ކުޅިވަރު

ހުޅުމާލޭ ބިލިއާޑް ހައުސް ނާއިބު ރައީސް ފައިސަލް ނަސީމް ހުޅުއްވައިދެއްވައިފި


ހުޅުމާލޭ ބިލިއާޑް ހައުސް ރައީސުލްޖުމްހުރިއްޔާގެ ނައިބް ފައިސަލް ނަސީމް ހުޅުއްވައިދެއްވައިފިއެވ.

ހުޅުމާލޭ ސްޕޯޓްސް ކޮމްޕްލެކްސްގައި ކުރިއަށްދިޔަ މި ރަސްމިސްޔާތުގައި ވަނީ ޔޫތް މިނިސްޓަރ އަހުމަދު މަހުލޫފް އާއި އިންޑިއާ އިން ރާއްޖެއަށް ކަނޑައަޅާފައިވާ ސަފީރު ސަންޖޭ ސުދީރާއި، ހުޅުމާލޭ ދާއިރާގެ މަޖްލިސް މެންބަރު އަލީ ނިޔާޒްއެވެ. ހުޅުމާލޭގައި ގާއިމްކޮށްފައިވާ ހުޅުމާލޭ ބިލިއާޑް ހައުސްގައި 6 ބިލިއާޑް ބޯޓްވަނީ ބައްހަޓާފައެވެ. މިއީ މާލޭގައި ބިލިއާޑް ހައުސް އިންޓަރނެޝަނަލް ބިލިއާޑް ހައުސްއަކަށް ހެދުމަށް ބަންދުކުރި ފަހުން ހުޅުވި ފުރަތަމަ ބިލިއާޑް ހައުސްއެވެ.

މިރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހުރިއްޔާގެ ނައިބް ފައިސަލް ނަސީމް ވިދާޅުވީ ފާއިތުވެގެން ދިޔަ ދެ އަހަރުގައި ކުޅިވަރު ކުޅުންތެރިންވަނީ ގައުމަށް ރީތިނަން ހޯދައިދިނުމަށް ވަރަށް ގިނަ މަސައްކައްކަތްތަކެއް ކޮށްފައިކަމަށެވެ. އަދި މިއަދުގެ ސަރުކާރުންވެސް ކުޅިވަރަށް ވަރަށް ބޮޑު އަހަމިއްޔަތުކަމެއް ދެއްވާކަމަށްވެސް ނައިބް ރައީސް ފައިސަލް ނަސީމް ވިދާޅުވިއެވެ.

ނިމިގެންދިޔަ އަހަރު ކުޅިވަރު އެތްލީޓުންވަނީ 4 ރަން މެޑަލް ހޯދާފައެވެ. އެއީ އެތްލެޓިކްސްއާއި ބެޑްމިންޓަން އަދި ޓޭބަލް ޓެނިހުންނެވެ. ގައުމަށް ރީތިނަން ހޯދައިދިނުމަކީ ކޮންމެ ކުޅުންތެރިއަކުވެސް އަޒުމް ކަޑައަޅަންޖެހޭކަމެއްކަމަށް ނައިބް ރައީސް ވިދާޅުވިއެވެ. އަދި ރަނގަޅު ޒުވާން ޖީލެއް ބިނާކުރުމަށް މަސައްކަތް ކުރުމަކީ, މި ސަރުކާރުގެ ފުރަތަމަ ދެ އަހަރުގެ ތެރޭގައި އެންމެ އިސްކަމެއް ދީގެން ކުރަމުންދިޔަ އެއް މަސައްކަތްކަމަށާއި ކުޅިވަރުގެ ދާއިރާ ހިންގުމުގައި ޒުވާނުންގެ ދައުރު އިތުރުކުރަން ވިސްނަންޖެހިފައިވާ ކަމުގައި ނާއިބު ރައީސް ފައިސަލް ނަސީމް ވިދާޅުވިއެވެ. އަދި ސަރުކާރަށް ދެ އަހަރު ވެގެންދާއިރު އަދިވެސް އެންމެ ބޮޑު ސަމާލުކަމެއް ދެވެމުންދަނީ ޤާބިލު ޒުވާން ޖީލެއް ބިނާކުރުމަށް ކަމުގައި އެ މަނިކުފާނު ވިދާޅުވިއެވެ.

ހުޅުމާލެ ބިލިއާޑު ހައުސް ރަސްމީކޮށް ހުޅުވައިދެއްވުމަށް ފަހު, ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ ރާއްޖޭގެ އެއްވަނަ އަންހެން ބިލިއާޑު ކުޅުންތެރިޔާ ކަމުގައިވާ އާމިނަތު ފާތީއާއެކު ބިލިއާޑު މެޗެއް ކުޅުއްވާފައެވެ.