އިނގިރޭސިވިލާތުގެ ބަކިންހަމް ޕެލެސް މަރާމާުތުކޮށް އާބާތުރަ ފިލުވައި ނިމުމުން ރަސްގެފާނު ޗާލްސްއާއި ރާނީ ކަމީލާގެ ދިރިއުޅުން އެ ގަނޑުވަރަށް ބަދަލުނުކުރައްވާނެ ކަމަށް ޚަބަރުތަކުން ބުނެފިއެވެ.
1837ވަނަ އަހަރުން ފެށިގެން ލަންޑަންގެ ބަކިންގހަމް ޕެލެސްއަކީ އިނގިރޭސިވިލާތުގެ ޝާހީ ޢާއިލާގެ ރަސްމީ ގެކޮޅެވެ. 775 ކޮޓަރި ހުންނަ މި ގަނޑުވަރަކީ ޝާހީ ޢާއިލާގެ އިދާރީ މަސައްކަތްތައް ވެސް ކުރިއަށް ގެންދާ މަރުކަޒެވެ. އެތައް އަހަރެއް ވަންދެން ބޭނުން ކުރުމުގެ ސަބަބުން އެ ގަނޑުވަރު ކޮންމެވެސް ވަރަކަށް ބާ ވެފައިވާތީ 2017ވަނަ އަހަރުގެ ތެރޭގައި އެ އިމާރާތުގެ އާބާތުރަ ފިލުވައި މަރާމާތުކުރުމުގެ ޚާއްޞަ މަޝްރޫޢުއެއް ވަނީ ފަށައިފައެވެ. 10 އަހަރަށް ދެމިގެންދިޔަ މި މަޝްރޫޢު އަންނަ އަހަރުގެ މާރިޗު މަހަށް ފުރިހަމަވާނެ ކަމަށް ބެލެވެއެވެ. އެ މަޝްރޫޢުއަށް 487 މިލިޔަން އެމެރިކާ ޑޮލަރުގެ ބަޖެޓެއް ކަނޑައަޅައި އެ މަސައްކަތް ދަނީ ހަލުވިކަމާއެކު ކުރަމުންނެވެ.
ބަކިންގްހަމް ޕެލެސްގެ އާބާތުރަ ފިލުވުމަށް ކޮށްފައިވާ މަސައްކަތްތަކުގެ ތެރޭގައި 60އަހަަރަށް ވުރެ ގިނަ ދުވަހު ބޭނުންކޮށްފައިވާ ކޭބަލްތަކާއި ހޮޅިތަކާއި ވަޔަރުތަކާއި ބޮއިލަރުތައް ބަދަލުކުރުން ހިމެނެއެވެ. ޒަމާނީ ފެންވަރަށް އެ ބަދަލުތައް ނުގެނެސްފި ނަމަ އަލިފާނުގެ ހާދިޘާތައް ހިނގައި، ފެނުގެ ސަބަބުން ގެއްލުން ލިބިދާނެ ކަމުގެ ނުރައްކާ އިތުރުވެއެވެ.
2003ވަނަ އަހަރުން ފެށިގެން ޗާލްސް ދިރިއުޅުއްވަމުން ދަނީ ކްލަރެންސް ހައުސްގައެވެ. އޭގެ ކުރިން އެ ގެކޮޅަކީ އޭނާގެ މަންމާފުޅު، ރާނީ އެލިޒަބެތުގެ ގެކޮޅެވެ. އެ ގެކޮޅަށް ކަމީލާ ބަދަލުވެވަޑައިގަތީ 2005ވަނަ އަހަރު، ޗާލްސްއާ ކައިވެނި ބައްލަވައިގަތުމަށް ފަހުގައެވެ. ޗާލްސްއާއި ކަމީލާއާ ދެބޭފުޅުންގެ އުމުރު މިހާރު 80އާ ގާތްވެފައިވާއިރު، އައު ތަނަކަށް ދިރިއުޅުން ބަދަލުކުރެއްވުމަކީ ދެ ބޭފުޅުންނަށް ވެސް މުސްކުޅި އުމުރުފުޅުގައި ބުރަ ކަމަކަށް ވާނެ ކަމަށް ޤަބޫލުކުރެވެއެވެ. ގެކޮޅު ބަދަލު ނުކުރުމަށް ނިންމެވި ސަބަބުތަކުގެ ތެރޭގައި އެ ކަން ހިމެނޭ ކަމަށް ބެލެވެއެވެ.
ބަކިންހަމް ޕެލެސް ބަލައިލުމަށް އަހަރަކު ގާތްހަނޑަކަށް ހަތް ލައްކައެއްހާ މީހުން އެ ގަނޑުވަރަށް ޒިޔާރަތް ކުރެއެވެ. އާބާތުރަ ފިލުވުމުން ބަކިންހަމް ޕެލެސްއަށް ދިިރިއުޅުން ބަދަލުނުކުރެއްވުމަށް ރަސްގެފާނާއި ރާނީ ނިންމަވާފައި އެއް ސަބަބަކީ ޢާންމުންނަށް ބަކިންގްހަމް ޕެލެސްއަށް ޒިޔާރަތްކޮށް ބަލައިލުމުގެ ފުރުޞަތު އިތުރަށް ދިނުމަށް ކަމަށް ބެލެވެއެވެ. އެ ގަނޑުވަރުގައި ރަސްގެފާނު ދިރިއުޅުއްވާނަމަ ސަލާމަތީ ސަބަބުތަކަށްޓަކައި އެ ގަނޑުވަރަށް ޒިރާރަތް ކުރެވޭ މީހުންގެ ޢަދަދު މަދުކުރަން ޖެހެއެވެ. އެހެން ގަނޑުވަރެއްގައި ދިރިއުޅުއްވި ނަމަވެސް ޚާއްޞަ ރަސްމިއްޔާތުތައް އަދިވެސް ބާއްވާނީ ބަކިންހަމް ޕެލެސްގައެވެ.