ޒުވާން ޚަޠީބުންގެ ޤައުމީ މަހާސިންތާ ފަށައިފިއެވެ.
ޒުވާން ޚަޠީބުންގެ ޤައުމީ މަހާސިންތާއަކީ، ރާއްޖެ އިސްލާމްވިތާ 900 އަހަރު ފުރުމާއި ގުޅުވައިގެން ބާއްވާ ޚާއްސަ މަހާސިންތާއެކެވެ. އެއް ދުވަހަށް ކުރިއަށްގެންދާ މި މަހާސިންތާގައި 300އަށް ވުރެ ގިނަ ޚާޠީބުން ބައިވެރިވެއެވެ.
އިސްލާމީ ކަންތައްތަކާއި އައުޤާފާ ބެހޭ ވުޒާރާއިން ކުރިއަށްގެންދާ މި މަހާސިންތާއަކީ މުސްތަޤުބަލުގެ ޖީލުތަކަށް އިސްލާމީ ޝިޢާރު ފާޅުކުރުމަށް އިސްނަގައިގެން ތެދުވި ޒުވާން ޚަޠީބުންނަށް ހިތްވަރުދިނުމުގެ ގޮތުން ބާއްވާ މަހާސިންތާއެކެވެ.
ހަރުދަނާ އިސްލާމީ ޒުވާން ޖީލެއް ބިނާކޮށް ރާއްޖޭގެ އިސްލާމީ މުސްތަޤުބަލު އުޖާލާކޮށް ޙިމާޔަތްކުރުމަށް ސަރުކާރުން ވަރަށް ބޮޑު އަހަންމިއްޔަތުކަމެއް ދެއްވައެވެ. އެގޮތުން ޚަތީބުންގެ ޒުވާން ޖީލެއް ބިނާ ކުރުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން މިހާތަނަށް 700އަށް ވުރެ ގިނަ ޒުވާން ޚަޠީބުން ތަމްރީނުކޮށްފައިވެއެވެ.
ޒުވާން ޚަޠީބުންގެ ޤައުމީ މަހާސިންތާގައި ބައިވެރިވުމުގެ ފުރުޞަތު ދިފައިވަނީ ޒުވާން ޚަޠީބުންގެ ތަމްރީން ނިންމައި ސެޓްފިކެޓް ޙާސިލްކޮށްފައިވާ ޚަޠީބުންނާއި، ރަމަޟާން މަހު އިމާމުވެ ޙިފްޡުކޮށް ތަރާވީޙް ނަމާދުކޮށްފައިވާ ފަރާތްތަކަށާއި، އިމާމުންނާއި ޚަޠީބުންގެ ތެރެއިން މިހާރުވެސް އިމާމުކަމާއި ޚަޠީބުކަން ކުރައްވާ އުމުރުން 30 އަހަރު ނުފުރޭ ފަރާތްތަކަށް ކަމަށް އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާއިން ވިދާޅުވެއެވެ.
ޒުވާން ޚަޠީބު ތަމްރީން ޕްރޮގުރާމަކީ މި ދައުރުގައި ކުރިއަށް ގެންދެވޭ އެންމެ ކާމިޔާބު އެއް ޕްރޮގުރާމުކަން ފާހަގަކޮށްލެވެއެވެ. ޒުވާން ޚަތީބުން ތަމްރީނުކުރުމުގެ ޕްރޮގްރާމަކީ، ރަށްރަށަށް ދިމާވެފައިވާ ޚަޠީބުން ލިބުން ދަތިވުމުގެ މައްސަލައަށް ހައްލެއް ހޯދުމަށާއި، ޒުވާން ކުދިންނަށް މި ފުރުސަތު ފަހިކޮށްދިނުމަށް ކުރިއަށްގެންދާ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމްގައި މިހާތަނަށް 5 ބުރެއް ކުރިއަށް ގެންގޮސްފައިވެއެވެ.
ޒުވާން ޚަތީބުންގެ ޕްރޮގްރާމް ކުރިއަށްގެންދަނީ ގްރޭޑް 10، 11، އަދި 12ގައި ކިޔަވަމުންދާ ދަރިވަރުންނަށާއި، ކިޔެވުން ނިމިފައިވާ 18 އަހަރު ނުފުރޭ ކުދިންނަށް އަމާޒުކޮށްގެންނެވެ. މި ޕްރޮގްރާމަކީ ދިވެހި ޒުވާނުންގެ މެދުގައި ވަރަށް ބޮޑު މަޤްބޫލުކަމެއް ލިބިފައިވާ، އަދި ދީނީ ދަޢުވަތުގެ މަސައްކަތަށް އައު ދިރުމެއް ގެނުވި ޕްރޮގްރާމެއްކަން އިސްލާމީ ކަންތައްތަކާ އައުޤާފާ ބެހޭ ވުޒާރާއިން ފާހަގަކުރައްވައެވެ.