ކުރިއަށް އޮތް އެމެރިކާގެ ރިޔާސީ އިންތިޚާބުގައި އިތުރު ދަޢުރަކަށް ވާދަކުރައްވާ އެ ޤައުމުގެ ރައީސް ޑޮނަލްޑް ޓްރަންޕު މިއަދުން ފެށިގެން އަނެއްކާވެސް ކެމްޕެއިން ދަތުރުތައް ފައްޓަވާނެކަން އިޢުލާނުކޮށްފިއެވެ.
ރިޔާސީ އިންތިޚާބު ބޯމަތިވެފައިވަނިކޮށް ރައީސް ޓްރަންޕަށްވަނީ ކޯވިޑް-19 ޖެހިފައެވެ. އެއަށްފަހު ކެމްޕެއިން ހަރަކާތްތަތައް މެދުކަނޑާލުމަށް ވަނީ މަޖުބޫރުވެފައެވެ. ނަމަވެސް ޑޮކްޓަރުންވަނީ ޓްރަންޕަށް ފަރުވާދީ ނިމިފައިވާކަމަށާއި އާންމުންގެ ތެރެއަށް ނުކުމެވަޑައިގަތުން މިހާރު އެންމެ ރަނގަޅުކަމަށް ބުނެފައެވެ.
ކޯވިޑް-19 ޖެހުމުގެ ސަބަބުން ތިން ދުވަސް ވަންދެން އަސްކަރީ ހަސްފަތާލެއްގައި ފަރުވާ ހޯއްދެވި ޓްރަންޕުގެ ފަރާތުން އެހެން މީހުންނަށް ބަލި ޖެހުމުގެ ފުރުޞަތު ނެތްކަމާމެދު އަދިވެސް ސުވާލު އުފެދެއެވެ. އޮކްޓޯބަރު މަހުގެ 9ވަނަ ދުވަހު ފޮކްސް ނިއުސްއާ ވާހަކަދައްކަވަމުން ޓްރަންޕުވަނީ ކޯވިޑް-19އަށް އިތުރު ތަހުލީލެއް ކުރައްވާފައިވާކަމަށް ވިދާޅުވެފައެވެ. ނަމަވެސް އެ ތަހުލީލުގެ ނަތީޖާ ހާމަކުރައްވާފައެއް ނުވެއެވެ. ކޯވިޑް-19އާ ދެކޮޅަށް ބޭނުންކުރަމުންދިޔަ ބޭސްތައް ބޭނުންކުރުން ހުއްޓަވާލައްވާފައިވާކަމަށްވެސް ޓްރަންޕުވަނީ ވިދާޅުވެފައެވެ.
ސަރުކާރުގެ ފަރާތުން ވާހަކަދެއްކެވި ބޭފުޅަކު ވިދާޅުވީ ރިޔާސީ ގަނޑުވަރު ވައިޓު ހައުސްގެ ބެލްކަންޏެއްގައި ހުންނަވައިގެން ރައީސް ޓްރަންޕަށް ތާޢީދުކުރާ ފަރާތްތަކާއި މުޚާތަބުކުރައްވާ މިއަދުގެ ވަގުތެއްގައި އެމަނިކުފާނު ވާހަކަދައްކަވާނެކަމަށެވެ. އެ ޙަރަކާތް އިންތިޒާމްކުރުމުގައި ޙަރަކާތްތެރިވާ ފަރާތަކުން ބުނީ އެ ޙަރަކާތުގައި އާންމުންގެ އެތައް ސަތޭކަ މީހުން ބައިވެރިވާނެކަމަށް ބެލެވޭކަމަށެވެ.
