ޚަބަރު

ކޯވިޑް-19 : ޕޮޒިޓިވްވި 14 ބިދޭސީންނަކީ ބަންގުލަދޭޝް އަށް ނިސްބަތްވާ ރައްޔިތުން


މާލެއިން މިރޭ ޕޮޒިވްވި 14 ބިދޭސީންނަކީ ބަންގުލަދޭޝްއަށް ނިސްބަތްވާ މީހުންކަމުގައި އެޗްޕީއޭއިން ހާމަކުރައްވައިފިއެވެ.

އެޗްޕީއޭއިން ވިދާޅުވީ މިރޭ ޕޮޒިޓިވްވި މީހުންގެ ތެރެއިން ކޭސް ނަންބަރު 97 އިން 110 އާއި ދެމެދު ޕޮޒިޓިވް ވެފައިވާ އެންމެންނަކީވެސް ބަންގުލަދޭޝްއަށް ނިސްބަތްވާ މީހުންކަމަށެވެ. މި އެންމެންނަކީވެސް މާލޭގައި ތޮއްޖެހިގެން ބިދޭސީން ދިރިއުޅޭ ތަންތަން ބަލައި ހެދި ކޮމިއުނިޓީ ސަރވޭއާއި އެސެސްމަންޓަށްފަހު ބަލި ޖެހިފައިވާކަން ކަށަވަރުވި ބައެކެވެ.

މިއަދު (23 އޭޕްރީލް) ހެނދުނު ކޯވިޑަށް ޕޮޒިޓިވްވި މީހުންގެ ތެރޭގައިވެސް ބަންގްލަދޭޝްގެ 5 މީހެއް ހިމެނެއެވެ. މިއާއިއެކު ފާއިތުވެދިޔަ 24 ގަނޑިއިރުގެ ތެެރޭގައި ކޯވިޑަށް ޕޮޒިޓިވްވި ބަންގުލަދޭޝަން މީހުންގެ އަދަދުވަނީ 19 އަށް އަރާފައެވެ. މިރޭ ފަތިހު މާލެއިން ޕޮޒިޓިވްވި 2 މީހުންނާއިއެކު ފައިތުވެދިޔަ 24 ގަޑިއިރުތެރޭ ކޯވިޑަށް ޕޮޒިޓިވްވި މީހުންގެ އަދަދުވަނީ 25 އަށް އަރާފައެވެ. މިއާއިއެކު މާލެއިން މިބައްޔަށް ޕޮޒިޓިވްވި މީހުންގެ ޢަދަދުވަނީ 90 އަށް އަރާފައެވެ. އަދި މުޅިރާއްޖެއިން މިހާތަނަށް މިބައްޔަށް ޕޮޒިޓިވްވެފައިވާ މީހުންގެ ޢަދަދު މިވަނީ 110 އަށް އަރާފައެވެ.

މިއެންމެންވެސްތިބީ އައިސޮލޭޝަން ފެސިލިޓީތަކުގައިކަމަށް އެޗްޕީއޭއިން ވިދާޅުވެއެވެ. މާލެއިން މިބަލި ފެނުމާއި ގުޅިގެން ކޮންޓެކްޓް ޓްރޭސިންގ ހެދި ގިނަބަޔަކު ނުވަތަ ބަލިޖެހުނު މީހުންނާ ސީދާ ދިމާވި ގިނަބަޔަކުވަނީ ދެނެގަނެވިފައެވެ. މިހާރު ކުރިއަށްދަނީ މީހުންގެ ސާމްޕަލްތައް ނަގައި ޓެސްޓްކުރުމު މަސައްކަތެވެ.

ޕޮޒިޓިވްވި މީހުންގެ ތެރޭގައި ޑެލިވަރީގެ ޙިދުމަތްތަކާއި، އާންމު އެހެން ޚިދުމަތްތަކުގައި އުޅޭމީހުންވެސް ފެނިފައިވާތީ އެމީހުންނާއި ދިމާވި އިތުރުބަޔަކު ވާނަމަ ލަސްނުކޮށް އެޗްޕީއޭއަށް އެކަން ރިޕޯޓްކުރުމަށް އެފަރާތުންވަނީ އާންގަވާފައެވެ.