ޓެކްނޮލޮޖީ

ސޮނީގެ "ޕީއެސް-5" ދައްކާލައިފި


ދިގު އިންތިޒާރަކަށްފަހު މަޝްހޫރު ސޮނީ ކުންފުނިން "ޕްލޭސްޓޭޝަން-5" ދައްކާލައިފިއެވެ.

ޕްލޭސްޓޭޝަން-5 ނުވަތަ ޕީއެސް-5 ސޮނީން އާއްމުނަށް ދައްކާލާފައިވަނީ "ދަ ފިއުޗަރ އޮފް ގޭމިން"ގެ ނަމުގައި ބުރާސްފަތި ދުވަހު ލައިވް ސްޓްރީމް ކޮށްގެން ގެނެސްދިން އިވެންޓުގެ ތެރެއިންނެވެ. މި އިވެންޓުގައި ސޮނީއިން ވަނީ "ޕީއެސް-5" އަދި "ޕީއެސް-5 ޑިޖިޓަލް އެޑިޝަން"ގެ ޑިޒައިން ދައްކާލާފައެވެ.

ޕީއެސް-5 ފަރުމާކޮށްފައިވަނީ ލޮލަށް ބަލާލަން ހިތްގައިމު ގޮތަކަށް ކަޅާ ހުދު ކުލަ ބޭނުންކޮށްގެންނެވެ. ޕްލޭސްޓޭޝަންގެ އާއިލާއަށް އަލަށް ތަޢާރަފު ކުރާ މި ކޮންސޯލާއެކު ބާޒާރަށް ނެރޭނެ ގެޖެޓްސްތައްވެސް ސޮނީން ވަނީ ދައްކާލާފައެވެ. އެގޮތުން ޕީއެސް-5 އަކާއި އޭގެ ގެޖެޓްސްތަކުން މަޝްހޫރު ސްޓަރވޯސް ފިލްމުގައި ހަރަކާތްތެރިވާ ފިކްޝަނަލް ސޯލްޖާރތަކެއްކަމަށްވާ "ސްޓޯމްޓްރޫޕަރ" ވައިބެއް ގެނެސްދޭކަމަށް ގިނަ ބަޔަކު ދަނީ ބުނަމުންނެވެ.

ސޮނީއިން ނެރޭ ޕްލޭސްޓޭޝަންގެ އައު ކޮންސޯލްގައި ހިމެނޭ ބައެއް ޙާއްސަ ކަންތައްތަކަށް ބަލާލާއިރު، ހާޑްވެއަރ ޕްރޮސެސްކުރުމަށް ބޭނުންކޮށްފައިވަނީ ޖީ.ޕީ.ޔޫ އަދި އެއިޓް-ކޯ އޭ.އެމް.ޑީ ޗިޕް ސެޓެވެ. އަދި އެންމެ ބާރުގަދަ ޕީސީ ގޭމިން މެޝިންތަކުގައި ބޭނުންކުރާފަދަ އެޑްވާންސް ލައިޓިންގ ޓެކްނީކް، "ރޭ ޓްރޭސިން " ބޭނުންކޮށްފައިވެއެވެ. ޕީއެސް-5 8-ކޭ ގޭމިންއަށް ސަޕޯޓްކުރާއިރު، މި ކޮންސޯލް ވެގެންދާނީ ޕްލޭސްޓޭޝަން 4 ގެ ޕްރޮސެސިން ސްޕީޑަށްވުރެ 20 ގުނަ އަވަސް ކޮންސޯލަކަށެވެ. މީގެ ސަބަބުން ގޭމް އިންސްޓޯލްކުރުމާއި، ލޯޑްކުރުމުގެ އިތުރުން ފައިލް ސައިޒް ބޮޑެތި ގޭމްތައްވެސް ފަސޭހަކަމާއެކު ކުޅެލެވޭނެއެވެ. ކަޅާ ހުދުން މުޅި ކޮންސޯލް ޑިޒައިންކޮށްފައިވާއިރު، ނޫކުލައިގެ އެލް.އީ.ޑީ ލައިޓެއްވެސް ސޮނީން ވަނީ ބޭނުންކޮށްފައެވެ. އަދި މިއީ ޕްލޭސްޓޭޝަންގެ ޙަޔާތުގައި މިހާތަނަށް ނެރޭ އެންމެ ތަފާތު މޮޑެލެވެ.

ޕީއެސް-5 އަކާއެކު ޑުއަލް ސެންސް ވަޔަރލެސް ކޮންޓްރޯލަރ، ޑުއަލް ސެންސް ޗާރޖިންގ ސްޓޭޝަން، ހައި ޑެފިނީޝަން ކެމެރާ، ޕަލްސް ތްރީ-ޑީ ވަޔަރލެސް ހެޑްސެޓްގެ އިތުރުން މީޑިއާ ރިމޯޓްވެސް އެކުންފުނިން ވަނީ ދައްކާލާފައެވެ. އަދި ޕީއެސް-5 އަކަށް އެކްސްކްލޫސިވްކޮށް ރިލީޒްކުރަން ނިންމާފައިވާ ގިނަ ވީޑިއޯ ގޭމްތަކެއްގެ ޕްރޮމޯތައްވެސް ސޮނީން ބޭއްވި އިވެންޓުގައި ވަނީ އާއްމުކޮށްފައެވެ.