އެއަށްފަހު އޮކްޓޯބަރު މަހުގެ 12ވަނަ ދުވަހު އިންތިޚާބަށް މުހިންމު ފުލޮރިޑާ ސްޓޭޓަށް ރައީސް ޓްރަންޕު ދަތުރުކުރެއްވުމަށްވަނީ ހަމަޖެހިފައެވެ. އެއީ އެމަނިކުފާނަށް ކޯވިޑް-19 ޖެހުނު ފަހުން ބާއްވާ ފުރަތަމަ ބޮޑު އެއްވުމެވެ. އެ އެއްވުން ބޭއްވުމަށް ހަމަޖެހިފައިވަނީ ފުލޮރިޑާގެ ސެންފޯޑު އަވަށުގެ އެއާޕޯޓެއްގައެވެ. އެ ޙަރަކާތުގައި ބައިވެރިވާ ފަރާތްތަކުގެ ހަށިގަނޑުގެ ފިނިހޫނުމިން ބަލާނެކަމަށާއި މާސްކު އެޅުމަށް ހިތްވަރުދިނުމަށް މާސްކު ފޯރުކޮށްދޭނެކަމަށް ރައީސް ޓްރަންޕުގެ ކެމްޕެއިން ޓީމުން ބުނެއެވެ. އެއްވުން ބާއްވާ ސަރަޙައްދުގައި ސެނިޓައިޒާ ލިބެން ހުންނާނެ އިންތިޒާމުވެސް ހަމަޖައްސާނެކަމަށް އެ ޓީމުން ވަނީ ބުނެފައެވެ.
އާންމުންގެ ތެރެއަށް ނުކުމެވަޑައިގަންނަވާ އަލުން ކެމްޕެއިން މަސައްކަތްތައް ފެއްޓެވުމަށް ޓްރަންޕު ނިންމެވި ނިންމެވުމަށް އިދިކޮޅު ރިޔާސީ ކެންޑިޑޭޓު އަދި އެމެރިކާގެ ކުރީގެ ނައިބު ރައީސް ޖޯ ބައިޑަންވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.
ކެމްޕެއިނަށް އަލުން ނިކުމެވަޑައިގަތުމަށް ޓްރަންޕު ތައްޔާރުވެވަޑައިގަންނަވަމުން ދާއިރު ރިޔާސީ ކެންޑިޑޭޓުންގެ މެދުގައި ބާއްވާ ރިޔާސީ ބަހުޘް އިންތިޒާމްކުރާ ފަރާތުންވަނީ ބަހުޡްގެ ދެވަނަ ބުރު ނުބާއްވާނެކަމަށް ރަސްމީކޮށް އިޢުލާނުކޮށްފައެވެ. އޮކްޓޯބަރު މަހުގެ 15ވަނަ ދުވަހު ބޭއްވުމަށް ތައްޔާރުވަމުންދިޔަ ރިޔާސީ ބަހުޘްގެ ދެވަނަ ބުރު ރައީސް ޓްރަންޕަށް ކޯވިޑް-19 ޖެހުމުން އިންޓަނެޓު މެދުވެރިކޮށް ބޭއްވުމަށް އިންތިޒާމްކުރާ ފަރާތުން ނިންމުމުން ޓްރަންޕުވަނީ އެގޮތަށް ބަހުޘްގައި ބައިވެރިވެވަޑައިނުގަންނަވާނެކަމަށް ވިދާޅުވެފައެވެ.
ފޮކްސް ނިއުސަށް ދެއްވި ބަސްދީދަތުމެއްގައި ޓްރަންޕު ވިދާޅުވީ ކޮމްޕިއުޓަރެއްގެ ދޮށުގައި އިންނަވައިގެން ބަހުޘް ކުރައްވަން ބޭނުންވެވަޑައިނުގަންނަވާކަމަށާއި އެފަދަ ބަހުޘަކަށް ވަގުތު ބޭކާރުކުރައްވަން ބޭނުންވެވަޑައިނުގަންނަވާކަމަށެވެ. ނަމަވެސް އިންތިޚާބުގެ ކުރިން ބާއްވާ އެންމެ ފަހު ބަހުޘް އޮކްޓޯބަރު މަހުގެ 22ވަނަ ދުވަހު ބޭއްވުމަށް އަދިވެސް އޮތީ ތާވަލްކޮށްފައެވެ.