގްބަލްގައި ވާން ބޭނުމީ ކޯޗަކަށްތޯ ނުވަތަ ޓީމެއްގެ ވެރިއަކަށް ތޯ ސުވާލުކުރުމުން މެސީ ބުނީ އޭނާ ބޭނުންވަނީ ވެރިއަކަށް ވާން ކަމަށެވެ. މެސީ ގަބޫލް ކުރާގޮތުގައި ކޯޗަކީ ކޮންމެ ހޮނިހިރު ދުވަހަކު ދިރިފަ އަދި މަރުވާ ފަރާތެކެވެ. އަދި އޭނާ އެހާ ގިނަ ކަންތައްތަކާ ކުރިއަށް އޮތްތާނގާ ފިކުރު ކުރަން ބޭނުން ނުވާކަމަށްވެއެވެ.

ކްލަބެއްގެ ވެރިއަކީ ކްލަބްގެ ކަންތައްތައް ޓީމާއި ތަންކޮޅެއް ދުރުގައި ހުރެގެން ނިންމާނެ ފަރާތެވެ. ނަމަވެސް އޭނާ ދަންނަ ފަރާތްތަކުން ޤަބޫލް ކުރާގޮތުގައި މެސީއަކީ ޓީމުގެ މެނޭޖަރ އެޕޮއިންޓް ކުރުމުގެ ކަންތައް ނިންމާލާފައި ފަރުޖައްސާލާނެ މީހެއް ނޫނެވެ. އޭގެ ބަދަލުގައި އެޓީމެއްގެ ހުރިހާ ކަމެއް ގާތުން ބަލާނެ މީހަކަށް މެސީ ވާނެއެވެ.

އަދި މިކަމުގެ ބިންގާވަނީ މިއަހަރުގެ ތެރޭގައި ސްޕެއިންގައި އެޅިގެން ގޮސްފައެވެ. މިއަހަރުގެ އޭޕްރީލް މަހު ގަތް ބާސެލޯނާ ކައިރީގައިވާ ސްޕެއިންގެ ފުޓްބޯޅައިގެ ފަސްވަނަ ހަރުފަތަށް ނިސްބަތްވާ ޔޫއީ ކޯނޭޔާ އަކީ ޒުވާން ކުޅުންތެރިން އުފެއްދުމަށް މެސީ ބޭނުން ކުރާނެ ވަސީލަތެކެވެ. އަދި މިމަހު ގަތް ސްޕެއިންގެ ދެވަނަ ޑިވިޜަނަށް ނިސްބަތްވާ ސީޑީ އެލްޑެންސް އަކީ އޭނާގެ ފުޓްބޯޅައިގެ އޮޕަރޭޝަން ކުރިއަށް ގެންދިއުމަށް ނިންމާފައިވާ ކްލަބެވެ. ނަމަވެސް މިވަގުތު އެކްލަބްގެ ވިސްނުން ހުރީ މިއަހަރު ރެލިގޭޝަނުން ސަލާމަތްވުމެވެ. މިގޮތުން މެސީ އެކްލަބާއި ހަވާލުވުމަށްފަހުވަނީ ކޯޗަކަށް ވިޔަރެއާލްގެ ކުރީގެ ކޯޗު ހާވީ ކަޔޭހާ ގެންގޮސްފައެވެ. އަދި މެސީ ކުޅުން ހުއްޓާލާ މިދެކްލަބްގެ ކަންތައްތަކަށް ފުރިހަމައަށް ވަގުތު ދެވެންދެން މެސީ ވިސްނާފައިވަނީ އޭނާގެ އަރިސް މީހުން ބޭނުން ކޮށްގެން ކަންތައްތައް ކުރިއަށް ގެންދާށެވެ. އަދި މިވަގުތު އެލްޑެންސްގެ ހުރިހާ މެޗެއް މެސީ އަންނަނީ ކޮމްޕިއުޓަރ ބޭނުން ކޮށްގެން ބަލަމުންނެވެ.

