ޚަބަރު

ޖަޕާންގެ ސުޒުކީއަށް ޕީއެސްޖީން 33 މިލިއަން ޔޫރޯ


  • ޕީއެސްޖީގެ އިތުރުން ޔުވެންޓަސްއިންވެސް އަންނަނީ ސުޒުކީ ހޯދުމަށް މަސައްކަތް ކިރަމުން

އިޓާލިއަން ސެރީއާގެ ޕާމާއަށް ކުޅެމުންދާ ޖަޕާންގެ ބައިނަލްއަޤްވާމީ ކީޕަރ ޒިއޮން ސުޒުކީ ހޯދުމަށް ފްރެންޗް ލީގު އާންގެ ޗެމްޕިއަން ޕެރިސް ސެއިންޓް ޖާމެއިން އިން 33 މިލިއަން ޔޫރޯގެ އަގެއް ހުށަހަޅައިފިއެވެ.

ނިމިގެންދިޔަ ވޯލްޑް ކަޕްގައި ސުޒުކީގެ ފަރާތުން ފެނިގެންދިޔަ މޮޅު ކުޅުމުގެ ސަބަބުން ޔޫރަޕްގެ ފާހަގަކޮށްލެވޭ ގިނަ ކްލަބްތަކަކުން އަންނަނީ ސުޒުކީގެ ހިދުމަތް ހޯދުމަށް މަސައްކަތް ކުރަމުންނެވެ. ޓްރާންސްފަރ ރިޕޯޓަރ ރޮމާނޯ ބުނާގޮތުން ޕީއެސްޖީއިންވަނީ ސުޒުކީ ހޯދުމަށް ބޮޑު އަގެއް ހުށަހެޅުމުގެ އިތުރުން އެކްލަބުން އޭނާ އާމެޗު ގެންގުޅޭ ޕްލޭންވެސް ހިއްސާކޮށްފައެވެ.

ޕީއެސްޖީގެ ކުރީގެ ކީޕަރ އިޓަލީވިލާތުގެ ޖިއާންލުއިޖީ ޑޮނަރޫމާގެ ބަދަލުގައި މިދިޔަ ސީޒަންގައި ލީލްއަށް ކުޅެމުންދިޔަ ލޫކަސް ޝުވަލިއޭ އެޓީމަށް ގެންދިޔަ ނަމަވެސް ސީޒަންގެ ބޮޑުބައިގައި އެޓީމުގެ ގޯލް ބަލަހައްޓާފައިވަނީ މަޓްވޭ ސަފަނޯވްއެވެ. ހަބަރުލިބޭގޮތުގައި ޕީއެސްޖީއިން ސުޒުކީ އެޓީމަށް ގެންދިއުމަށް ކުރާ މަސައްކަތް ކާމިޔާބު ވެއްޖެނަމަ ޝުވަލިއޭ އެހެން ޓީމަށް ވިއްކާލެވިގެންދާނެއެވެ.

ނިމިގެންދިޔަ ސީޒަންގައި ސުޒުކީވަނީ ޕާމާގައި މޮޅު ކުޅުމެއް ދައްކާފައެވެ. ހަމައެއާއެކު އޭނާވަނީ ޖަޕާން ޤައުމީ ޓީމުގެވެސް އެއްވަނަ ކީޕަރުގެ މަގާމު ކަށަވަރުކޮށް ނިމިގެންދިޔަ ވޯލްޑް ކަޕްގައިވެސް މޮޅު ކުޅުމެއް ދައްކާފައެވެ. މީގެތެރޭގައި ނެދަލަންޑްސް އާއި ބައްދަލުކޮށް 2 ލަނޑު 2 ލަނޑުން އެއްވަރުވި މެޗުގައި ދެއްކި ކުޅުމުގެ އިތުރުން ބްރެޒިލް އާއި ބައްދަލުކޮށް އެންމެ ފަހު ވަގުތު ބައިކޮޅަށް ވަން ލަނޑަކާއެކު މުބާރާތަށް އަލްވަދާއު ކިޔަން ޖެހުނު މެޗުގައި ދެއްކި ކުޅުން ފާހަގަ ކޮށްލެވެއެވެ. އެމެޗުގައި އޭނާ ވަނީ ނުރައްކާތެރި 9 ހަމަލާއެއް ދިފާއުކޮށްފައެވެ.

ސުޒުކީ ހޯދުމަށް ސެރީއާގެ ޔުވެންޓަސް ކުރިން މަސައްކަތް ކުރަމުންދިޔަ ނަމަވެސް ޕީއެސްޖީގެ މިހުށަހެޅުމާއެކު މުޅި މަންޒަރު މިވަނީ ބަދަލުވެގެން ގޮސްފައެވެ.