ވިޔަރެއާލްއެކު ތަށްޓެއް ހޯދުމަކީ އޭނާގެ ހުވަފެނެކަމަށް އައު ކޯޗު އުނާއީ އެމްރީ ބުނެފިއެވެ.
ވިޔަރެއާލްގެ ކޯޗުކަމާ ހަވާލުވެ އެމްރީ ބުނީ ގައުމުން ބޭރުގައި ތަޖުރިބާތަކެއް ކުރުމަށްފަހު އަނެއްކާ ސްޕެއިންނަށް އެނބުރި އާދެވުމުން އުފާވާކަމަށެވެ. އޭނާ ބުނީ ވިޔަރެއާލް ހަވާލުވީ ވަރުގަދަ އަޒުމެއް އޮވެގެންކަމަށެވެ. މި ޗެލެންޖާ ކުރިމަތިލާނީ ކެރިގެންކަމަށް ކުރިން ސްޕެއިންގެ ސެވިއްޔާއެކު ކާމިޔާބު ދުވަސްތަކެއް ހޭދަކުރި ކޯޗު ބުންޏެވެ.
ކުލަބުގެ އާ ރައީސް ކުލަބާ ހަވާލުވެ އެއް ފެންވަރެއްގައި ހިފެއްޓުމަށް ކުރަމުންދާ މަސައްކަތް އެމްރީ ވަނީ ފާހަގަކޮށްފައެވެ. ހުވަފެންތައް ދެކެންޖެހޭނެކަމަށާއި އޭނާ އެންމެ ބޮޑު ހުވަފެނަކީ ކުލަބާއެކު ތަށްޓެއް ހޯދުން ކަމަށް ޕީއެސްޖީއަށް ވެސް ކޯޗުކޮށްދިން އެމްރީ ބުންޏެވެ.
ވިޔަރެއާލްގެ ތާރީޚްގައި ޔުރޮޕާ ލީގުގައިއާއި ޗެމްޕިއަންސް ލީގު ސެމީ ފައިނަލާ ހަމަޔަށް ދިޔުމަކީ ކުލަބުން ހޯދި ފާހަގަކޮށްލެވޭ ކާމިޔާބީތައް ކަމަށް އެމްރީ ބުންޏެވެ. ޔުރޮޕާ ލީގަކީ މިހާރު ބޮޑު މުބާރާތެއްކަމަށާއި އެމުބާރާތުގައި އޭނާ ރަނގަޅު ތަޖުރިބާތަކެއް ލިބުމަކީ މިވަގުތު ލިބޭ ހިތްހަމަޖެހުމެއްކަމަށް ކޯޗެއްގެ ގޮތުގައި ތިން ފަހަރު ޔުރޮޕާ ލީގު ކާމިޔާބުކޮށްފައިވާ ކޯޗު އުނާއީ އެމްރީ ބުންޏެވެ.