ކުޅިވަރު

ފުރަތަމަ ހާފްގައި ލަނޑު ޖެހުނުނަމަ ތަފާތު މެޗެއް ފެނުނީސް: މޮރީނިއޯ


ޔުއެފާ ޔުރޮޕާ ލީގުގެ ކޮލިފައިންގެ ދެވަނަ ބުރުގައި ބަލްގޭރިޔާގެ ލޮކޮމޯޓިވް ޕްލޮޑިވްގެ މައްޗަށް ފުރަތަމަ ހާފްގައި ކުރި ހޯދުނުނަމަ މި މެޗުގައި ތަފާތު ދެއްކުނީސް ކަމަށް ޓޮޓްނަމްގެ ކޯޗު ހޯސޭ މޮރީނިއޯ ބުނެފިއެވެ.

މި މެޗު ޓޮޓްނަމުން ކާމިޔާބުކުރީ ޕްލޮޑިވުން ލަނޑެއް ޖަހާފައިވަނިކޮށް ފަހަތުން އަރައި 2 ލަނޑު ޖަހައި 2-1 ނަތީޖާއަކުންނެވެ.

މޮރީނިއޯ ބުނީ މެޗުގެ ނަތީޖާ ކޮންމެ ގޮތަކަށް ނުކުތް ކަމުގައި ވިޔަސް ޓީމުން ދެއްކި ކުޅުމާމެދު އޭނާ ހިތްހަމަޖެހޭކަމަށެވެ. މެޗަށްފަހު ވާހަކަ ދައްކަމުން މޮރީނިއޯ ބުނީ އިދިކޮޅު ޓީމުން ލީޑް ނެގުމުން މޮޅުވެގެންނުނީ މުބާރާތުގެ އަނެއް ބުރަށް ދެވެން ނެތެމުން އިތުރު ހިތްވަރެއްލާން މަޖުބޫރުވިކަމަށެވެ. އެހެންނަމެވެސް ފަހު ފަނަރަ މިނެޓުން ޓޮޓްނަމަށް ލީޑް ލިބުމުން އެހާސްކަން ފިލާދިޔަކަމަށް ޓޮޓްނަމްގެ ކޯޗު ބުންޏެވެ.

ޕޮލްޑިވް މެޗުގައި ހީކުރިވަރަށް ވުރެ އުނދަގޫކަމަށާއި ހާއްސަކޮށް އެޓީމުގެ ކުޅުންތެރިންގެ ވިސްނުން ތަފާތުކަމަށް މޮރީނިއޯ ބުންޏެވެ. އެއީ މި މެޗަކީ އެޓީމަށް ވަރަށް މުހިންމު މެޗެއްކަމަށާއި މެޗު ކާމިޔާބުކުރުމަށް އެޓީމުން ކުރެވެންހުރި ހުރިހާ ކަމެއް ކުރިކަމަށް މެންޗެސްޓަރ ޔުނައިޓަޑަށް ޔުރޮޕާ ލީގުގެ ތަށި ހޯދައިދިން ކޯޗު ބުންޏެވެ.

މެޗުގައި ޕޮލްޑިވްގެ ދެ ކުޅުންތެރިއަކަށް ވަނީ ރަތްކާޑު ދައްކާފައެވެ. ޔުރޮޕާ ލީގުގައި ކޮލިފައިންގެ ތިންވަނަ ބުރުގައި އަންނަ ހަފްތާގައި ޓޮޓްނަމް ރަށުން ބޭރުގައި ނުކުންނާނީ މެސެޑޯނީޔާގެ ޝެކެނިޖާއާ ދެކޮޅަށެވެ. އާދީއްތަ ދުވަހު ޓޮޓްނަމުން އިނގިރޭސި ޕްރިމިއަރ ލީގުގައި ސައުތެމްޓަންއާއި ދެކޮޅަށް ކުޅުމަށްފަހު އަންގާރަ ދުވަހު ލީގު ކަޕުގައި ލޭޓެން އޮރިއެންޓާ ދެކޮޅަށް ނުކުންނާނެއެވެ. އެ މެޗަށްފަހު ޔުރޮޕާ ލީގުގެ ކޮލިފައިން ތިންވަނަ ބުރުގައި ވާދަކުރަމަށް ޓީމު މެސެޑޯނީއަށް ދިޔުމަށް ފުރާނެއެވެ. ކުރިޔަށް އޮތް 22 ދުވަހުގެ ތެރޭގައި ޓޮޓްނަމުން 9 މެޗު ކުޅުމަށްވަނީ ހަމަޖެހިފައެވެ.