އިތުރު 7 މީހަކު އަނެއްކާވެސް ރާއްޖެއިން ކޯވިޑް-19އަސް ޕޮޒިޓިވްވެ ރާއްޖެއިން މިބައްޔަށް ޕޮޒިޓިވްވި މީހުންގެ ޖުމުލަ ޢަދަދު 900އަށްވުރެ މައްޗަށް ހިނގައްޖެއެވެ.
ރާއްޖެއިން މިއަދު ޕޮޒިޓިވްވި އިތުރު 7 މީހުންނާއިއެކު ރޭ މެންދަމު 12:00ގެ ފަހުން މިހާތަނަށް ޕޮޒިޓިވްވި މީހުންގެ ޢަދަދުވަނީ 42އަށް އަރާފައެވެ. ޕޮޒިޓިވްވި 7 މީހުންގެ ތެރޭގައި ހިމެނެނީ 2 ދިވެހިންނާއި ބަންގްލަދޭޝްގެ 3 މީހަކާއި އިންޑިއާގެ 2 މީހެކެވެ. މިއާއެކު ރާއްޖެއިން މި ބައްޔަށް ޕޮޒިޓިވްވި މީހުންގެ ޢަދަދު މިވަނީ 904 އަށް އަރާފައެވެ. ރާއްޖެއިން މިބައްޔަށް ޕޮޒިޓިވްވި ދިވެހިންގެ ޢަދަދު މިހާރުމިވަނީ 304 އަށް އިތުރުވެފައެވެ. އަދި ބިދޭސީންގެ ޢަދަދު މިހާރު 600 އަށް ވަނީ އަރާފައެވެ. މީގެތެރެއިންވެސް އެންމެ ގިނައީ ބަންގްލަދޭޝަށް ނިސްބަތްވާ މީހުންނެވެ.
މިހާރު ރާއްޖެއިން ޕޮޒިޓިވްވެފައިވާ މީހުންގެ ތެރޭގައި މިހާރުހުރި ކްލަސްޓާތަކަށް ނިސްބަތްވާ މީހުންގެ ޢަދަދު އިތުރުވެފައިވާއިރު އަލަށް ފެނުނު ކްލަސްޓާތައްވެސް ހިމެނޭކަމަށް ނޭޝަނަލް އެމެޖެންސީ އޮޕަރޭޝަން ސެންޓަރުން ވިދާޅުވެއެވެ. ރާއްޖެއިން ޕޮޒިޓިވްވި ބަންގްލަދޭޝް މީހުންގެ އަދަދުވަނީ 495 އަށް އަރާފައެވެ.
ރާއްޖެއިން ކޯވިޑް-19 ފެނުނުތާ މިއަދަށް 65 ދުވަސް ވަނީ ވެފައެވެ. މިހާތަނަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން ބަލިން ރަނގަޅުވެފައިވަނީ 31 މީހެކެވެ. މީގެ ތެރޭގައި މާލެއިން އެންމެ ފުރަތަމަ ޕޮޒިޓިވްވި ދެމީހުންވެސް ހިމެނެއެވެ. ރާއްޖެއިން މިހާތަނަށް މި ބަލީގައި މަރުވެފައިވަނީ ދިވެހި 2 މީހަކާއި ބަންގްލަދޭޝް ރައްޔިތެކެވެ.