ޚަބަރު

ޙާލަތުން އަރައިގަތުމަށް ކުރިއަށް އޮތް 2 ހަފްތާގައި ރައްޔިތުންގެ އެއްބާރުލުމަށް ރައީސް އެދިވަޑައިގެންފި


ކުރިއަށް އޮތް ދެހަފްތާއަކީ މާލޭގައި ބަލީގެ ހާލަތު އިތުރަށް މައްޗަށްދާނެކަމަށް އަންދާޒާކުރެވޭ ދެހަފްތާކަމަށްވުމުން އެ ދެ ހަފްތާގައި ރައްޔިތުންގެ އެއްބާރުލުމާއި އެހީތެރިކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް އެދިވަޑައިގެންފިއެވެ. ޤައުމާ މުޚާތަބްކުރައްވައި ރައީސް ދެއްވި ޚިޠާބުގައި އެމަނިކުފާނު ވަނީ ކުރިއަށްއޮތް ދެ ހަފުތާގައި ވަރަށް ފަރުވާތެރިކަމާއި ވިސްނުންތެރިކަމާއެކު ރައްޔިތުން މަސައްކަތް ކުރަންޖެހޭ ކަމަށެވެ.

ކޯވިޑް-19ގެ ހާލަތާއި ގުޅޭގޮތުން ޤައުމާއި މުޚާތަބް ކުރައްވައި ދެއްވި ހިތާބުގައި ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް ވިދާޅުވީ ރާއްޖޭގައި "ކޯވިޑް-19"ގެ ޙާލަތު ވަޒަންކުރައްވާ ޞިއްޙީ ތަޖުރިބާކާރުން އަންދާޒާ ކުރައްވަނީ، ކުރިއަށް މިއޮތް ދެ ހަފުތާގެ ތެރޭގައި، މާލޭގައި މި ބަލީގެ ޙާލަތު، މިހާރަށް ވުރެ މައްޗަށް ދިޔުން އެކަށީގެންވާ ކަމަށެވެ. އެހެންކަމަށްވުމާއިއެކު ކުރިއަށް މިއޮތް ދެ ހަފުތާއަކީ، ހުރިހާ ރައްޔިތުންވެސް ވަރަށް ފަރުވާތެރިކަމާއި ވިސްނުންތެރިކަމާ އެކު މަސައްކަތް ކުރަންޖެހޭ ދެ ހަފުތާކަމަށެވެ. އަދި މި ދުވަސްކޮޅުގެ ތެރޭގައި ރައްޔިތުން ކުރެވޭ މަސައްކަތްތަކުން، މި ބަލިން އަވަހަށް އަރައިގަތުމުގެ އުންމީދު ވަރަށް ބޮޑުކަމަށްވެސް ރައީސް ވިދާޅުވިއެވެ.

"މި ބައްޔަށް އިތުރު މީހުން މިވަގުތު ޕޮޒިޓިވް ވިޔަސް، މި ބަލި ފެތުރުން ހުއްޓުވުމަށްކުރާ މަސައްކަތް، އިރާދަ ކުރެއްވީތީ ކޮންޓްރޯލުން ނެއްޓިގެނެއް ނުދޭ. އަޅުގަނޑުމެންގެ ޞިއްޙީ ޚިދުމަތްތެރިންގެ އުންމީދެއްވެސް ނުގެއްލޭ. "ކޯވިޑް-19"ގެ ސަބަބުން، ރާއްޖެ މިވަނީ ވަރަށް ބޮޑަށް ޞިއްޙީ ޚިދުމަތްތެރިންނަށް ބޭނުންވެފައި، ޚިދުމަތުން ރިޓަޔަރކުރައްވައިގެން ތިއްބެވި، ވަރަށް ގިނަ ޞިއްޙީ ޚިދުމަތްތެރިން މިހާރުވެސް އަޅުގަނޑުމެންގެ ތެރޭގައި އެބަތިއްބެވި. އަދި ވަގުތީ ގޮތުން ޚިދުމަތާ ދުރަށް ޖެހިވަޑައިގެން އުޅުއްވާ ބައެއް ބޭފުޅުންވެސް އެބަތިއްބެވި. އަޅުގަނޑު ދަންނަވާނީ، މިއީ ތިޔަ ބޭފުޅުން އެނބުރި ޚިދުމަތަށް ވަޑައިގަންނަވަންވީ ވަގުތޭ. ޤައުމު މިއަދު ތިޔަ ބޭފުޅުންގެ ޚިދުމަތަށް ނުހަނު ބޮޑަށް ބޭނުންވޭ" ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ކޯވިޑް-19ގެ ޙާލަތާއި ގުޅިގެން ރައްޔިތުންގެ އާންމު ދިރިއުޅުމުގައި ބޮޑެތި ހުރަސްތަކެއް ކުރިމަތިވެފައި ވީނަމަވެސް ކެތްތެރިކަމާއިއެކު މިކަމުން އަރައިގަތުމަށް ރައްޔިތުން ދެއްވާ އިޖާބައަށް އެމަނިކުފާނުވަނީ ޝުކުރު އަދާކުރައްވާފައެވެ. އާންމު ދަތުރުފަތުރާއި، އެއްރަށުން އަނެއްރަށަށް ކުރަމުންދިޔަ ދަތުރުތައް ހުއްޓާލަންޖެހުނީވެސް ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ކަމަށް ރައީސް ވިދާޅުވިއެވެ. ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ޞިއްޙީ ޚިދުމަތްދޭ ޕްރައިވެޓް ތަންތަނުގައި މަސައްކަތްކުރައްވާ ބޭފުޅުންގެ އެހީތެރިކަން ވެސް މިވަގުތު ވަރަށް ބޮޑަށް ބޭނުންވާކަމަށެވެ.