އޭގެ ތެރޭގައި 2018 ވަނަ އަހަރު ނެރުނު މާވެލްގެ ސްޕައިޑަރ މޭންގެ ސީކުއެލް "ސްޕައިޑަރ މޭން - މައިލްސް މޯރަލްސް"، ޕީއެސް-5 ޙާއްސަކޮށްގެން ނެރޭ ގްރޭންޑް ތެފްޓް އޮޓޯ، ޖީޓީއޭ-5، 2017 ވަނަ އަހަރު ރިލީޒްކުރި ހޮރިޒޮން ޒީރޯ ޑޯންގެ ސީކުއެލް "ހޮރިޒޮން - ފޮބިޑަން ވެސްޓް" އަދި ރެޒިޑެންޓް އީވަލްގެ 8 ވަނަ ބައި "ރެޒިޑެންޓް އީވަލް - ވިލެޖް" ހިމެނެއެވެ. އަދި 2021 ވަނަ އަހަރު މުޅިން އަލަށް ރިލީޒްކުރުމަށް ހަމަޖެހިފައިވާ ބައެއް ގޭމްތައްވެސް ސޮނީއިން ވަނީ ދައްކާލާފައެވެ.

ޕީއެސް-5 ދައްކާލުމަށް ލައިވް ސްޓްރީމް ކޮށްގެން ގެނެސްދިން އިވެންޓްގައި ސޮނީ އިންޓެރެކްޓިވް އެންޓަޓައިންމަންޓްގެ ރައީސް އަދި ސީ.އީ.އޯ ޖިމް ރަޔަން ވިދާޅުވީ، ޕީއެސް-5 ވެގެންދާނީ، އަނެއްކާވެސް ޒުވާނުންގެ މެދުގައި ތަފާތު ތަޖުރިބާއެއް ގެނުވާނެ އެއްޗެއްކަމަށެވެ. ޕީއެސް-5 ގެ ޑިޒައިނާއި، އޭގެ ފީޗާރސްތަކަކީވެސް ޒުވާނުންގެ މެދުގައި މަޤުބޫލު އެއްޗަކަށް ވެގެންދާނެކަން ރަޔަން ފާހަގަކުރެއްވިއެވެ.

ޕީއެސް-5 ގައި ހިމެނޭނެ ޙާއްސަ ފީޗާރސްތަކާގުޅޭ މާބޮޑު ތަފްޞީލެއް ސޮނީން އަދި ހާމަކޮށްފައިނުވި ނަމަވެސް، ޕީއެސްގެ ފަހުގެ ކޮންސޯލުންވެސް މުހިއްމު ބަދަލުތަކެއް ފެންނާނެކަމަށް ރަޔަން ވިދާޅުވިއެވެ. އަދި ކުރިއަށް އޮތް ދުވަސްތަކުގެ ތެރޭގައި ޕީއެސް-5 އަކާއި ގުޅޭ މުހިއްމު މަޢުލޫމާތުތަކެއް ހާމަކުރައްވާނެކަމަށް ރަޔަން ވިދާޅުވެފައިވެއެވެ.

ޕީއެސް-5 އަދި ޕީއެސް-5 ޑިޖިޓަލް އެޑިޝަން ބާޒާރަށް ނެރުމަށް ހަމަޖެހިފައިވަނީ މި އަހަރުގެ ފަހުކޮޅެވެ. ނަމަވެސް އައު ކޮންސޯލް ބާޒާރަށް ނެރޭނެ ތާރީޚާއި، ވިއްކާނެ އަގެއް ސޮނީން އަދި އިޢުލާންކޮށްފައެއް ނުވެއެވެ. ޕްލޭސްޓޭޝަންގެ އައު ކޯންސޯލް ދައްކާލާފައި މިވަނީ ޕްލޭސްޓޭޝަން 4 ބާޒާރަށް ނެރުންތާ 6 އަހަރު ފަހުންނެވެ.

ވީޑިއޯ ގޭމް ކުޅުމަށް ފޯރި ހުންނަ ޒުވާނުންގެ މެދުގައި ޕްލޭސްޓޭޝަނަކީ އެންމެ މަގުބޫލު އެއް ކޮންސޯލެވެ. 1994 ވަނަ އަހަރު ތަޢާރަފުކުރި ޕްލޭސްޓޭޝަން އުފެއްދި ޖަޕާންގެ ސޮނީ ކުންފުންޏަކީ ގޭމް އިންޑަސްޓްރީގައި ދުނިޔޭގައި އެންމެ ވަރުގަދަ ކުންފުނިތަކުގެ ލިސްޓުގައި ގުނާލެވޭ އެއް ކުންފުންޏެވެ. 2019 ވަނަ އަހަރުގެ ނިޔަލަަށް ސޮނީން ވަނީ ޕީއެސް-4ގެ 100 މިލިއަނަށްވުރެ ގިނަ ޔުނިޓް ވިއްކާފައެވެ.

ސޮނީއިން ޕީއެސް-5 ގެ ޑިޒައިން ދައްކާލުމަށް ލައިވްސްޓްރީމް ކުރި އިވެންޓް ދުނިޔޭގެ އެކި ކަންކޮޅުތަކުން އެތައް ސަތޭކަ ބަޔަކު ވަނީ ބަލާފައެވެ. އަދި ޕީއެސް-5 އަކާއި މެދު ދެކޭ ދެކުމާއި، ކުރެވޭ އުއްމީދުތައް ސޯޝަލް މީޑިއާގައި ގިނަ ބަޔަކު ވަނީ ހިއްސާކުރަން ފަށާފައެވެ. ޕްލޭސްޓޭޝަން-5 ވެގެންދާނީ ގޭމިންގ އިންޑަސްޓްރީގައި އޮތް ވާދަވެރިކަން އިތުރުވެ، އިންޤިލާބެއް ގެނުވާނެ އުފެއްދުމެއްގެ ގޮތުގައި ޓެކްނޮލޮޖީއާއި ގޭމިން އިންޑަސްޓްރީގެ ކަންކަން ދިރާސާ ކުރާ ފަރާތްތަކުން ސިފަކުރެއެވެ.