އިންސާނުންގެ ހަށިގަނޑަށް ހޭނެމުންދާވަރަކަށް ކޯވިޑް-19 ޖައްސާ ސާސް-ކޮވީ-2 ނަމަކަށް ކިޔާ ވައިރަހަށް ބަދަލުތަކެއް އަންނަމުންދާކަމަށް އެވައިރަހުގެ އެތައް ހާސް ސާންޕަލެއް ބަލާ އޭގެ ޖީންތައް ތަހުލީލުކޮށް ހަދާފައިވާ ގިނަ ދިރާސާތަކަކުން ވަނީ ދައްކާފައެވެ.
އެމެރިކާގެ ލޮސް އަލަމޮސް ނޭޝަނަލް ލެބޯޓްރީގެ މާހިރުން ވިދާޅުވީ އާ ކޮރޯނާވައިރަހުގެ މައިގަނޑު ސިފަކަމުގައިވާ ތޫނު ކަށިތަކެއްހެން ނުކުމެފައި ހުންނަ ބައިތަކަށް އަންނަމުންދާ ބަދަލުތައް އިންފުލުއެންޒާއާބެހޭ މަޢުލޫމާތު ޙިއްސާކުރާ ޑާޓާ ބޭހަކުން ބަލާފައިވާކަމަށެވެ. އެގޮތަށް ބެލި ބެލުމުން ވައިރަހަށް ތަފާތު 14 ބަދަލެއް އައިސްފައިވާކަންވަނީ ފާހަގަކުރެވިފައެވެ. އޭގެ ތެރެއިން ޑީ614ޖީގެ ނަމުން ނަންދެވިފައިވާ އެއް ބަދަލަކީ އެއާމެދު ސައިންސުވެރިން ކަންބޮޑުވާ ބަދަލެއްކަމަށްވަނީ ފާހަގަކޮށްފައެވެ. އެބަދަލު އައިސްފައިވާ ވައިރަސްތައް އިތުރަށް ބާރުގަދަކަމަށާ، އޭގެ ބަލިޖައްސާ ބާރުވެސް އިތުރުވަމުންދާކަށް ވަނީ ފާހަގަކުރެވިފައެވެ.
ހަމަ އެޑާޓާބޭސް ބޭނުންކޮށްގެން އިނގިރޭސިވިލާތުގެ ޔުނިވަސިޓީ ކޮލެޖު ލަންޑަން (ޔޫސީއެލުން)ވަނީ ދުނިޔޭގެ އެކި ހިސާބުތަކުގައި ކޯވިޑް-19 ޖެހިފައިވާ 7500އަށް ވުރެ ގިނަ މީހުންގެ ސާންފަލުތައް ބަލައި ވައިރަހުގެ ޖީންތައް ތަޙްލީލުކޮށްފައެވެ. ޔޫސީއެލުންވަނީ ވައިރަހަށް އައިސްފައިވާ 198 ބަދަލު ފާހަގަކޮށްފައެވެ. ނަމަވެސް އެއިން އެއްވެސް ބަދަލަކީ އަދި ކަންބޮޑުވާ ދަރަޖައަށް އައިސްފައިވާ ބަދަލުތަކެއް ނޫންކަމަށް އެޔުނިވަސިޓީއިން ބުނެއެވެ.
ގްލެސްލޯ ޔުނިވާސިޓީއިންވެސްވަނީ ވައިރަހަށް އައިސްފައިވާ ބަދަލުތައް ދިރާސާކޮށްފައެވެ. އެޔުނިވަސިޓީއިން ބުނީ ސާންޕަލުތަކަށް ބަލާއިރު ސާސް-ކޮވް-2ގެ އެކި ވައްތަރުތައް އުޅޭ ކަމަށް ނުބެލެވޭ ކަމަށެވެ. އެހޯދުމަކީ ޗައިނާގެ ސައިންސުވެރިން މީގެ ކުރިން ހޯދާފައިވާ ހޯދުމަކާ ފުށުއަރާ ހޯދުމެކެވެ. ޗައިނާއިން މީގެ ކުރިން ބުނެފައިވަނީ އެވައިރަހުގެ ދެވައްތަރެއް ފެތުރެމުންދާކަމަށާއި ދެވައްތަރުގެ ތެރެއިން އެއްވައްތަރުގެ ނުރައްކާ މާ ބޮޑުކަމަށެވެ.
ކެލިފޯނިއާގެ ސްކްރިޕްސް ރިސާޗް ޓްރާންސްލޭޝަން އިންސްޓިޓިއުޓްގެ ބާނީ އަދި ޖެނެޓިސިސްޓު އެރިކް ޓޮޕޮލް ވިދާޅުވީ ދުނިޔޭގައި ފެތުރެނީ ސާސް-ކޮވް-2ގެ އެންމެ ވައްތަރެއް ކަމަށާ، ވައިރަހުގެ އެކި ވައްތަރުތައް ނޫޅޭކަން ޔަޤީންކުރެވިފައިވާކަމަށެވެ. އިނގިރޭސިވިލާތުގެ ފްރާންސިސް ކްރިކް އިންސްޓިޓިއުޓުގެ ވައިރޮލޮޖިސްޓެއްކަމަށްވާ ޖޮނަތަން ސްޓޯއި ވިދާޅުވީ ހެދިފައިވާ ހުރިހާ ދިރާސާތަކުން ވައިރަހަށް އަންނަމުންދާ ބަދަލުތައް ރަނގަޅަށް ދައްކުވައިދޭ ކަމަށާއި އެވައިރަހަކީ އަބަދު އެއްގޮތަކަށް ހުންނަ އެއްޗެއް ނޫންކަން ޔަޤީންވާކަމަށެވެ. ނަމަވެސް އެބަދަލުތަކުގެ ސަބަބުން ކުރާނީ ކޮން އަސަރެއްކަން އަދި ބުނަން ނޭނގޭކަމަށް އޭނާ ވިދާޅުވިއެވެ.
