ޚަބަރު

ފުލުހުންގެ ޚިދުމަތުގައި %20 އަންހެނުން: މުޖުތަމަޢުގެ ފުރިހަމައެއްބާރުލުން ލިބޭ!


  • 2004ވަނަ އަހަރު ޚިދުމަތުގައިތިބީ 64 އަންހެން އޮފިސަރުން

  • ގޮންޖެހުންތަކުން އަރައިގަތުމަށް ފިރިހެން ފުލުހުންގެ އެއްބާރުލުން ފާހަގަކުރޭ

ދިވެހި ފުލުހުންގެ ޚިދުމަތުގައި އަންހެން މުވައްޒަފުންގެ އަދަދު އިތުރުވެ، އެ މުއައްސަސާގެ އެކި ބަހާތަކުގައި ކަނބަލުންގެ ހިއްސާއާއި ދައުރު އަންނަނީ ދުވަހެއް ދުވަހަކަށް ފުޅާވެ، އިތުރުވަމުންނެވެ.

މި ޚިދުމަތުގައި އަންހެނުން އަދާކުރާ ދައުރު ފާހަގަކުރުމުގެ ގޮތުން ކޮންމެ އަހަރެއްގެވެސް ސެޕްޓެމްބަރު މަހުގެ 17ވަނަ ދުވަސް ފާހަގަކުރަނީ "ވިމަން އިން ޕޮލިސިންގ ޑޭ" ނުވަތަ ފުލުހުންގެ ޚިދުމަތުގައި މަސައްކަތްކުރާ އަންހެނުންގެ ދުވަހުގެ ގޮތުގައެވެ.

2004 ވަނަ އަހަރު ދިވެހި ފުލުހުންގެ ޚިދުމަތް މަދަނީ ވަކި މުއައްސަސާއެއްގެ ގޮތުގައި ގާއިމުކުރެވުނުއިރު ހިދުމަތުގައި ތިބީ އެންމެ 64 އަންހެން އޮފިސަރުންނެވެ. ނަމަވެސް، ފާއިތުވި އަހަރުތަކުގައި ތަމްރީނުތަކުގައި އަންހެނުންނަށް ފުރުސަތު ފަހިކޮށްދިނުމާއި، ވިހެއުމާ ގުޅިގެން ލިބޭ އިނާޔަތްތައް ހަރުދަނާކުރުމާއި، އެކަށީގެންވާ ހާލަތްތަކުގައި އަމިއްލަ ރަށުގައި މަސައްކަތްކުރުމުގެ އިންތިޒާމު ހަމަޖައްސައިދިނުން ފަދަ ސިޔާސަތުތަކުގެ ތެރެއިން އަންހެނުންގެ ހިއްސާ ވަނީ ވަރަށް ބޮޑަށް އިތުރުކުރެވިފައެވެ. މިއާއެކު ފުލުހުންގެ ޚިދުމަތުގެ ޖުމްލަ އާބާދީގެ ތެރެއިން 20 އިންސައްތައަކީ އަންހެނުންނެވެ.

ކޮންސްޓަބަލް ރޭންކުން ފެށިގެން ސީނިއަރ ރޭންކުތަކާއި ކޮމިޝަންޑް ލެވެލްގައިވެސް އަންހެން އޮފިސަރުން ގިނައެވެ. އެ މުއައްސަސާގެ އެކްޒެކެޓިވް ލެވަލްގައިވެސް އަންހެން އޮފިސަރަކު އަންނަނީ ޚިދުމަތް ކުރައްވަމުންނެވެ. މިއީ ފުލުހުންގެ އިސް ސަފުގައި އަންހެން އޮފިސަރުންގެ ދައުރު އިތުރުކޮށް ބާރުވެރިކުވައި، އިސް ނެގުމުގެ ގާބިލުކަން ސާބިތުކޮށްދެމުންދާކަމުގެ ނިޝާނެކެވެ.

ޕީއެސްއެމް ނިއުސްއަށް މައުލޫމާތުދެއްވަމުން ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް ވަސީމާ ހަސަން ވިދާޅުވީ، ފުލުހުންގެ ޚިދުމަތް ފަދަ ފިރިހެނުން ގިނަ މުއައްސަސާއެއްގައި ބައެއް ކަހަލަ ގޮންޖެހުންތައް އަންހެނުންނަށް ކުރިމަތިވާކަމަށެވެ. އެގޮތުން ފިރިހެނުންނާއި އެއަހަމައެއްގައި ތަމްރީނު ވުމާއި، އާއިލީ ކަންކަމާއި ވަޒީފާގެ މާހައުލުގައި ދިމާވާ ކަންކަމާ ކުރިމަތިލުމުގައި ދިމާވާ ގޮންޖެހުންތައްކަން ފާހަގަކުރެއްވިއެވެ.

"އަޅުގަނޑުމެންގެ ފެމިލީ ޗެލެންޖެސް ވެސް ހުރޭ. މައިންކަމަށް ވާތީ ދަރިން ބަލަން ޖެހޭ. އެހެނިހެން ކޮމިޓްމެންޓުވެސް ހުރޭ. އެހެންވީމަ މިފަދަ ކަންކަން ހުރި ކަމުގައި ވިޔަސް ފަސްޖެހުމެއް ނެތި އަޅުގަނޑުމެން ކުރަމުންދާ މި މަސައްކަތަށް އެއްވެސް ވަރަކަށް ބުރޫއަރާކަށް ބޭނުމެއް ނުވޭ. ހަމަ ކުރިއަށްދާން އެހިތްވަރާއިއެކު އަޅުގަނޑުމެން ހުރިހާ އަންހެން ކަނބަލުންވެސް މިތިބީ." ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް ވަސީމާ ހަސަން ވިދާޅުވިއެވެ.

