ކުޅިވަރު

އިންފަންޓީނޯ އޭޝިޔާ ބައިބައި ކުރަން ފަށައިފި


ފީފާގެ ރައީސް ކަމުގައި އިތުބާރު ނެތް ކަމުގެ ވޯޓު ނަގާފާނެތީވެ، އެކަމުން ސަލާމަތްވުމަށް ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ އޭޝިޔާ ބައިބައި ކުރަން ފަށައިފި އެވެ.

މި ގޮތުން ފީފާގެ މެމްބަރު އޭޝިޔާގެ 45 ގައުމުގެ ތެރެއިން މިހާތަނަށް ހަތަރު ގައުމަކުން ވަނީ އިންފަންޓީނޯ އަށް ތާއީދު އޮތް ކަމަށްބުނެ ބަޔާން ނެރެފަ އެވެ. އެއީ ސްރީލަންކާ އާއި ގަތަރާއި ކުވޭތާއި ލުބުނާނެވެ. ދުނިޔޭގެ މީޑިޔާތަކުން ތުހުމަތު ކުރާ ގޮތުގައި ރަސްމީކޮށް ބަޔާން ނުނެރުނު ނަމަވެސް އޭޝިޔާގެ އިތުރު ބައެއް ގައުމުތަކުން އިންފަންޓީނޯއާ އެކު ތިބުމަކީ ވަރަށް ގާތް ކަމެކެވެ.

ދުނިޔެގެ ކުޅިވަރުގެ ގިނަ ތަޖުރިބާކާރުންގެ ނަޒަރުގައި އިންފަންޓީނޯ މިހާރު މަސައްކަތް ފަށްޓަވާފައިވަނީ އޭނާގެ މަގާމު ދިފާއު ކުރުމަށެވެ. ސަބަބަކީ ޔޫރަޕާއި ކޮންކާކަފް ސަރަހައްދުން އޭނާ އަށް އިތުބާރު ނެތް ކަމަށް ސާފުކޮށް ބުނެފައިވާތީ އެވެ. އަދި ޔޫރަޕުން ދަނީ އިންފަންޓީނޯ އިސްތިއުފާ ދެއްވުމަށް ވެސް ގޮވާލައިފަ އެވެ.

އިންފަންޓީނޯ އާއި ޔޫރަޕުގެ ގައުމުތަކާ ދެމެދު މައްސަލަ އުފެދެން ފެށީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާ ވަރަށް ގާތް ގުޅުމެއް ބާއްވައި ސިޔާސީ ކަންކަމުގައި ބައިވެރިވުމާއި އެމެރިކާގެ އެދޭ ގޮތަށް ދޭދޭ ގައުމުތަކުގެ ގުޅުމަށް އަސަރު ކުރާ ކަންކަން ކުރެއްވުމާއިއެކު އެމެރިކާގައި ބޭއްވި ވޯލްޑް ކަޕް ތުރާބޮޑު މުބާރާތަކަށްވުމުންނެވެ. އަދި އެންމެ ފަހުން ވޯލްޑް ކަޕާއި ފީފާގެ މުބާރާތްތައް ރާވައި ހިންގަން ޓްރަމްޕްގެ ގާތް ވިޔަފާރިވެރިން ހިއްސާވާ ގޮތަށް ފީފާގެ ތެރެއިން ވިޔަފާރި ކުންފުންޏެއް ހައްދަވަން އުޅުއްވުމުންނެވެ.

މިކަމާ ގުޅިގެން ޔޫރަޕާއި ކޮންކާކަޕްއިން ސާފުކޮށް ދެކޮޅު ހެއްދެވިއިރު އޭޝިޔާގެ ފުޓްބޯޅަ ޖަމާއަތުން ވެސް ވަނީ މުބާރާތްތައް ބޮއިކޮޓް ނުކޮށް އިންފަންޓީނޯގެ ޕްލޭނާ ދެކޮޅު ހައްދަވައިފަ އެވެ.

އޭއއެފްސީގެ ރައީސް ޝައިހް ސަލްމާން ބިން ޚަލީފާ އަކީ ސެޕް ބެލްޓާ އިސްތިއުފާ ދެއްވުމުން ފީފާގެ ރައީސް ކަމަށް އިންފަންޓީނޯއާ ވާދަކުރެއްވި ބޭފުޅެކެވެ. ފަހުން މި ދެ ބޭފުޅުންގެ ގުޅުން ރަނގަޅުވި ނަމަވެސް މިހާރު ހާލަތު އޮތްގޮތުން ސަލްމާގެ ތާއީދު އިންފަންޓީނޯ އަށް ނޯވެދާނެ ކަމަށް އޭނާ ބައްލަވާނެ އެވެ. އޭޝިޔާގެ ގައުމުތައް ބައިބައި ކުރުން އިންފަންޓީނޯ އަށް މުހިންމުވާނީ ސަލްމާނަށް ފުރިހަމަ ކޮންޓްރޯލް ނެތްކަން ދެއްކުމުގެ ގޮތުންނެވެ.