ދުނިޔެ

ބަލިމަޑުކަމުގެ ތެރޭގައި ކުދިން ހޯދުމަށް ބާރުއެޅުމަށް ސިންގަޕޫރުން ފައިސާގެ އެހީދެނީ


ކޯވިޑް-19ގެ ސަބަބުން ކުރިމަތިވެފައިވާ މި ބަލިމަޑުކަމުގެ ތެރޭގައި ކުދިން ހޯދުމަށް ބޭނުންވާ ޢާއިލާތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް ސިންގަޕޫރުގެ ސަރުކާރުން ނިންމައިފިއެވެ.

ސިންގަޕޫރުގެ ބޮޑު ވަޒީރުގެ ނައިބު ހެންގް ސްވީ ކީޓް ވިދާޅުވީ ކުރިމަތިވެފައި މިވާ ޙާލަތުގައި ދަރިން ހޯދައި ޢާއިލާއެއް ފެށުމަށް އުންމީދުކުރަމުންދިޔަ ގިނަ ޢަދަދެއްގެ ޒުވާނުން އެކަމަށް ފަސްޖެހިފައިވާކަމަށެވެ. އިޤްތިޞާދަށް ކޮށްފައިވާ ނޭދެވޭ އަސަރުތަކުގެ ސަބަބުން ވަޒީފާގެ ޔަޤީންކަން ނެތުމާއި އާމްދަނީ ހޯދޭނެ މަގުތައް ބަންދުވެދާނެކަމުގެ ބިރަށް ގިނަ ޢަދަދެއްގެ މީހުން ދަރިން ހޯދުމަށް ރާވަމުންދިޔަ ރޭވުންތައް ފަސްކޮށްފައިވާކަމަށް އޭނާ ވިދާޅުވިއެވެ. ހެންގް ވިދާޅުވީ އެ މައްސަލައަށް ޙައްލެއް ހޯދުމަށް ޒުވާނުންނަށް ހިތްވަރުދިނުމުގެ ގޮތުން ފައިސާގެ އެހީތެރިކަން ފޯރުކޮށްދިނުމަށް ސަރުކާރުން ނިންމާފައިވާކަމަށެވެ. ނަމަވެސް އެފަދަ ޢާއިލާތަކަށް ދޭނެ ޢަދަދެއް މިހާތަނަށް ހާމަކޮށްފައެއް ނުވެއެވެ.

ކޯވިޑް-19 ފެތުރުން ހުއްޓުވުމުގައި ސިންގަޕޫރުގެ ރައްޔިތުންގެ ފަރާތުން ބޮޑު އެއްބާރުލުމެއް ލިބުނު ނަމަވެސް އެ ޤައުމުގެ އިޤްތިޞާދުވަނީ ވަރަށް ބޮޑަށް ހީނަރުވެފައެވެ. މިދިޔަ އަހަރާ އަޅައިބަލާއިރު މި އަހަރުގެ ދެވަނަ ކުއާޓާގައި އެ ޤައުމުގެ އިޤްތިޞާދުވަނީ 12.6 އިންސައްތަ ދަށަށް ގޮސްފައެވެ. އިޤްތިޞާދީ މާހިރުން ވިދާޅުވީ އެއީ ކުޑަ މުއްދަތެއްގެ ތެރޭގައި ޤައުމުގެ އިޤްތިޞާދަށް އެހާ ބޮޑު ގެއްލުމެއްވީ ފުރަތަމަ ފަހަރުކަމަށެވެ.

ސިންގަޕޫރަކީ އެންމެ މަދުން ކުދިން އުފަންވާ ޤައުމުތަކުގެ ތެރޭގައި ހިމެނޭ ޤައުމެކެވެ. އެ ޤައުމުގެ ކުރީގެ އަދި މިހާރުގެ ސަރުކާރުތަކުންވަނީ ޤައުމުގެ އާބާދީ އިތުރުކުރުމަށް މަސައްކަތްކޮށްފައެވެ.

ސިންގަޕޫރުގެ އަންހެނުންގެ ދަރިމައިވުމުގެ މިންވަރު މިވަގުތު ހުރީ 1.14ގައެވެ. ގުދުރަތީގޮތުން ޤައުމެއްގެ އާބާދީ ދެމެހެއްޓުމަށް އެ މިންވަރު ހުންނަންޖެހެނީ މަދުވެގެން 2.1 ގައެވެ. ސިންގަޕޫރާ އެއް ހަމައެއްގައި އޮތީ ހޮންގު ކޮންގެވެ. އެ ދެ ޤައުމަށްވުރެ ދަރިމައިވުމުގެ ނިސްބަތް ދަށީ ދެކުނު ކޮރެއާ އަދި ޕޯޓަ ރީކޯގައެވެ.

1980ގެ އަހަރުތަކުން ފެށިގެން ސިންގަޕޫރުންދަނީ އާބާދީ އިތުރުކުރުމަށް ގިނަ މަސައްކަތްތައް ކުރަމުންނެވެ. ނަމަވެސް ފައިސާގެ އެހީއާއި އެހެނިހެން އެހީތެރިކަން ފޯރުކޮށްދޭނެކަމަށް ބުނުމުންވެސް އެ ޢަދަދު އިތުރުކުރުމުގައި ސަރުކާރުތަކުންވަނީ ނާކާމިޔާބުވެފައެވެ.

2011ވަނަ އަހަރު އެ ޤައުމުގެ ސަރުކާރުން ނެރުނު ދިރާސާއެއްގައި ބުނީ ތަރައްޤީވެފައިވާ ގިނަ ޤައުމުތަކޭ އެއްގޮތަށް ސިންގަޕޫރުގެ އާބާދީ އިތުރުކުރުމުގައި ދިމާވެފައިވާ ގޮންޖެހުމަކީ ދަރިމައިވުމުގެ ނިސްބަތް ދަށްވުމާއި ދުވަސްވީ މީހުންގެ ޢަދަދު އިތުރުވުންކަމަށެވެ. ސަރުކާރުގެ މަޤްސަދަކީ ޤައުމުގެ އިޤްތިޞާދީ ކުރިއެރުމާއި އިޖުތިމާޢީ ގުޅުން ވަރުގަދަކޮށްދޭނޭ ދެމެހެއްޓެނިވި އާބާދީއެއް ޤާއިމްކުރުންކަމަށް އެ ދިރާސާގައިވަނީ ބުނެފައެވެ.

ސިންގަޕޫރުގައި ކޯވިޑް-19 ފެތުރެން ފެށުމުން އަވަސް ފިޔަވަޅުތައް އަޅައި ޤައުމުގެ ޙާލަތު މާ ބޮޑަށް ގޯސްވިޔަނުދީ ދެމެހެއްޓުމުގައި އެ ޤައުމުންވަނީ ކާމިޔާބު ހޯދާފައެވެ. 5.8 މިލިއަން މީހުންގެ އާބާދީއެއް އޮންނަ ސިންގަޕޫރުގައި ކޯވިޑް-19 ޖެހިފައިވަނީ 57،830 މީހުންނަށެވެ. އަދި މަރުވެފައިވަނީ އެންމެ 27 މީހުންނެވެ.