ބޮޑުތަކުރުފާނުމަގު ތަރައްޤީކުރުމުގެ މުޅި މަޝްރޫޢުގެ މަސައްކަތްތައް ނިމުމާއެކު، ޕާކިންގެ މައްސަލައަށް ހައްލެއް ލިބިގެންދާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ، ޕީއެސްއެމް ނިއުސްގެ "ނޭޝަން ޗެޓް" ޕޮޑްކާސްޓުގެ ދެވަނަ އެޕިސޯޑުގައި ވާހަކަފުޅުދައްކަވަމުންނެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ، މާލޭގެ މަގުތަކުގެ މައްސަލައަކީ މާލެ ސަރަޙައްދުގައި ދިރިއުޅޭ ރައްޔިތުންނަށް އެންމެ އުނދަގޫވާ އެއް މައްސަލަކަމަށެވެ. ރައީސް ވިދާޅުވީ، މައިގަނޑުގޮތެއްގައި މާލޭގެ މަގުތަކުގައި ދިމާވަނީ 3 މައްސަލައެއްކަމަށެވެ. އެއީ މަގުތަކުގެ ފެންވަރު ދަށްވުމާއި، ޕާކިންގެ މައްސަލައާއި، ފެންބޮޑުވުމުގެ މައްސަލަކަމަށެވެ.
މާލޭގެ މަގުތައް ތަރައްޤީކުރުމުގެ މަޝްރޫޢާ ގުޅޭގޮތުން ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ، މާލޭ އުތުރުފަރާތުން ބޮޑުތަކުރުފާނުމަގު ތަރައްޤީކުރުމަށް މިހާރު ކުރަމުންދާ މަސައްކަތްތަކަށް އަލިއަޅުއްވާލައްވާފައެވެ.
މާލޭ އުތުރުން ބޮޑުތަކުރުފާނުމަގު ތަރައްޤީކުރަނީ، މަގުން ބޭރަށް ހިއްކައިގެން، ދެކޮޅަށް ދުއްވޭގޮތަށް، ތާރު އަޅައި ޒަމާނީ ފެންވަރަށެވެ.
މި މަޝްރޫޢުގެ ތެރެއިން މިހާރު ކުރަމުންދަނީ ފުރަތަމަ ފިޔަވަހީގައި ހިމެނޭ ސެގްމެންޓު 2،3،4 އަދި 5ގެ މަސައްކަތްތަކެވެ. އެއީ އިއްޒުއްދީން ފާލަމުން ފެށިގެން ހެންވޭރު ފެރީ ޓާމިނަލާ ހަމައަށް އޮންނަ ސަރަޙައްދު ތަރައްޤީކުރުމުގެ މަސައްކަތެވެ.
ރައީސް ވިދާޅުވީ، އެ ސަރަޙައްދުގެ މަގު ތަރައްޤީކުރުމުގެ މަސައްކަތް ނިމުމާއެކު، ދެން ބާކީ އޮތް ސަރަޙައްދުގެ މަގު ހެދުމުގެ މަސައްކަތް ފެށޭނެކަމަށެވެ.
"އަޅުގަނޑު ޤަބޫލުކުރަނީ މިހާރު ހަދަމުން މިދާ ބައި ނިމިގެންދިޔައީމަ، ލިންކު ރޯޑުގެ ވަރަށް ބޮޑުބައި ނިމުނީކަމަށް. މިބައި ނިމުނީމަ ދެން އޮތްބައި ފަށާނީ." ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ، ބޭރުމަގު ތަރައްޤީކޮށް ނިމުމުން އެންމެ ބޮޑު ލުޔެއް ލިބޭނީ މާލޭގެ އެތެރޭގެ މަގުތަކުގައި ދުއްވާ ފަރާތްތަކަށްކަމަށެވެ. ތޮއްޖެހިފައިވާ މާލޭގެ ވަށައިގެންވާ ބޮޑު މަގަކީ، ދެކޮޅަށް ދުއްވޭ، ޒަމާނީ މަގުތަކަކަށް ވެގެންދިއުމަކީ މަގު ބޭނުންކުރާ ހުރިހާ ފަރާތްތަކަށްވެސް ބޮޑެތި ފަސޭހަތަކެއް ލިބިގެންދާނެކަމެއްކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ޕާކިން އިމާރާތެއް އެޅުމަށް ސަރުކާރުން މުހިންމު މަސައްކަތްތަކެއް ކުރައްވަމުންގެންދަވާކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ، ޢަމަލީ ގޮތުން އިމާރާތްއެޅުމުގެ މަސައްކަތް ނުފެށި ލަސްވަނީ ބޭރުގެ ލޯނު ހަމަނުޖެހޭތީކަމަށެވެ. އެހެންމަވެސް އެއަށް ބަރޯސާނުވެ، ސަރުކާރުގެ ބަޖެޓުން މިކަމަށް ހައްލެއްގެނައުމަށް މަސައްކަތްކުރައްވަމުން ގެންދަވާކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ، މިހާތަނަށް އައިއިރު އަމިއްލަ ބައެއް ފަރާތްތަކަށް، ހުޅުމާލޭގެ ބައެއް ސަރަޙައްދުތަކުން ޕާކިން އިމާރާތްތައް އެޅުމަށް ޙަވާލުކޮށްފައިވާކަމަށެވެ.
ބޮޑުތަކުރުފާނުމަގު ތަރައްޤީކުރުމުގެ މަޝްރޫޢުގެ ތެރެއިން މިހާރު ހަދަމުންދާ ސަރަޙައްދު ތަރައްޤީކުރަނީ 500 ސައިކަލު ޕާކު ކުރެވޭ ޖާގައިގެ ޕާކިން ޒޯނަކާއެކުގައެވެ. މިއާއެކު އެ ސަރަޙައްދު ބޭނުންކުރާ ފަރާތްތަކަށް ޕާކު ކުރުމުގައި ބޮޑެތި ފަސޭހަތަކެއް ލިބިގެންދާނެކަމަށް ސަރުކާރުން ވިދާޅުވެއެވެ.