"މާލޭގައި މިބަލި ކޮންޓްރޯލްކުރަން މަސައްކަތް ކުރާއިރު، އެހެން ރަށްރަށަށް މި ބަލި ފެތުރުނަ ނުދިނުމަށްވެސް، ޚާއްޞަ ސަމާލުކަމެއް ދޭން ޖެހޭ. އެއް ރަށުން އަނެއް ރަށަށް މީހުން ދަތުރުކުރުން މެދުކަނޑައިލަން ޖެހުނީ އެ ސަބަބަށްޓަކައި. ރަށްރަށުން މާލެއަށް، އަދި މާލެއިން އެހެން ރަށްރަށަށް، މީހުން ދަތުރުކުރުން ހުއްޓައިލަންޖެހުނީ ވެސް އެ ސަބަބަށްޓަކައި. މި ފިޔަވަޅުތަކުގެ ސަބަބުން ކިތަންމެ ގިނަ ދަތިތަކެއް ކުރިމަތި ވިޔަސް، މިފިޔަވަޅުތައް އަޅައިގެން ނޫނީ، މި ބަލި ކޮންޓްރޯލް ކުރެވެން ނެތްކަން، އެންމެންވެސް ޤަބޫލުކުރާނެ" ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

މިދަނޑިވަޅުގައި ރައްޔިތުން މިހާތަނަށްވެސް ދެއްވަމުން އައި އެއްބާރުލެއްވުން، އެއަށް ވުރެވެސް ފުރިހަމައަށް ދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ދިވެހި ރައްޔިތުންނަށް ގޮވާލައްވާފައެވެ. ޒަރޫރީ ބޭނުމެއްގައި ގެއިން ބޭރަށް ނުކުތަސް، އިޖްތިމާއީ ގައިދުރުކަމަށް އިސްކަން ދެއްވައިގެން އުޅުއްވުމަކީ ވަރަށް މުހިންމު ކަމެއްކަމަށް ރައީސް ވިދާޅުވިއެވެ. އަދި ކޯވިޑަށް ޝައްކުކުރެވޭ އެއްވެސް ޢަލާމާތެއް ފެނިއްޖެ ނަމަ، ލަސް ނުކުރައްވައި، ކަމާ ބެހޭ ފަރާތްތަކަށް ރިޕޯޓްކުރުމަށްވެސް ރައީސް ވަނީ އެދިވަޑައިގެންފައެވެ.

"މިހާރު ކުރިމަތިވެފައިވާ ދަތިތަކާ އެކުގައިވެސް، ތިޔަ ބޭފުޅުން މިދުވަސްކޮޅު ގޭގައި މަޑުކޮށްލަދެއްވާ. އަޅުގަނޑުމެންގެ ޞިއްޙީ ޚިދުމަތްތެރިން، އަވަދިނެތި މަސައްކަތް އެކުރައްވަނީ، ތިޔަ ބޭފުޅުންގެ ރައްކަލަށްޓަކައި. ސަރުކާރުން މަސައްކަތް ކުރަމުން މިއަންނަނީ، ޢާންމު ބޭނުންތަކަށް ބޭނުންވާ ތަކެތި،" އެއްވެސް ދަތިކަމެއް ނެތި ލިބޭނެ ގޮތް ހަދައިދިނުމަށް." ރައީސްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

މިދަނޑިވަޅުގައި ރައްޔިތުން ދައްކަވަމުންދާ ކެތްތެރިކަމާއި ހިތްވަރަކީ މިކަމުން އަރައިގަތުމަށް އޮތް އެންމެބޮޑު އެމަސައްކަތަށްވާއިރު، ރައްޔިތުންގެ ފަރާތުން ލިބެމުންދާ އެއްބާރުލުމަށް އެމަނިކޔފާނުވަނީ ހިފެހެއްޓުމެއްނެތި ޝުކުރުއަދާކުރައްވާފައެވެ. އަދި ކުރިއަށް އޮތް 2 ހަފްތާގައި މިކަމަށް ޚާއްސަ ސަމާލުކަން ދެއްވައިގެން ކަންކަން ބައްޓަންކުރެއްވުމަށް އެމަނިކުފާނު ވަނީ އިލްތިމާސް ކުރައްވާފައެވެ.