ކޯވިޑް-19

ދަރަވަންދޫގައި ހޯމް ކަރަންޓީންގައި ހުރި ބިދޭސީއަކު ކޯވިޑް-19އަށް ޕޮޒިޓިވްވެއްޖެ


ބ. ދަރަވަންދޫގައި ހޯމް ކަރަންޓީނުގައި ހުރި ބިދޭސީއަކު ކޯވިޑް-19އަށް ޕޮޒިޓިވްވެއްޖެއެވެ.

ހޯމް ކަރަންޓީންގެ 14 ދުވަސް ފުރިހަމަކުރުމުން ކަރަންޓީނުން ދޫކޮށްލުމުގެ ކުރިން، ހެދި ޓެސްޓުން ފައްސިވެފައި ވަނީ އެރަށުގައި ހިންގާ ކެފޭއަކަށް މަސައްކަތް ކުރުމަށްގެނައި އުމުރުން 39 އަހަރުގެ ބިދޭސީ ފިރިހެނެކެވެ.

މިއީ ބ.އަތޮޅުން ކޯވިޑް-19 އަށް ޕޮޒިޓިވްވި 32 ވަނަ މީހާއެވެ. މިހާތަނަށް އައިއިރު ބ.އަތޮޅުން ކޯވިޑް-19އަށް ޕޮޒިޓިވްވެ އެކްޓިވްކޮށް މިވަގުތު އޮތީ އަނަންތަރާ ކިހަވަށް ރިސޯޓުގައި 4 މީހުންނާއި ދަރަވަންދޫގައި އެކަކެވެ.

ބ.އަތޮޅުން މީހުން ދިރިއުޅޭ ރަށްތަކުގެ ތެރެއިން ކޯވިޑް-19އަށް ފައްސިވި ރަށްތަކަކީ، ދަރަވަންދޫގެ އިތުރުން އޭދަފުށި، ކުޑަރިކިލު ކަމަދޫ އާއި ހިތާދޫ އާއި ތުޅާދޫއެވެ.

ރިސޯޓުތަކަށް ބަލާއިރު، އަނަންތަރާ ކިހަވަށް ވިލާސް އާއި ފިނޮޅު ރިސޯޓާއި މިލައިދޫ ރިސޯޓުގައެވެ.
ބ.އަތޮޅުން ކޯވިޑް 19 ޖެހިގެން ފެސިލިޓީގައި ފަރުވާދީފައި ވަނީ، އުމުރުން ދުވަސްވީ އަންހެނަކަށް އެކަންޏެވެ.