ޚަބަރު

ޖިންސީ ކުށްތަކުގައި ފޮރެންސިކް ތަހުލީލުކުރުން ލާޒިމްކޮށް ޤާނޫނަށް އިސްލާހު ގެންނަނީ


ޖިންސީ ކުށުގެ އަނިޔާ ލިބޭ ފަރާތްތަކަށް އިންސާފު ހޯދައިދިނުމަށާއި، ޤާނޫނުގައި ކަނޑައަޅާފައިވާ އުޞޫލުތަކަށް ޢަމަލު ނުކުރާ ފަރާތްތައް ޖަވާބުދާރި ކުރުވުމަށް ޖިންސީ ކުށުގެ ޤާނޫނަށް އިސްލާހު ހުށަހަޅައިފިއެވެ.

ރައްޔިތުންގެ މަޖިލީހަށް މިބިލް ހުށަހެޅުއްވީ ތުޅާދޫ ދާއިރާގެ މެމްބަރު ހިސާން ހުސެއިންއެވެ. ޤާނޫނަށް އިސްލާހު ގެނައުމަށް މަޖިލީހަށް މިމައްސަލަ ހުށަހަޅާފައިވަނީ ޖިންސީ ކުށުގެ މައްސަލަތަކަކީ އޭގެ ޝިކާރައަކަށް ވާ މީހާއަށް ޖިސްމާނީ އަނިޔާ ލިބުމުގެ އިތުރުން ބައެއްފަހަރު މުޅި އުމުރަށް އޭގެ ސަބަބުން ނަފްސާނީ ނޭދެވޭ އަސަރުކުރާ ބާވަތުގެ މައްސަލަތަކަކަށް ވާތީ، މިއީ އިންސާފު ނުލިބިއްޖެނަ ޖިންސީ ކުށުގެ ޝިކާރައަކަށްވާ މީހާ އިތުރަށް ނިކަމެތިވާ، ނާޒުކު މައްސަލަތަކެއްކަމަށް މިބިލްގައި ބުނެފައިވެއެވެ. މިފަދަ މައްސަލަތަކަކީ ޖިންސީ ކުށުގެ ޝިކާރައަކަށްވާ މީހާއާ މެދު ޚާއްޞަ އުޞޫލުތަކަކުން އޭނާއަށް އިތުރު ބުރައެއް ނުވަތަ އަނިޔާއެއް ނުލިބޭގޮތަށް ޢަމަލުކުރަންޖެހޭ މައްސަލަތަކެއްކަމަށް ހިސާން ވިދާޅުވެފައި ވެއެވެ.

ޤާނޫނަށް ހިސާން ހުށަހަޅުއްވާފައިވާ އިސްލާހުތަކުގެ ތެރޭގައި ޤާނޫނުގެ 28 ވަނަ މާއްދާ އާއި 38 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ފަދަ ކުށެއް ހިންގިކަމަށް ތުހުމަތުކުރެވޭ މައްސަލަތަކުގައި ކުށުގެ ޝިކާރަކަށް ވީ ފަރާތުގެ ހަށިގަނޑާއި އަންނައުނުން ސާމްޕަލް ނަގައި، އެސާމްޕަލްގެ ފޮރެންސިކް ތަޙުލީލު ކުރުމަކީ ލާޒިމްކަމަކަށް ވާއިރު އެގޮތަށް ނެގޭ ސާމްޕަލް ވާންޖެހޭނީ "ރޭޕް އެވިޑެންސް ކިޓް" ބޭނުންކޮށް ނެގޭ ސާމްޕަލްތައްކެއްގެ މައްޗަށް ކުރެވޭ ތަޙުލީލެއްކަމަށް ބުނެފައިވެއެވެ.

