ކުޅިވަރު

ހުޅުމާލޭ ދަނޑުތަކުގެ 3 ޓާފް ބަދަލުކުރަނީ


ހުޅުމާލޭގައި އަޅާފައިވާ ތިން ފުޓްސަލް ދަނޑެއްގެ ޓާފް ބަދަލުުކުރުމަށް ބަޔަކާއި ހަވާލުކޮށްފިއެވެ.

މި ތިން ދަނޑުގެ ޓާފް ބަދަލުކުރުމަށް ޔޫތް މިނިސްޓްރީގެ ފަރާތުން ހަވާލުކޮށްފައިވަނީ މަމްނޫޒް ޝިޕިން އެންޑް ޓްރޭޑިން ޕްރައިވެޓް ލިމިޓެޑާއެވެ. މި އެއްބަސްވުމުގައި ޔޫތް މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ޔޫތް މިނިސްޓްރ އަޙުމަދު މަޙްލޫފްއެވެ. މަމްނޫޒް ޝިޕިން އެންޑް ޓްރޭޑިން ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ކުންފުނީގެ ޑިރެކްޓަރު އަބްދުލް ނާފިޢު ތަޢުފީގެވެ.

މި މަސައްކަތް އެ ކުންފުންޏާއި ހަވާލުކޮށްފައިވަނީ އެއް މިލިޔަން ފަސް ލައްކަ ދުއިސައްތަ ހަތަރު ރުފިޔާއަށެވެ. މި މަސައްކަތުގެ އެއްބަސްވުމުގައި ސޮއިކުރާ ދުވަހުން ފެށިގެން 35 ދުވަހުގެ ތެރޭގައި މި މަސައްކަތް ނިންމަންޖެހެއެވެ.

ހުޅުމާލޭގައި ބޭނުންކުރަމުން އަންނަ ޓާފް ދަނޑުގެ ތަކުގެ ތެރެއިން ޓާފް ބަދަލުކުރުމަށް ނިންމާފައިވަނީ ހުޅުމާލޭ ރެހެންދި ސްކޫލް ކައިރި އޮންނަ ދެ ދަނޑާއި، ހުޅުމާލޭ ނެއިބަހޫޑް އެކެއްގައި އަޅާފައިވާ ދަނޑުތަކުގެ ތެރެއިން ދަނޑެކެވެ.

ހުޅުމާލެ ރެހެންދި ސްކޫލް ކައިރި އަޅާފައި އޮތް ފުޓްސަލް ދެ ދަނޑަކީ މާލެ ސަރަހައްދުގައި ބާއްވާ ބޮޑެތި ފުޓްސަލް މުބާރާތްތައް ބޭއްވުމަށް މިފަހުން ބޭނުން ކުރަމުން އައި ދެ ދަނޑެވެ. އެގޮތުން ކްލަބް މޯލްޑިވްސް ކަޕް އަދި ރާއްޖޭގެ ހުރިހާ ރަށްތަކަށް ހުޅުވާލައިގެން ކުރިޔަށްގެންދާ ގޯލްޑެން ފުޓްސަލް ޗެލެންޖްގެ މިދިޔަ އަހަރުގެ މުބާރާތްވެސް ބާއްވާފައިވާ މި ދެ ދަނޑުގައެވެ.

މާލެއިން ކޯވިޑްގެ ފެނުމާއި ގުޅިގެން އެޅި ފިޔަވަޅެއްގެ ގޮތުން މާލޭ ސަރަހައްދުގައި ހިމެނޭ ކުޅިވަރު ކުޅޭ ދަނޑުތަކާއި އެހެނެިހެން ތަންތަން އަދިވެސް ވަނީ ބަންދުކޮށްފައެވެ. އެހެންނަމަވެސް ރަށްރަށުގައި ހިންގާ ކުޅިވަރާއި ގުޅޭ ތަރައްޤީގެ މަޝްރޫތައް އަންނަނީ ހިގަމުންނެވެ. މިގޮތުން މިދިޔަ ދެމަހުގައިވެސް ގިނަ ރަށްތަކެއްގައި އަޅަމުންދިޔަ ޓާފް ދަނޑުތަލުގެ މަސައްކަތް ނިންމާ އެތަންތަން ވަނީ ރަށު ކައުންސިލްތަކާއި ހަވާލުކޮށް ފައެވެ.