ޚަބަރު

ދުރާލާ އިންޒާރުދޭ ނިޒާމު ހަރުދަނާކުރުމަށް ޤައުމީ ފެންވަރުގައި މަޝްވަރާކޮށްފި


  • އިސްކަންދޭންވީ މުހިންމު ކަންކަން ފާހަގަކޮށްފައިވޭ

  • ހަރުދަނާ މަގުޗާޓެއް އެކުލަވައިލުމަށް މުހިންމު ނިންމުންތަކެއް ނިންމާފައިވޭ

ދިވެހިރާއްޖެއަކީ މޫސުމީ ބަދަލުތަކާއި ކާރިސާތަކުގެ ނުރައްކާ އިންތިހާއަށް ބޮޑު ޖަޒީރާ ޤައުމަކަށް ވުމާއެކު، ރައްޔިތުންގެ ބައިވެރިވުން ހިމެނޭ އަދި ރައްޔިތުންގެ ޙާޖަތްތަކަށް އިސްކަންދޭ ދުރާލާ އިންޒާރުދޭ ނިޒާމު ހަރުދަނާކުރުމަށް ޚާއްޞަ ބައްދަލުވުމެއެ ބާއްވައިފިއެވެ.

މޫސުމީ ބަދަލުތަކާއި ތިމާވެއްޓާއި ހަކަތައާ ބެހޭ ވުޒާރާއިން ވިދާޅުވީ ކާރިސާތަކުން ރައްޔިތުންނާއި މުދާ ރައްކާތެރިކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ބޭއްވި މި ބައްދަލުވުމަކީ "ނޭޝަނަލް އާރލީ ވޯނިންގ ރޯޑްމެޕް ކޯޑިނޭޝަން މީޓިންގ" އެއް ކަމަށެވެ. މި ބައްދަލުވުމުގައި ކަމާގުޅުންހުރި އެންމެހައި މުއައްސަސާތަކާއި ސްޓޭކްހޯލްޑަރުން ވަނީ ދުރާލާ އިންޒާރުދޭ ނިޒާމު ހަރުދަނާކުރުމުގައި އިސްކަންދޭންވީ މުހިންމު ކަންކަން އެއް މިސްރާބަކަށް ގެނައުމަށް ފުޅާ ދާއިރާއެއްގައި މަޝްވަރާކޮށްފައެވެ. އަދި މި މަސައްކަތްތައް ޢަމަލީ ގޮތުން ތަންފީޛުކުރުމަށްޓަކައި ހަރުދަނާ މަގުޗާޓެއް އެކުލަވައިލުމަށް މުހިންމު ނިންމުންތަކެއް ވެސް ވަނީ ނިންމާފައެވެ.

އެކުލަވައިލުމަށް ނިންމާފައިވާ މި މަގުޗާޓުގެ މައިގަނޑު މަޤްޞަދުތަކުގެ ތެރޭގައި ހިމެނެނީ:

މޫސުމީ ވިލުންތެރިކަން އިތުރުކުރުން: މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ކުރިމަތިވާ ތަފާތު ކާރިސާތަކަށް ވިލުންވެރި، އަދި ކެތްތެރި މުޖުތަމަޢެއް ބިނާކުރުން

ހިރާސްތަކަށް ބިނާކޮށް ފިޔަވަޅުއެޅުން: ލިބެންހުރި ސައިންޓިފިކް މަޢުލޫމާތާއި ޑޭޓާގެ އަލީގައި، ކުރިމަތިވެދާނެ ނުރައްކާތައް ދުރާލާ ދެނެގަނެ، އެކަންކަމަށް ރިޢާޔަތްކޮށް ރޭވުންތެރިކަމާއެކު ދުރާލާ ފިޔަވަޅުތައް އެޅުން

އެންމެ ފަހު މީހާއާ ހަމައަށް އިންޒާރު ފޯރުކޮށްދިނުން: ރާއްޖޭގެ އެންމެ ދުރު ރަށްރަށާއި، ވަކިން ދިރިއުޅޭ ރައްޔިތުންނާ ހަމައަށް ވެސް، އެއްވެސް ލަސްވުމެއްނެތި، ފަސޭހައިން ދޭހަވާނެ ގޮތެއްގައި ކާރިސާގެ އިންޒާރުގެ މަޢުލޫމާތު ވަގުތުން ވަގުތަށް ފޯރުކޮށްދިނުން

މި ބައްދަލުވުމަކީ ރާއްޖޭގެ ކާރިސާތަކުން ރައްކާތެރިވުމުގެ ޤައުމީ ނިޒާމު މިހާރަށްވުރެ ހަރުދަނާކޮށް، ކޮންމެ ދިވެހި ރައްޔިތަކަށްމެ ރައްކާތެރި އަދި އަމާން މާޙައުލެއް ކަށަވަރުކޮށްދިނުމަށްޓަކައި އެޅުނު ވަރަށް މުހިންމު، އުންމީދީ ފިޔަވަޅެއް ކަމަށް މޫސުމީ ބަދަލުތަކާއި ތިމާވެއްޓާއި ހަކަތައާ ބެހޭ ވުޒާރާއިން ވިދާޅުވިއެވެ.