ސިއްހަތު

އޭޑީކޭ ހޮސްޕިޓަލްގައި ބުލަޑް ބޭންކެއް ހުޅުވައިފި


އޭޑީކޭ
ހޮސްޕިޓަލްގައި ލޭ ރައްކާކޮށް ބެހެއްޓޭނެ އިންތިޒާމް ހަމަޖެއްސުމަށްޓަކައި
އެކަމަށް ޙާއްސަ ބްލަޑް ބޭންކެއް ހުޅުވައިފިއެވެ.

މި ބްލަޑް ބޭންކް ރަސްމީކޮށް
ހުޅުއްވައިދެއްވީ މިކަމަށްޓަކައި އޭޑީކޭ ހޮސްޕިޓަލްގައި ބޭއްވި ހާއްސަ ރަސްމިއްޔާތުގައި ހެލްތު މިނިސްޓަރު އިރުތިޝާމް އާދަމްއެވެ.



މި
ރަސްމިއްޔާތުގައި ހެލްތް މިނިސްޓަރ އިރުތިޝާމް އާދަމް ވިދާޅުވީ އަމިއްލަ ފަރާތުން
ހިންގާ ހޮސްޕިޓަލަކުން ބްލަޑް ބޭންކެއް ތަރައްޤީކޮށް ހުޅުވުމަކީ އެކަމާ އުފާކުރާ
ކަމެއް ކަމަށާއި އަދި
މިފަދަ ބްލަޑް ބޭންކްތަކުން ލޭ ރައްކާތެރިކަމާއި އެކު ބެހެއްޓުމުގައި އެ
މިނިސްޓްރީން އެކުލަވާލާފައިވާ މިންގަނޑުތަކަށް އަމަލުކުރުން މުހިއްމުކަމަށްވެސް
މިނިސްޓަރ ވިދާޅުވިއެވެ.



ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އޭޑީކޭގެ މެނޭޖިން ޑިރެކްޓަރު އަހުމަދު
އައްފާލް ވިދާޅުވީ، އޭޑީކޭ ހޮސްޕިޓަލްގެ ބްލަޑް ބޭންކަށް އަހަރަކު ދެ ފަހަރު ލޭ
ހަދިޔާ ކޮށްގެން އެ ހޮސްޕިޓަލުން ހިދުމަތް ހޯދަވާ އިރު ބިލުގެ އަދަދު ވިހި ހާހަށް
ވުރެއް މައްޗަށް އަރައިފިނަމަ ދިހަ ޕަސަންޓްގެ ޑިސްކައުންޓެއް ލިބޭނެ ކަމަށެވެ.



މި ބުލަޑް ބޭންކް ހުޅުވުމާއި ގުޅިގެން އެ
ހޮސްޕިޓަލާއި މީޑިއާ ނެޓް ގުޅިގެން ބްލަޑް ޑޮނޭޝަން ކޭމްޕެއް ވެސް ވަނީ ކުރިއަށް
ގެންގޮސްފައެވެ.