ފަތުރުވެރިކަމުގެ ދާއިރާގެ މެދު ފަންތިއާ މަތީ ފަންތީގެ ގިނަ މަޤާމުތައް ދިވެހިން ފުރާގޮތަށް ހެދުމަށް އެދާއިރާއިން ތަމްރީނާއި ތަޖުރިބާގެ ފުރުޞަތުތައް ފުޅާކުރުމަށް އިސްކަންދޭން ޖެހޭކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް ވިދާޅުވެއްޖެއެވެ.
ނާއިބު ރައީސް މިގޮތަށް ވިދާޅުވީ ހިއުމަން ރިސޯސަސް ނުވަތަ އިންސާނީ ވަޞީލަތް ތަރައްޤީ ކުރުމުގެ ދާއިރާގެ މަސައްކަތްތެރީން ތަމްސީލުކުރާ ދިވެހިރާއްޖޭގެ ޖަމުޢިއްޔާއެއް ކަމުގައިވާ މޯލްޑިވްސް އެސޯސިއޭޝަން ފޯ އެޗް.އާރް. ޕްރޮފެޝަނަލްސް (މާރޕް) އިން އިން ގެނެސްދޭ "އެޗް.އާރް. ޕަރސްޕެކްޓިވް ޝެއަރ" ޕްރޮގްރާމްގެ ޚާއްޞަ ސެގްމެންޓެއްގެ ޚާއްޞަ މެހުމާނެއްގެ ގޮތުން ބައިވެރިވެ ވަޑައިގެން ދެއްކެވި ވާހަކަފުޅުގައެވެ.
އޮންލައިންކޮށް ކުރިއަށް ގެންދިޔަ މި ޕްރޮގްރާމުގައި ފަތުރުވެރިކަމުގެ ދާއިރާގައި އެމަނިކުފާނު މަސައްކަތްކުރެއްވި އިރުގެ ބައެއް ތަޖުރިބާތަކާއެކު މިއަދުގެ ޒުވާނުންނަށާއި ޚާއްޞަކޮށް ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތްކުރައްވާ ދިވެހިންނަށް ޚާއްޞަ މެސެޖުތަކެއް ނާއިބު ރައީސްވަނީ ދެއްވާފައެވެ. އަދި، ބައެއް އެހެން ޤައުމުތަކުން މިސާލު ނަންގަވައި ރާއްޖޭގައިވެސް އިންސާނީ ވަޞީލަތް ތަރައްޤީކުރުމުގެ ދާއިރާގައި އިންވެސްޓް ކުރުމުގެ މުހިންމުކަން ފާހަގަކުރެއްވިއެވެ. އެގޮތުން، މިހާރު ދިމާވެފައިވާ ހާލަތުން އަރައިގަނެ، އިޤްތިޞާދު ބިނާކުރުމުގައިވެސް ގުޅިގެން މަސައްކަތްކޮށް، ރަނގަޅު ޖީލެއް އުފެއްދުމަށް މަސައްކަތްކުރަން ޖެހޭކަން ނާއިބުރައީސް ފައިސަލް ނަސީމް ފާހަގަކުރެއްވިއެވެ.
ރާއްޖޭގައި އިންސާނީ ވަޞީލަތް ތަރައްޤީކުރުމަށް ސަރުކާރުން ކުރިއަށް ގެންދަވާ މުހިންމު ބައެއް މަސައްކަތްތައް ފާހަގަކުރައްވަމުން ނައިބު ރައީސް ވަނީ، ފަތުރުވެރިކަމުގެ ދާއިރާއިރާގައި މެދުފަންތިއާ މަތީ ފަންތީގެ ބޮޑު އިންސަތައަކީ ދިވެހިން ފުރާ މަޤާމުތަކަށް ހެދުމުގެ މުހިންމު ކަމުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ. އަދި، އެކަން އެގޮތަށް ކުރުމުގައި ތަމްރީނާއި ތަޖުރިބާގެ ފުރުޞަތުތައް ފުޅާކޮށް މަދުރަސީ ތަޢުލީމުގެ ހަރުފަތްތައް ނިންމާ ދަރިވަރުންނަށް ކެރިއަރ ގައިޑަންސް ކުރިއަށްގެންދިއުމަށް އިސްކަންދޭން ޖެހޭކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
އެމަނިކުފާނުގެ ތަޖުރިބާތަކަށް އަލިއަޅުއްވައިލައްވާ ޒުވާނުންނަށް އަމާޒުކޮށް ވިދާޅުވީ ކޮންމެ މަސައްކަތެއް ކުރިކަމުގައި ވިއަސް ބަލަންވީ އެކަމަކަށް ރަނގަޅަށް ސަމާލުކަންދީގެން ވަގުތުގެ ބޭނުން ހެޔޮ ގޮތުގައި ހިފައިގެން މަސައްކަތްކުރުމަށް ކަމަސް ވިދާޅުވިއެވެ. ވަކި މަސައްކަތެއް ނޫނީ ނުކުރަން ހުރުމުގެ ބަދަލުގައި ކޮންމެ މަސައްކަތެއް ކުރަންޖެހުނު ނަމަވެސް އެ މަސައްކަތެއް ކުރުމުގެ މުހިންމުކަން ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.