މެސީގެ ގުޅުމާއެކު އެކަމުގެ އެގުން މިދެ ކްލަބަށްވެސް ވަނީ ކޮށްފައެވެ. މިގޮތުން 12 ވަރަކަށް ސްޕޮންސަރުންވަނީ މެސީގެ ކްލަބްތަކުގައި އިންވެސްޓް ކުރުމަށް ޝައުގުވެރިކަން ފާޅުކޮށްފައެވެ. މީގެއިތުރުން މެސީ އާއި މައާމީ އާއި ގުޅުމެއްވެއެވެ. އިންޓަރ މައާމީ އާއެކު މެސީ ހަދާފައިވާ އެއްބަސްވުމުގެ ދަށުން އޭނާ ރިޓަޔަރ ކުރުމާއެކު އެކްލަބްގެ ކޮންމެވެސް ވަރެއްގެ ހިއްސާ އޭނާއަށް ލިބޭނެއެވެ. މެސީ އާއި އަރިސް ފަރާތްތަކުން ބުނާގޮތުގައި އޭނާގެ ވިސްނުން ހުރީ ޔޫރަޕާއި މައާމީގައެވެ.

ޒުވާނުންގެ ފުޓްބޯޅައަށް މެސީ ލޯބިކުރާކަންވަނީ ފަހަކަށް އައިސް ވަރަށް ބޮޑަށް ފާހަގަ ވެގެން ގޮސްފައެވެ. މިގޮތުން އޭނާ މިދިޔަ އަހަރު ތައާރަފް ކުރި މެސީ ކަޕާއި އޭނާގެ ދަރިފުޅުގެ މެޗުތައް ބަލަން ދިއުމަށް ހުންނަ ޝައުގު މީގެ ހެއްކަކަށް ފުދެއެވެ. 16 އަހަރުން ދަށުގެ އެކަޑަމީތަކަށް ހާއްސަ ކޮށްގެން މިދިޔަ އަހަރު އަށް ޓީމާއެކު ފެށި މެސީ ކަޕް އިންތިޒާމް ކުރި ފަރާތްތަކުން މިމުބާރާތުގެ ދެމެޗެއްވަރު ބަލާލަން މެސީ ދާނެކަމަށް ހީކުރި ނަމަވެސް ގިނަ ބަޔަކު ހައިރާން ކޮށްލުމަށްފަހު މެސީ ވަނީ އެމުބާރާތުގެ ހުރިހާ މެޗެއް ބަލަން ގޮސްފައެވެ. އަދި މިއަހަރުގެ މުބާރާތުގައި ބައިވެރިވި ޓީމުތަކުގެ އަދަދު ވަނީ 16 އަށް އިތުރުވެގެން ގޮސްފައެވެ. މިމަހުގެ 25 ވަނަ ދުވަހު އިންޓަރ މައާމީގެ މަރުކަޒުގައި ފަށާ މިމުބާރާތުގައި މިފަހަރު މެސީގެ ޓީމު ޔޫއީ ކޯނޭޔާ އާއި އެޓްލެޓިކޯ މެޑްރިޑް، ޗެލްސީ، ބާސެލޯނާ، އިންޓަރ މިލާން، އާސެނަލްގެ ޒުވާން ޓީމުތައް ހިމެނެއެވެ.

