ޚަބަރު

ޑރ މޫސާ ކޯވިޑަށް ޕޮޒިޓިވް ނުވޭ އެއީ ދޮގެއް


ކޯވިޑް ބަލީގެ މީހުންނަށް ފަރުވާދޭ ޓީމުގައި ހަރަކާތްތެރިވެވަޑައިގަންނަވާ އައިޖީއެމްއެޗުގެ ޑޮކްޓަރ ޑރ. މޫސާ ހުސެއިން އެ ބައްޔަށް ޕޮޒިޓިވްވިކަމަށް ބުނެ ދެކެވޭ ވާހަކަތަކީ ދޮގެއްކަމަށް އެންއީއޯސީން ވިދަޅުވެއްޖެއެވެ.

އައިޖީއެމްއެޗްގެ ނޭޝަނަލް ރެސްޕިރޭޓަރީ ޑިޕަރޓްމެންޓުގެ ހެޑް ޑރ މޫސަ ކޯވިޑް ޕޮޒިޓިވްކަމަށް ބުނެ އެވާހަތަކަށް އަންނަނީ ސޯޝަލް މީޑިއާގައި ފެތެރެމުންނެވެ. އެ ޕޯސްޓްތަކުގައި ބުނާ ގޮތުން ޑރ މޫސައަށް ކޯވިޑް ޖެހުނުކަން އެނގުނީ އެ ބަލި ޖެހިފައި ރަނގަޅުވި ފަހުންނެވެ. އަދި އެކަން އެނގިފައިވަނި އެޗްޕީއޭއިން ހެދި އެންޓި ބޮޑީސް ޓެސްޓަކުންކަމަށްވެސް އެ ޕޯސްޓްތަކުގައިވެއެވެ.

ސޯޝަލް މީޑިއާގައި ދެކެވޭ ވާހަކައާއި ގުޅިގެން އެންއީއޯސީގެ ތަރުޖަމާން މަބްރޫކް އަޒީޒް ވިދާޅުވީ އެއީ ކަނޑައެޅިގެން ދޮގު ވާހަކައެއްކަމަށް ޑރ މޫސާ ވިދާޅުވިކަމަށެވެ. އަދި މި ވާހަކަތައް ސަބަބުން ޑރ މޫސާގެ އާއިލާއާއި ގާތް ރަހުމަތްތެރިންނާއި ޑރ މޫސައަށް ދެއްކި ބަލީ މީހުންގެ ހިތުގައި ބިރުވެރިކަން އުފެދިފައިވާތީ އެކަމުގެ ކަންބޮޑުވުން ޑރ މޫސަ ފާޅުކުރެއްވިކަމަށްވެސް މަބްރޫކް ވިދާޅުވިއެވެ.

މަބްރުކް ވިދާޅުވީ މިކަމުގައި އިސްކޮށް އުޅޭ އެއްވެސް ފަރާތެއްގެ ކިބައިން އެފަދަ ކަމެއް ދިމާވެއްޖެނަމަ އެކަން ދިމާވެފަ ތިބި އެންމެނާއި ވަގުތުން ގުޅާ އެކަން އަންގާނެކަމަށެވެ.

މި ޚަބަރާއި ގުޅިގެން ޑރ.މޫސާ ފޭސްބުކުގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ، ހާލު ރަނގަޅުކަމަށާއި ކޯވިޑް-19އަށް މިހާތަނަށް ޓެސްޓު ކޮށްފައި ނުވާކަމަށެވެ.

ޑރ. މޫސާ ވަނީ އެފަދަ ދޮގު ޚަބަރުތައް ނުފެތުރުމަށާއި އެ ޚަބަރު ފެތުރި މީޑިއާއިން އެ ޚަބަރު ނެގުމަށް އެދިފައެވެ. އަދި ސޯޝަލް މީޑީއާގެ އެކި ޕްލެޓްފޯމްތައް ބޭނުންކުރައްވާ ފަރާތްތަކުން ވިސްނުންތެރިކަމާއެކު އެ ޕްލެޓްފޯމްތައް ބޭނުންކުރުމަށާއި މީހުންނާއި ބެހޭގޮތުން ހަޤީޤަތާ ޚިލާފު މަޢުލޫމާތު ނުފެތުރުމަށް އެދިފައެވެ.