ކޯވިޑް-19 ގެ ބަލިން ރަނގަޅުވެ ޓީމާ ވަކިން ޕީއެސްޖީގެ ތަމްރީންތަކުގައި ކިލިއަން އެމްބާޕޭ ބައިވެރިވާން ފަށައިފިއެވެ.
ޕީއެސްޖީގެ ފޯވާޑް ކޯވިޑް-19 އަށް ޕޮޒްޓިވްވީ މިމަހު ކުރީކޮޅު ޔުއެފާ ނޭޝަންސް ލީގުގައި ފްރާންސްގެ ގައުމީ ޓީމާއެކީ މެޗުތަކުގައި ބައިވެރިވެފައިވަނިކޮށެވެ. ކޯވިޑް-19 އަށް ޕޮޒިޓިވް ވުމުގެ ސަބުބުން ނޭޝަންސް ލީގުގެ އެއް މެޗު ގެއްލުނު އިރު އެއް މެޗުގައި އެމްބާޕޭ ވަނީ ކުޅެފައެވެ.
ފްރާންސް ލީގު ފެށުމުގެ ކުރިން ޕީއެސްޖީ ހަ ކުޅުންތެރިޔަކު ވަނީ ކޯވިޑް-19 އަށް ޕޮޒިޓިވް ވެފައެވެ. ޕީއެސްޖީގެ ކޯޗު ތޯމަސް ޓުޗެލް ބުނީ ބުދަ ދުވަހުން ފެށިގެން ޓީމާވަކިން އެމްބާޕޭ ފަރިތަކުރަމުންދާކަމަށާއި އޭނާގެ އިތުރު އެއްވެސް ސިއްހީ މައްސަލައެއް ފާހަގަނުވާކަމަށެވެ. އޭނާ ބުނީ އެމްބާޕޭ ހަދަންޖެހޭ ގިނަ ޓެސްޓުތަކެއް ހަދަމުންދާކަމަށާއި ބައެއް ޓެސްޓްތަކުގެ ނަތީޖާ އަދި ނުލިބޭކަމަށެވެ. އެ ނަތީޖާތައް ލިބުމުން އެމްބާޕޭއަށް ސްކޮޑާ ގުޅުމުގެ ފުރުސަތު އޮންނާނެކަމަށެވެ. ޕީއެސްޖީ މިއަދު ނައިސްއާ ދެކޮޅަށް ނުކުންނައިރު އެމްބާޕޭ ފެނުމުގެ ފުރުސަތު ބޮޑުކަމަށްވެސް ކޯޗު ބުންޏެވެ. ލީގުގައި ފުރަތަމަ ކުޅުނު ދެ މެޗުން ޕީއެސްޖީ ބަލިވި ނަމަވެސް އެންމެ ފަހުން އެޓީމު ކުޅުނު މެޗު ކާމިޔާބުކުރީ ފަހުވަގުތު ޖެހި ލަނޑުންނެވެ.
.