"ގިނަ އާރުއެންއޭ ވައިރަހެކޭ އެއްގޮތަށް ކޮރީނާވައިރަހަށްވެސް ދަނީ ބަދަލު އަންނަމުން"، ޔުނިވަސިޓީ އޮފް މިނެސޮޓާ މެޑިކަލް ސްކޫލުގެ ޖެނެޓިކްސްއާ ބެހޭ ތަޖުރިބާކާރު މާކް ޝްލެއިސް ވިދާޅުވިއެވެ.
ޖެނެޓިކްސްއާއި ބަޔޮލޮޖީއާ ބެހޭ މާހިރުން ވިދާޅުވަނީ ވައިރަހަށް އަންނަ ބަދަލުގެ ސަބަބުން އޭގެ ވަރުގަދަކަމަށް އެއްވެސް ބަދަލެއް އަންނާނެކަމަށް ބުނަން އަދި އަވަސްކަމަށެވެ. ވާވިކް ޔުނިވަސިޓީގެ މޮލެކިއުލާރ އޮންކޮލޮޖީއާ ބެހޭ ޕްރޮފެސަރެއްކަމަށްވާ ލައުރެންސް ޔަންގް ވިދާޅުވީ އެވައިރަހުގެ މިހާރަށް ވުރެ ވަރުގަދަ ވައްތަރެއް ފާޅުވުދޭނެކަމާ ގުޅޭގޮތުން ސައިންސުވެރިންގެ މެދުގައި އެކި ގޮތްގޮތަށް ވާހަކަ ދެކެވެމުންދާކަމަށެވެ. ނަމަވެސް މިހާތަނަށް ހެދުނު އެއްވެސް ދިރާސާއަކުން އެކަމަށް ބާރުދޭކަން ފާހަގަވެފައިނުވާކަމަށް އޭނާ ވިދާޅުވިއެވެ.
"ސާސް-ކޮވީ-2އަށް ބަދަލު އަންނަނީ އެހާ އަވަސް އަވަހަކަށްނޫން. ވައިރަހަށް އަންނަ ބަދަލުތަކުގެ ސަބަބުން ވައިރަހުގެ ސިފަތަކަށް މާބޮޑު އަސަރެއްކޮށްފައިވާކަމަށް މިހާތަނަށް ހެދި އެއްވެސް ދިރާސާއަކުން ބާރެއްނުދޭ"، އޭނާ ވިދާޅުވިއެވެ.
ޓޮޕޮލް ވިދާޅުވީ ކުރިއަށް އޮތް ތަނުގައި ވައިރަހުގެ ވަކި ވަކި ޖީނޯމްތަކުން ކުރާ މަސައްކަތްބަލާ، ވައިރަހަށް އަންނަ ބަދަލެއްގެ ސަބަބުން ވައިރަހުގެ ސިފަތަކަށް އަންނަ ބަދަލު އިތުރަށް ދިރާސާކުރާނެކަމަށެވެ.
ޔޫސީއެލްއިން ކުރި ދިރާސާއިން ވައިރަހަށް އައިސްފައިވާކަމަށް ފާހަގަވި ބަދަލުތަކަކީ ހުރިހާ ވައިރަހަކަށް އައިސްފައިވާ ބަދަލެއް ނޫނެވެ. ވައިރަހުގެ ޖީނޯމްތަކުގެ ބައެއް ބައިތަކަކީ ބަދަލުއައުން އެކަށީގެން ނުވާ ބައިތަކެކެވެ. އަނެއް ބައިތަކަކީ ބަދަލު އަންނަ ކަމަށް ފާހަގަވެފައިވާ ބައިތަކެވެ.
ޔޫސީއެލްގެ ދިރާސާގައި އިސްކޮށް ބައިވެރިވި ލޫސީ ވެން ޑޯޕް ވިދާޅުވީ ވެކްސިނަކާއި ބޭހެއް ތައްޔާރުކުރާއިރު އަމާޒުކުރަންވާނީ ބަދަލު ނާންނަ ބައިތަކަށްކަމަށެވެ. ބަލިމަޑުކަމުގެ ތެރޭގައި އެބައިތަކަށް މާބޮޑު ބަދަލެއް ނާންނަނަމަ، ކުރިއަށް އޮތްތަނުގައި އެބައިތަކަށް ބޮޑު ބަދަލެއް އައުން އެކަށީގެން ނުވާކަމަށް އޭނާ ވިދާޅުވިއެވެ.