މިސީޒަނުގައި ނަޕޯލީއާ އަލަށް ގުޅުނު ވިކްޓަރ އޮސިމެންގެ މޮޅު ކުޅުމާއެކު ނަޕޯލީން ޕާމާ ބަލިކޮށް މޮޅަކުން ލީގު ފަށައިފިއެވެ.
ޕާމާގެ ދަނޑުގައި ކުޅުނު މި މެޗު ނަޕޯލީން ކާމިޔާބުކުރީ 0-2 ގެ ނަތީޖާއަކުންނެވެ.
މި މެޗުގެ ފުރަތަމަ ހާފް ނިމުނީ ދެ ޓީމުންކުރެ އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހިއެވެ. ނަޕޯލީން މި މެޗުގައި ލަނޑު ޖަހާ ލީޑު ނެގީ 63 ވަނަ މިނެޓުގައެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ، ޑްރައިސް މޭޓެންސްއެވެ. ނަޕޯލީން ލީޑު އިތުރަށް ފުޅާކުރީ 77 ވަނަ މިނެޓުގައި ލޮރެންޒޯ އިންސަންގީ ޖަހައިދިން ލަނޑުންނެވެ. މެޗުގެ އޮއިވަރު ބަދަލުވީ ދެވަނަ ހާފްގައި އޮސިމެން ކުޅެން ނުކުތް ހިސާބުންނެވެ.
މެޗަށްފަހު ވާހަކަ ދައްކަމުން ނަޕޯލީގެ ކޯޗު ގެނާރޯ ގަޓޫސޯ ބުނީ މެޗުގައި ތަފާތަކަށްވީ އޮސިމެން ކަމަށެވެ. ގަޓޫސޯ ބުނީ އެ ކުޅުންތެރިޔާ އެރުމުން ކުޅުމަށް އައި ބަދަލު ފެނުނުކަމަށާއި މެޗުގެ ބާކީ އޮތްބައިގައި ނަޕޯލީ މޮޅުވާނެ ކަމުގައި އުއްމީދު އާވިކަމަށެވެ. އޭނާ ބުނީ ކުޅުންތެރިޔާގެ ފަރާތުން މި ސީޒަނުގައި މޮޅު ކުޅެމެއް ފެންނާނެކަމަށް އުއްމީދު ކުރާކަމަށެވެ.
ކުޅުންތެރިއެއްގެ ގޮތުގައި ހުރި އިރު މެޗަކުން ބައިކޮޅަށް ލަނޑެއް ނުވަދެ ތިން ޕޮއިންޓު ހޯދުމުން އެއީ ލިބޭ އުފަލެއްކަމަށާއި ކޯޗެއްގޮތުގައި އެކަން ހާސިލުވުމުން މާ އުފާވާކަމަށް އޭސީ މިލާނާއެކު ކާމިޔާބު ދުވަސްތަކެއް ހޭދަކުރި ގަޓޫސޯ ބުންޏެވެ. ގަޓޫސޯ ބުނީ ޓީމުން ރަނގަޅުކުރަން ޖެހޭ ބައިވަރުކަންކަން އެބަހުރިކަމަށާއި އެގޮތުން ޓެންޕޯ ހިފަހަޓަން މަސައްކަތް ކުރަންޖެހޭ ކަމަށެވެ. ނަޕޯލީން ދެން ލީގުގައި ނުކުންނާނީ އަމިއްލަ ދަނޑުގައި ޖެނޯއާ ދެކޮޅަށެވެ.