ޚަބަރު

މަޖިލީހުގެ އާންމު ޖަލްސާތައް ފަށާނީ އެޗްޕީއޭގެ ލަފާގެ މަތިން


ހެލްތު ޕްރޮޓެކްޝަން އެޖެންސީގެ ލަފަޔާއެކު ރައްޔިތުންގެ މަޖިލީހުގެ އާންމު ޖަލްސާތައް އަންނަ ހަފްތާގައި ފެށުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ހަމަކުރައްވައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ އަމީން އާންމު ފާތިމަތު ނިއުޝާ ވިދާޅުވީ އާންމު ޖަލްސާތައް އަންނަ ހަފްތާގައި ފެށުމަށް މަޖިލީހުގެ ރައީސްގެ ލަފާގެ މަތިން މަޖިލީހުގެ އިދާރާއިން މަސައްކަތް ކުރަމުންދާކަމަށެވެ. ނަމަވެސް ޖަލްސާތައް ފަށާނީ ރާއްޖޭގައި އިޢުލާންކުރައްވާފައިވާ ޞިއްޙީ ކުއްލި ނުރައްކަލަށް ބަލައި އެޗްޕީއޭގެ މަޝްވަރާގެ މަތިންކަމަށް އަމީން އާންމު ވިދާޅުވިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ ބޭއްވުމަށް ޖަލްސާގެ އެޖެންޑާވެސް އާންމު ކޮށްފައިވަނިކޮށް މިއަދުގެ ޖަލްސާ ނުބާއްވާގޮތަށް މަޖިލީހުގެ ރައީސް ވަނީ ނިންމަވާފައެވެ. އަދި މިހަފްތާގައި ބޭއްވުމަށް ހަމަޖެހިފައިވާ ހުރިހާ ޖަލްސާއެއްވެސް ނުބާއްވާގޮތަށް މަޖިލީހުގެ ރައީސް ވަނީ ނިންމަވާފައެވެ.

މަޖިލީހުގެ އަމީން އާންމު ވިދާޅުވީ މިހަފްތާގައި ބޭއްވުމަށް ހަމަޖެހިފައިވާ ޖަލްސާތައް ކެންސަލް ކޮށްފައިވަނީ މަޖިލީހުގެ ކޮމިޓީތަކުގައި ހުރި ގިނަ މަސައްކަތްތައް ނިންމުމަށް ފުރުސަތު ދިނުމުގެ ގޮތުންނާއި އެކުކަމަށެވެ. މަޖިލީހުގެ ރައީސްގެ ވިސްނުންފުޅުހުރީ މިހަފްތާގައި ކޮމިޓީތަކުގައި ހުރި މުހިންމު ގިނަ މަސައްކަތްތައް ނިންމުމަށް މެމްބަރުންނަށް ފުރުސަތު ދެއްވުން ކަމަށްވެސް އަމީން އާންމު ވިދާޅުވިއެވެ.

ރާއްޖޭގައި އިއުލާންކޮށްފައިވާ ޞިއްޙީ ކުއްލިނުރައްކަލުގެ ހާލަތާއި ގުޅިގެން މަޖިލީހުގެ ޖަލްސާތައް ކުރިއަށް ގެންދަނީ އޮންލައިންކޮށެވެ. ކޯވިޑް 19 އާއި ގުޅިގެން ކައުންސިލް އިންތިޚާބް ނުބޭއްވި ލަސްވުމާއި ގުޅިގެން ޤާނޫނު އަސާސީއަށާއި، ޤާނޫނަށް ގެންނަންޖެހޭ އިސްލާހުތަކާއި ގުޅޭގޮތުން މަޖިލީހަށް ވަނީ ބިލްތަކެއް ހުށަހަޅާފައެވެ. ނަމަވެސް މިމައްސަލައިގަ މެމްބަރުންގެ ޚިޔާލު ތަފާތުވެ އަދި މިހާތަނަށް މިކަމުގައި ވަކިގޮތެއް ނިންމަވާފައިނުވެއެވެ.

ޞިއްޚީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށްފައިވާ މި ދަނޑިވަޅުގައި ޤާނޫނު އަސާސީ އިސްލާހުކުރުމާ މެދު މެމްބަރުންގެ ތެރޭގައި ވަނީ ޚިޔާލުތަފާތުވުން އުފެދިފައެވެ. ޤާނޫނު އަސާސީ އިސްލާހުނުކޮށް އާއްމު ޤާނޫނަކުން ކައުންސިލްތަކުގެ ދައުރު ދަންމަން ވެސް މަޖިލީހަށް ވަނީ ބިލެއް ހުށަހަޅާފައެވެ.