"ރޭޕް އެވިޑެންސް ކިޓް"ގައި އެންމެ މަދުވެގެން 7 ސާމްޕަލެއް ނެގުމަށް ވަނީ ކަނޑައަޅާފައެވެ. އެގޮތުން އިސްތަށިގަނޑުންނާއި ކުރިމަތިފަރާތާއި ފުރަގަސްފަރާތުގެ ވަށައިގެންވާ ސަރަޙައްދުން ނަގާ އިސްތަށި؛ ލޭ އަދި ކުޑަކަމުދާ ތަކެތި، ކުށުގެ ޝިކަރާއަކަށް ވީ ފަރާތުގެ އަންނައުނު، ނިޔަފައްޗާއި ނިޔަފަތި ދަށުން ނަގާ ސާމްޕަލް، ކުރިމަތި ފަރާތާއި ފުރަގަސްފަރާތުން ނަގާ ސާމްޕަލް، އަގައިން ނަގާ ސާމްޕަލް އަދި ހަށިގަނޑުގެ ބޭރުން ނަގާ ސާމްޕަލެވެ.

މިޤާނޫނަށް ގެންނަ އިސްލާހުތަކާއިއެކީ ސަރުކާރުގެ ސިއްޙީ ޚިދުމަތް ދޭ މަރުކަޒުތަކަށާއި ދިވެހިރާއްޖޭގައި ހިންގާ ހޮސްޕިޓަލުތަކަށް ރޭޕް އެވިޑެންސް ކިޓް ލިބޭނޭ އިންތިޒާމް ސަރުކާރުގެ ފަރާތުން ހަމަޖައްސަން ޖެހެއެވެ. އަދި މިފަދަ ކަންކަމުގައި ކިޓްތަކުގެ ބޭނުންކުރާނީ ރޭޕް އެވިޑެންސް ކިޓް ބޭނުންކުރާނެ ގޮތުގެ ތަމްރީން ލިބިފައި ހުރި ޑޮކްޓަރެއް ކަމަށެވެ. ރޭޕް އެވިޑެންސް ކިޓް ބޭނުންކޮށްގެން ނަގާ ސާމްޕަލް، އެސާމްޕަލް ނަގާ މަރުކަޒުގައި ރައްކާތެރިކޮށް ބަހައްޓާނެ ގޮތުގެ އުޞޫލު މިޤާނޫނަށް ޢަމަލުކުރަން ފަށާތާ 30 ދުވަހުގެތެރޭގައި މޯލްޑިވްސް ޕޮލިސް ސަރވިސްއިން އެކުލަވާލަންވާނެކަމަށްވެސް ބުނެފައިވެއެވެ.

ހިސާން ހުށަހަޅުއްވާފައިވާ އިސްލާހުތަކުގެ ތެރޭގައިވެސް ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް ނަސީލް ޤާނޫނަށް ހުށަހެޅުއްވި ކުށްތަކަށް އަރަގަންނަ މީހުން ދޫވާ މައްސަލާގައި ޤާނޫނުގެ 53 ވަނަ މާއްދާގެ (ނ)، (ރ) އަދި (ބ) އުނިކުރުމަށް ވަނީ ހުށަހަޅާފައެވެ.

ޖިންސީ ކުށުގެ މައްސަލަތަކަކީ ސާބިތުކުރަން އުނދަގޫ މައްސައްލަތަކަކަށް ވެފައިވާއިރު، ޝަރީޢަތަށް ހުށަހެޅޭ ގިނަ މައްސަލަތައް ސާބިނުވާކަމަށް ނިންމާފައި ވަނީ، މައްސަލަ ސާބިތުކުރެވޭވަރަށް ހެކިނެތިގެންކަމަށް ކަނޑައަޅާއިރު ޖިންސީ ކުށުގެ މައްސަލަތަކުގައި ހޯދާ ފޮރެންސިކް ހެކި ހޯދުމުގައްޔާއި ހެކި ރައްކާތެރިކުރުމުގައި ޚާއްޞަ އުޞޫލުތަކެއް ގެންގުޅެގެން މެނުވީ މިބާވަތުގެ މައްސަލަތައް ތަޙުޤީޤުކޮށް، ސާބިތުވާވަރަށް ހެކި ނުހޯދޭނެކަން ޖިންސީ ކުށުގެ ޤާނޫނަށް އަމަލުކުރަން ފެށި ފަހުން ފާއިތުވި 6 އަހަރުދުވަހުގެ ތަޖްރިބާގެ އަލީގައި އެގިފައިވާކަމަށް ހިސާން ވިދާޅުވެފައިވެއެވެ.