މިއަދު ރާއްޖެއިން އިތުރު 33 މީހުން ކޯވިޑް-19އަށް ޕޮޒިޓިވްވެ 45 މީހުން ބަލިން ރަނގަޅުވެއްޖެއެވެ.
ބުރާސްފަތި ދުވަހުގެ އިރުއޮއްސި 18:00 އިން ފެށިގެން ހުކުރު ދުވަހުގެ އިރުއޮއްސި 18:00 އާއި ހަމައަށް ގްރޭޓަރ މާލޭ ސަރަޙައްދުން 24 މީހަކު ކޯވިޑް-19އަށް ޕޮޒިޓިވްވެފައިވާ ކަމަށެވެ. އަދި އަތޮޅުތަކުގެ ރަށްތަކާއި ރިސޯޓްތަކުން 9 މީހުން ޕޮޒިޓިވްވެފައި ވާކަމަށް އެޗް.ޕީ.އޭއިން ވަނީ ވިދާޅުވެފައެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ، އެޗް.ޕީ.އޭއިން ޢާއްމުކޮށްފައިވާ އެންމެ ފަހުގެ މަޢުލޫމާތަށް ބަލާއިރު، ކޯވިޑް-19 އަލަށް ޕޮޒިޓިވްވި 33 މީހުންގެ ތެރެއިން 20 މީހުންނަކީ ދިވެހިންނެވެ. ދެން ހިމެނެނީ 13 ބިދޭސީންނެވެ. މިއާއެކު މިހާތަނަށް ރާއްޖެއިން ޖުމްލަ 11,391 މީހަކު ވަނީ ކޯވިޑް-19 އަށް ޕޮޒިވްވެފައެވެ. މީގެ ތެރޭގައި ހިމެނެނީ 7290 ދިވެހިންނާއި 4101 ބިދޭސީންނެވެ.
ރާއްޖެއިން ކޯވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން މިއަދު ބަލިން ރަނގަޅުވެފައި ވަނީ 45 މީހެކެވެ. އަދި މިހާތަނަށް ބަލިން ރަނގަޅުވި މީހުންގެ ޢަދަދު މިވަނީ 10،428 އަށް އަރާފައެވެ. ކޯވިޑް-19 ޖެހުނު މީހުންގެ ތެރެއިން 30 ދިވެހިންނާއި، 7 ބިދޭސީއަކު ހިމެނޭހެން މިހާތަނަށް ރާޢްޖެއިން 37 މީހަކު ވަނީ މިބަލީގައި ނިޔާވެފައެވެ.
ރާއްޖޭގައި ކޯވިޑް-19ގެ އެކްޓިވް ކޭސްތަކުގެ ޢަދަދު މިހާރުމި ވަނީ ހާހަކަށްވުރެ ދަށުގައެވެ. އެގޮތުން ރާއްޖޭގައި މިބައްޔަށް ފަރުވާދޭ މީހުންގެ މިހާރުގެ އަދަދަކީ 919އެވެ. އަދި 329 މީހަކަށް މިހާރުވެސް އައިސޮލޭޝަން ފެސިލިޓީތަކުގައިދަނީ ފަރުވާ ހޯދަމުންނެވެ. އަދި އެޑްމިޓްކޮށްގެން 38 މީހަކަށް އަންނަނީ ފަރުވާ ދެމުންނެވެ. މީގެ ތެރޭގައި ށ. ފުނަދޫ ފެސިލިޓީގައި ފަރުވާދޭ މިހަކާއި، ބ. އޭދަފުށީ ކޯވިޑް-19އަށް ފަރުވާދޭ ފެސިލިޓީގައިވެސް އެކަށް ފަރުވާދެމުންދެއެވެ.
ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ކޯވިޑް-19އަށް ޓެސްޓްކުރުމަށްޓަކައި ރާއްޖޭގައި 1570ސާމްޕަލެއް ވަނީ ނަގާފައެވެ.
އެޗް.ޕީ.އޭއިން ވިދާޅުވީ، މިހާރު ރާއްޖޭގެ މީހުން ދިރިއުޅޭ 21 ރަށަކުންނާއި، 23 ރިސޯޓެއްގައި ކޯވިޑް-19 ގެ އެކްޓިވް ކޭސްތައް އެބަތިބިކަމަށެވެ. އެގޮތުން އަތޮޅުތަކުގައި 40 ދިވެހިންނަށާއި، 6 ބިދޭސީންނަށް ކޯވިޑްޖެހި، ފަރުވާ ދެމުންދާކަމަށް އެޗް.ޕީ.އޭއިން ވިދާޅުވެފައިވެއެވެ. އަދި ރިސޯޓުތަކުން 22 ފަތުރުވެރިއަކާއި، 34 މުވައްޒަފަކު މިވަގުތު ޕޮޒޮޓިވްވެފައި އެބަތިބިކަމަށްވެސް އެ އެޖެންސީން ވިދާޅުވިއެވެ.