ފާއިތުވި އަހަރު އަލަށް ހިއުމަން އިމިޔުނޯޑިފިޝަންސީ ވައިރަސްއަށް (އެޗްއައިވީ) ޕޮޒިޓިވްވެފައިވާ މީހުންގެ ޢަދަދު %27 އިތުރުވުމާ ގުޅިގެން، ފީޖީގައި އެޗްއައިވީއަކީ ޤައުމީ ފެންވަރުގެ ކާރިސާއެއްގެ ގޮތުގައި ކަނޑައަޅައިފިއެވެ. ކުރިން އިންޖެކްޝަންގެ ޒަރިއްޔާއިން މަސްތުވާތަކެތި ބޭނުންކުރާ މީހުންގެ މެދުގައި ޢާންމުކޮށް ފެތުރޭ މި ބަލި، މިހާރު އެ ޤައުމުގައި ފުޅާ ދާއިރާއެއްގައި ދަނީ ފެތުރެމުންނެވެ. މި ގޮތުން، 2025 ވަނަ އަހަރު 2،016 މީހުންނަށް ބަލި ޖެހިފައިވާއިރު، 18 އަހަރުން މަތީގެ ކޮންމެ 60 މީހެއްގެ ތެރެއިން އެކަކަކީ މި ބައްޔާއެކު ދިރިއުޅޭ މީހެއް ކަމުގައި ފީޖީގެ ސަރުކާރުން ބުންޏެވެ.
މީގެ އިތުރުން، އުފަންވިއިރު ވެސް އެޗްއައިވީ ޖެހިފައިވާ 59 ކުދިންގެ ތެރެއިން 18 ކުއްޖަކު އެއް އަހަރު ފުރުމުގެ ކުރިން ވަނީ މަރުވެފައެވެ. ޓެސްޓުކުރުން ފުޅާކުރުމުން ކުރީކޮޅުގައި ފަރުވާ ފެށުމަށް މަގުފަހިވި ކަމުގައި ފީޖީގެ ކަމާބެހޭ އިދާރާތަކުން ބުންޏެވެ. ފިޔަވަޅުތައް އެޅުމުގައި ހުރި ހުރަސްތައް ނައްތައިލުމަށް ފަސް ވަޒީރުންގެ ސަބްކޮމިޓީއެއް ސަރުކާރުން ވަނީ އެކުލަވައިލާފައެވެ. އަދި، ބަލިމީހުންނާ މެދު ތަފާތުކުރުން ގެންގުޅުމަކީ މަނާކަމެއް ކަމަށާއި، ހިލޭ ޓެސްޓުކުރުމާއި ފަރުވާ މުޅި ޤައުމަށް ފުޅާކުރާނެ ކަމުގައި ވެސް ސަރުކާރުން ބުންޏެވެ.
ގާތްގަނޑަކަށް 900،000 މީހުންގެ އާބާދީއެއް އޮންނަ ފީޖީގައި ބަލި ފެތުރޭ ނިސްބަތް ދުނިޔޭގެ ފެންވަރުގައި ވެސް މައްޗެވެ. ފީޖީގައި އެޗްއައިވީއަށް ޕޮޒިޓިވްވެފައިވާ މީހުންގެ ތެރެއިން ދެބައިކުޅައެއްބައި މީހުންނަށް ބަލި ޖެހިފައި ވަނީ ޖިންސީ ގުޅުމުގެ ޒަރިއްޔާއިންނެވެ. އަދި، %42 މީހުން ޕޮޒިޓިވްވެފައި ވަނީ މަސްތުވާތަކެތި އިންޖެކްޓު ކުރުމުގެ ސަބަބުން ކަމުގައި ޔޫއެންއެއިޑްސްއިން ހާމަކުރެއެވެ. ފީޖީގެ ފިޔަވަޅުތަކަށް މަރުޙަބާ ވިދާޅުވަމުން، އެ ޖަމާޢަތުގެ އެގްޒެކެޓިވް ޑިރެކްޓަރ ވިނީ ބިޔަންޔީމާ ވިދާޅުވީ، މިއީ އެއިޑްސް ބަލި އަދި ނިމުމަކަށް ނާންނަކަން ދުނިޔެއަށް ހަނދާންކޮށްދޭ އިންޒާރެއް ކަމުގައެވެ.
ފީޖީގައި 9،100 މީހުން އެޗްއައިވީއާއެކު ދިރިއުޅެމުންދާއިރު، ބަލި ޖެހިފައިވާކަން އެނގިފައި ވަނީ އޭގެތެރެއިން %39 މީހުންނަށް ކަމުގައި ތަފާސްހިސާބުތަކުން ހާމަވެއެވެ. އަދި، ފަރުވާ ލިބެނީ އޭގެ ތެރެއިން %22 މީހުންނަށް ކަމުގައި ޔޫއެންއެއިޑްސްއިން ބުނެއެވެ. އެފްރިކާގެ ބައެއް ސަރަޙައްދުތަކުގައި 18 އަހަރުން މަތީގެ ކޮންމެ 35 މީހެއްގެ ތެރެއިން އެކަކަކީ އެޗްއައިވީއަށް ޕޮޒިޓިވްވެފައިވާ މީހެކެވެ. މި ތަފާސްހިސާބާ އަޅައިބަލާއިރު، ފީޖީގައި 18 އަހަރުން މަތީގެ 60 މީހުންގެ ތެރެއިން އެކަކު އެޗްއައިވީއަށް ޕޮޒިޓިވްވުމަކީ، އެފްރިކާގެ ބައެއް ޤައުމުތަކާ އަޅައިބަލާއިރު ފީޖީގައި މި ބަލި ފެތުރުން މަދުކަމުގެ ނިޝާނެއްގެ ގޮތުގައި ދުނިޔޭގެ ޞިއްޙަތު ޖަމުޢިއްޔާއިން (ޑަބްލިޔުއެޗްއޯ) ސިފަކުރެއެވެ.