ކ.ގާފަރުކާރިން ބަންޑުންޖަހާލި ކޮޅުވެއްޓިން ގެއްލުން 2 މީހުން ހޯދުމަށް ކަނޑާއި ވައިގެ މަގުން ބޮޑު ސަރަހައްދެއް ބަލާފައިވާކަމަށް އެމްއެންޑީއެފުން ވިދާޅުވެއްޖެއެެވެ.
އެމްއެންޑީއެފުން ވިދާޅުވި ގާފަރު ކާރިން ބަންޑުންޖަހާލި ކޮޅުވެއްޓިން ގެއްލިގެން ގެއްލުނު ދެ މީހުން ހޯދުމަށް އެމްއެންޑީއެފް ކޯސްޓްގާޑާއި، އެމްއެންޑީއެފް އެއަރ ކޯރއިން މިހާތަނަށް ކަނޑާއި ވައިގެ މަގުން 2747 އަކަ ނޯޓިކަލް މޭލްގެ ސަރަހައްދެއް ބަލާފައިވާ ކަމަށެވެ. އަދި ކޮޅުވެއްޓި އަޑިޔަށްދިޔަ ސަރަހައްދު އެމްއެންޑީއެފް ކޯސްޓްގާޑްގެ ޑައިވަރުން ޑައިވްކޮށްގެން ބަލާފައިވާކަމަށް އެމްއެންޑީއެފުން ވިދާޅުވިއެވެ.
މި މަސައްކަތުގައި ކަނޑުމަގުން ކޯސްޓްގާޑް ޝިޕް އިމާދުއްދީންއާއި ފާސްޓް އިންޓަރސެޕްޓަރ ކްރާފްޓް ހަރަކާތްތެރިވަމުން ދާއިރު، މިހާތަނަށް ކުރެވުނު މަސައްކަތުން ގެއްލުނު ދެ ބިދޭސީން އަދި ފެނިފައި ނުވާކަަމަށް އެމްއެންޑީއެފުން މައުލޫމާތުދެއްވައެވެ.
ޖުލައިމަހުގެ 31 ވަނަދުވަހުގެ ހެނދުނު 08:48 އެހާކަންހާއިރު މިކޮޅުވެއްޓި ބަނޑުން ޖަހާލި ހާދިސާ ހިނގިއިރުމި ކޮޅުވެއްޓީގައި ތިބީ 2 ދިވެހިންނާއި 8 ބިދޭސީންނެވެ. ގެއްލިގެން ހޯދަމުންދަނީ 2 ބިދޭސީންނެވެ.
މިހާދިސާގައި ސަލާމަތްވި 8 މީހުން ގާފަރަށް ގެންގޮސްފައިވާއިރު އެ މީހުންގެ ގައިން ބައެއް ތަންތަން މަށައިގެން ދިއުން ފަދަ ކުދި އަނިޔާތައް ލިބިފައި ހުރި ނަމަވެސް މި 8 މީހުންގެވެސް ހާލު ރަނގަޅު ކަމަށް ގާފަރު ކައުންސިލުން ޕީއެސްއެމް ނިއުސްއަށްވަނީ މައުލޫމާތު ދެއްވާފައެވެ.