ކުޅިވަރު

ސިޓީއަކީ މިހާރު ދުނިޔޭގެ ފުޓްބޯޅައިގައި ކުރިމަތިލާންޖެހޭ އެންމެ އުނދަގޫ ޓީމު: ކްލޮޕް


މެންޗެސްޓަރ ސިޓީއަކީ މިހާރު ދުނިޔޭގެ ފޮޓްބޯޅައިގައި ކުރިމަތިލާންޖެހޭ އެންމެ އުނދަގޫ ޓީމުކަމަށް ލިވަޕޫލްގެ ކޯޗު ޔާގެން ކްލޮޕް ބުނެފިއެވެ.

މިއަންނަ އާދިއްތަ ދުވަހު ޕްރިމިއަރ ލީގުގައި މެންޗެސްޓަރ ސިޓީ އާއި ދެކޮޅަށް ނިކުތުމުގެ ކުރިން ނޫސްވެރިންނާއި ވާހަކަ ދައްކަމުން ކްލޮޕް ބުނީ މިއީ ދެ ޓީމަށްވެސް ކުރިމަތިވާނެ ބޮޑު އިމްތިހާނެއް ކަމަށާއި ދެޓީމުންވެސް ކުޅޭނެ އެންމެ މަތީ ފަންތީގެ ފުޓްބޯޅަ ކަމަށެވެ. މިމެޗަށް ނެރޭނީ އެންމެ ފިޓްކޮށް މިވަގުތު ތިބި ކުޅުންތެރިން ކަމަށާއި ބޭނުންވަނީ ލިވަޕޫލްގެ އެންމެ މޮޅު ކުޅުން މިމެޗުގައި ދައްކަން ކަމަށް ކްލޮޕް ބުންޏެވެ. މިހާރު އެންމެ ޕޮއިންޓެއްގެ ތަފާތުން ލީގުގެ އެއްވަނާގައި ލިވަޕޫލް އޮތްއިރު މެންޗެސްޓަރ ސިޓީ އޮތީ ލީގުގެ ދިހަ ވަނާގައެވެ. ކްލޮޕް ބުނީ މިއީ ސީޒަންގެ ކުރީކޮޅު ކަމަށާއި އަދި ވަރަށް ބައިވަރު ކަންކަމާ ކުރިމަތިލާން ޖެހޭނެ ކަމަށެވެ.

މިއީ މުޅިން އާސީޒަނެއްކަން ފާހަގަކޮށް ކްލޮޕް އިތުރަށް ބުނީ މިސީޒަންގައި ވާނޭގޮތް ބުނަން ނޭންގޭނެ ކަމަށާއި މިއީ މިދިޔަ ސީޒަނާއި އޭގެ ކުރީގެ ސީޒަނާއިވެސް ވަރަށް ތަފާތު ސީޒަނެއް ކަމަށެވެ. އެހެންކަމުން ކުރީގެ މެޗުތަކާ އަޅާ ކިއުމުގެ ފުރުސަތެއްވެސް ނެތްކަމަށެވެ.

މިދިޔަ ސީޒަންގެ ޕްރިމިއަރ ލީގު ލިވަޕޫލް ކާމިޔާބުކުރިއިރު އޭގެ ކުރިން ދެ މުބާރާތްވެސް ކާމިޔާބުކުރީ މެންޗެސްޓަރ ސިޓީއެވެ. ލިވަޕޫލް އާއި ސިޓީ އަކީ އެންމެ ފަހުން ތިން މުބާރާތުގެވެސް އެންމެ ކުރީގައި އޮތް ދެ ޓީމެވެ. ލިވަޕޫލް އާއި ސިޓީ ބައްދަލުކުރާ މެޗު ފެށުމަށް ހަމަޖެހިފައިވަނީ އާދިއްތަ ދުވަހުގެ ރޭ ނުވަގަޑި ތިރީހުގައެވެ.