ފުޓްބޯޅައާއި ދުރަށް ޖެހިލާއިރު އޭނާ ކުރަމުންދާ މަސައްކަތް ތަކަށް ބަލާލުމުން ފޯބްސްއިން މެސީގެ މިލްކިއްޔާތު 1.1 ބިލިޔަން އެމެރިކާ ޑޮލަރަށް އަރަނީ ކީއްވެގެންކަން ހާމަވެގެންދެއެެވެ. މެސީގެ މިދިޔަ އަހަރުގެ އާމްދަނީ އުޅުނީ 140 މިލިޔަން އެމެރިކާ ޑޮލަރުގައެވެ. 2017 ވަނަ އަހަރު އެޑިޑާސް އާއެކު މެސީ ހެދި އުމުރު ދުވަހުގެ ކޮންޓްރެކްޓްގެ ސަބަބުން އޭނާއަށް ބޮޑު އެއްޗެއް ލިބެއެވެ. މެސީގެ ފެންނަން ހުރި ވިޔަފާރިތަކަށް ބަލާލާއިރު އެމްއައިއެމް ހޮޓެލްސް އަކީ އެންމެ ފާހަގަ ކޮށްލެވޭ އެއް ވިޔަފާރިއެވެ. އިބީޒާއިން ގޮސް އެންޑޯރާ އާއި ދެމެދު ހެދިފައިވާ ބުޓީކް 6 ޕްރޮޕަޓީގެ މައްޗަށް އެލުލެވޭ ވިޔަފާރިއަކީ މެސީ އާއި މެޖެސްޓިކް ހޮޓެލް ގްރޫޕް ގުޅިގެން މޭލިއާ ކަލެކްޝަންގެ ދަށުން ކުރިއަށް ގެންދާ ކަމެކެވެ. އަދި ރޮސާރިއޯގައި މެސީގެ އާއިލީ ފަރމުންވަނީ ޕަރަނާ ކޯރު ކައިރީގައި 24 ޕްރޮޕަޓީ ބިނާކުރުމަށް އިންވެސްޓް ކޮށްފައެވެ. އަދި މިޕްރޮޕަޓީތައް ވިއްކުމާއި ހަވާލުވެފައިވަނީ މެސީ އާއެކު ޤައުމީ ޓީމަށް ކުރިން ކުޅުނު ގާތް އެކުވެރިއެއް ކަމަށްވާ އެންޖެލް ޑި މާރިއާގެ ޕްރޮޕަޓީ އެޖެންސީންނެވެ. މީގެއިތުރުން މެސީވަނީ ރެސްޓޯރަންޓް ޗެއިނެއް ކަމަށްވާ އެލް ކްލަބް ޑެލަ މިލަނޭސާގެ ޕާޓްނަރަކަށްވެސް ވެފައެވެ. އެ ރެސްޓޯރަންޓް ޗެއިން އިންވަނީ ސްޕެއިންގެ ކެޓަލޯނިއާގައި ފަސް ބްރާންޗް ހުޅުވުމަށް ނިންމާފައެވެ.

މައުލޫމާތުލިބޭގޮތުގައި މެސީގެ ވިޔަފާރީގެ ބައި ފެށިގެން ގޮސްފައިވަނީ އޭނާގެ ބައްޕަ ހޯގޭ މެސީގެ ފަރާތުންނެވެ. ބައްޕަ މެސީގެ ވިސްނުން ކުރިން ހުރިގޮތުން ޓެކްސްގެ ކަންތައްތަކުގައި މައްސަލަ ތަކެއް ދިމާވެގެންދިޔަ ނަމަވެސް އޭނާ މަރުވުމުގެ ކުރިންވަނީ މެސީގެ ހުރިހާ ވިޔަފާރިތަކެއް ހަމައަކަށް އަޅުވައިދީފައެވެ. މިގޮތުން މިހާރު އޭނާގެ ވިޔަފާރިތައް ހިންގަމުންދަނީ ތަފާތު ބްރާންޗް ތަކަކަށް ބަހާލައިގެންނެވެ. އޭގެ ތެރޭގައި ޓީވީ ޕްރޮޑަކްޝަން، މާކެޓިންގ، މީޑިއާ އަދި ކޮމާޝަލް ޕާޓްނަރޝިޕްތައް ހިމެނެއެވެ. އަދި މިހުރިހާ ކަމެއް ބަލަހައްޓަމުންދަނީ މެސީ އިތުބާރު ކުރާ އޭނާ އާއި ގާތް ފަރާތްތަކުންނެވެ.

އެހެން ކަމުން މެސީ ކުޅުން ހުއްޓާލަންވާއިރަށް އޭނާ ކުރާނެ ގިނަ ކަންތައްތަކެއް މިހާރުވެސް ޕްލޭން ކުރެވި އަންނަނީ ކުރިއަށް ގެންދަމުންނެވެ.