ޔަހޫދީން އިސްތިއުމާރު ކޮށްފައިވާ ހުޅަނގު އައްސޭރީގެ ބުރްޤާ އަވަށް ކައިރީގައި ޒައިތޫނި ބިންނަން އުޅުނު ފަލަސްޠީނުގެ ރައްޔިތަކަށް ޔަހޫދީ ޓެރެރިސްޓު ވަޒަންވެރިން ހަމަލާދީ އޭނާ ޝަހީދުކޮށްލައިފިއެވެ. ބުދަ ދުވަހު ހިނގި މި ހާދިސާގައި ޝަހީދުކޮށްލާފައި ވަނީ އުމުރުން 44 އަހަރުގެ ޙަސަން ޔޫސުފް އަލް-ބަޒާރީ ކަމުގައި ފަލަސްޠީނުގެ ޞިއްޙަތާ ބެހޭ ވުޒާރާއިން ހާމަކުރިއެވެ. ނަމަވެސް، އޭނާ ޝަހީދުކޮށްލީ ޔަހޫދީ ސިފައިން ކަމެއް ނުވަތަ ވަޒަންވެރިން ކަމެއް އަދި ކަށަވަރު ނުކުރެވޭ ކަމުގައި މަސްރަޙުގެ ދާރިސުން ވިދާޅުވިއެވެ. އޭނާގެ ޖަނާޒާގައި ފަލަސްޠީނުގެ ދިދަ އަޅާފައިވާ އޭނާގެ ހަށިގަނޑު ކައިރީގައި އުމުރުން 12 އަހަރުގެ ދަރިފުޅު ދާނިޔަލް އިން މަންޒަރު، ޔަހޫދީ ވަޒަންވެރިންގެ ލާއިންސާނީ ޖަރީމާތައް ކަވަރުކުރަމުންދާ ނޫސްވެރިންނަށް ފެނުނު ކަމުގައި އެ މީހުން ރިޕޯޓުކުރިއެވެ.
މި ދުވަސްވަރަކީ ޒައިތޫނި ބިންނަ މޫސުމަށް ވާއިރު، ޔަހޫދީ ޓެރެރިސްޓު ވަޒަންވެރިން ދަނީ ދަނޑުވެރިންނަށް ބަޑިން ހަމަލާދީ، ނޫސްވެރިންނަށް ގޯނާކޮށް އަދި ގަސްތަކަށް ބޮޑެތި ގެއްލުންތަކެއް ދެމުންނެވެ. ޔަހޫދީ އަސްކަރިއްޔާއިން ބުނީ، އޮކްޓޫބަރު 7 ވަނަ ދުވަހުގެ ހަމަލާގައި ސިފައިންނާއި ވަޒަންވެރިން ވެސް ބަޑިޖެހި ކަމުގައެވެ. އަދި، ސިފައިން ބަޑިޖެހީ ފަލަސްޠީނުގެ މީހަކު ވަޒަންވެރިއަކާ ދިމާލަށް ހިލަ އުކުމުން ކަމުގައި ބުނި ނަމަވެސް، އެ ސަރަޙައްދުގައި ވަޒަންވެރިން އުޅުނު ސަބަބެއް ޔަހޫދީ ފައުޖުން ސާފުކޮށްދީފައެއް ނުވެއެވެ. ފާއިތުވި ދެ ހަފުތާގެ ތެރޭގައި ޔަހޫދީ ސިފައިންނާއި ވަޒަންވެރިން ގުޅިގެން ފަލަސްޠީނު މީހުންނަށް ދަނޑުތަކަށް ނުވަދެވޭ ގޮތް ހަދާފައިވާ މަންޒަރު ނޫސްވެރިންނަށް ފެނިފައިވެއެވެ.
ފަލަސްޠީނުގެ ސަރުކާރުން ބުނީ، މި އަހަރުގެ މިހާތަނަށް ޔަހޫދީ ވަޒަންވެރިން ފަލަސްޠީނުގެ ގާތްގަނޑަކަށް 30 މީހުން ޝަހީދުކޮށްލާފައިވާ ކަމުގައެވެ. އަދި، 2026 ވަނަ އަހަރުގެ ފުރަތަމަ ހަމަސް ދުވަހުގެ ތެރޭގައި ހުޅަނގު އައްސޭރިން 45،000 އަށްވުރެ ގިނަ ގަސް ކަނޑާލައި ނުވަތަ ގެއްލުންދީފައިވާއިރު، މީގެ ތެރޭގައި 26،000 އަށްވުރެ ގިނަ ޒައިތޫނި ގަސް ހިމެނޭ ކަމުގައެވެ. އިޤުތިޞާދީ ގޮތުން ދަތިތަކަކާ ކުރިމަތިލާން ޖެހިފައިވާއިރު، ޒައިތޫނި ގަސްތަކަކީ ފަލަސްޠީނު ރައްޔިތުންނަށް އާމްދަނީ ހޯދުމަށާއި އެ މީހުންގެ ބިމާ އޮންނަ ގުޅުން ރަމްޒުކޮށްދޭ ވަރަށް މުހިންމު އެއްޗެކެވެ.
ރާމަﷲ ގެ ހުޅަނގު އުތުރުން އޮންނަ ރަންތީސް އަވަށުގެ އުމުރުން 64 އަހަރުގެ ދަނޑުވެރިއެއް ކަމުގައިވާ ތައިސީރު އަލް-ޝައިޚް ބުނީ އެ މީހުންނަށް ޒައިތޫނި ގަހަކީ ފުރާނައާ އެއްފަދަ އެއްޗެއް ކަމުގައެވެ. ވަޒަންވެރިންގެ ހަމަލާތަކަށް ބިރުން އެއް އަހަރު ވަންދެން ދަނޑަށް ނުދެވި ހުރުމަށްފަހު، މި ފަހަރު އޭނާއަށް ދަނޑަށް ދެވުނީ އެހީތެރިވެދޭ ޖަމާޢަތްތަކުގެ މީހުންނާއެކުގައި ކަމަަށް ވެސް އޭނާ ބުންޏެވެ. ކުރިން ކުދިބޮޑު އެންމެން ޒައިތޫނި ބިންނަން ދިޔަ ނަމަވެސް، މިއަދު ގިނަ ބަޔަކު އެ މީހުންގެ އަމިއްލަ ބިމަށް ދާން ވެސް ބިރުގަންނަ ކަމުގައި އޭނާ ބުންޏެވެ.