މި ގޮންޖެހުންތަކުން އަރައިގަތުމަށް ފުލުހުންގެ މުއައްސަސާގެ ފިރިހެން މުވައްޒަފުންގެ ފަރާތުން ލިބޭ އެހީތެރިކަމާއި އެއްބާރުލުމަކީ ވަރަށް ބޮޑު ހިތްވަރެއްކަމަށް ޗީފް އިންސްޕެކްޓަރ ވަނީ ފާހަގަކުރައްވާފައެވެ. އަދި އެ އެހީތެރިކަމަކީ އަންހެން ފުލުހުންނަށް އެއްހަމައެއްގައި، ސާބިތުކަމާއިއެކު ޚިދުމަތް ކުރުމަށް މަގުފަހުވެގެންދާ މުހިންމު ސަބަބެއްކަމަށްވެސް ވިދާޅުވިއެވެ.

އަންހެން ފުލުހުންގެ ދައުރު ފުޅާވެގެން ދިއުމަކީ މުޖުތަމައުގެ އިތުބާރުވެސް އެމުއައްސަސާއަށް އިތުރަށް ލިބިގެންދާ މުހިންމު ސަބަބެކެވެ. އަންހެން އޮފިސަރުންގެ ފަރާތުން ފެންނަ އޯގާތެރިކަމާއި، މަސައްކަތަށް ހުރި ސާބިތުކަމުގެ ސަބަބުން މުޖުތަމައުން އެކަނބަލުން ބަލައިގަންނަ މިންވަރު ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. ހާއްސަކޮށް ރޯޑް ޕޮލިސިންގ އާއި ތަހުގީގީ ދާއިރާތަކުގެ އިތުރުން ނާޒުކު މައްސަލަތަކުގައި އާންމުންނާ މުއާމަލާތްކުރާ ކުރުމުން، ރައްޔިތުންގެ ހިތްހަމަޖެހުމާއި ރުހުން ވަރަށް ބޮޑަށް ލިބޭކަމަށް ފާހަގަކުރެވޭކަމަށް ފުލުހުން ވިދާޅުވިއެވެ.

"އެންމެ ބޮޑަށް އަންހެން ކުދިން ފެނިގެންދާނެ މިސާލަކަށް ރޯޑް ޕޮލިސްއަށް ބަލާއިރު މަގުމަތިގައި ސަރވް ކުރަމުންދާ ކުރުންވެސް. އަދި އެހެން ދާއިރާތަކަށް ބަލާލާއިރުގައި މިސާލަކަށް އިންވެސްޓިގޭޝަން ދާއިރާތަކުގައިވެސް، ހާއްސަ ދާއިރާތަކުގައި މިސާލަކަށް ގެންޑަރ ބޭސްޑް ވައިލެންސް ކަހަލަ ދާއިރާތަކުގައިވެސް ހަމަ އަންހެން ކުދިން އެބަ ސަރވް ކުރޭ" ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް ވަސީމާ ހަސަން ވިދާޅުވިއެވެ.

ފުލުހުންގެ ޔުނީފޯމުގައި ރައްޔިތުންނަށް ޚިދުމަތްކުރުމަކީ ކޮންމެ އަންހެން ފުލުހަކުވެސް އިންތިހާއަށް ފަޚުރުވެރިވާ ކަމެކެވެ. ރައްޔިތުންނަށް ޚިދުމަތް ކުރުމަށް ލިބިފައިވާ މި ފުރުޞަތުގެ ބޭނުން އެންމެ ފުރިހަމަ ގޮތުގައި ހިފުމަކީ އެކަނބަލުންގެ އެންމެ ބޮޑު އަމާޒެވެ. މުޖުތަމުން އަންހެން ފުލުހުންނަށް ކުރާ އިހުތިރާމަކީ ވަރަށް ހިތްހަމަ ޖެހުން ލިބޭ ކަމެއްކަނެވެސް އަންހެން ފުލުހުން ފާހަގަކުރައްވައެވެ.

"އަޅުގަނޑުމެންނާއި ދޭތެރޭ ޕަބްލިކުންވެސް އެދޭ ޓްރަސްޓު އެއީ އަޅުގަނޑުމެން ވަރަށް ހެޔޮހިތުން ބަލައިގަންނަ ކަމެއް. އަދި އަންހެން ކަނބަލުންނަށް ވީތީވެ އަޅުގަނޑު ދެކޭގޮތުގައި ޕަބްލިކުން ބަލައިގަންނަ ބަލައިގަތުން އެއީ ވަރަށް އަޅުގަނޑުމެން ފާހަގަކޮށްލަން ބޭނުންވާ އެއްކަންތައް" ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް ވަސީމާ ހަސަން ވިދާޅުވިއެވެ.

ފުލުހުންގެ މުއައްސަސާއަކީ އަންހެނުންނަށް ކުރިއަށްދާން ގިނަ ފުރުސަތުތަކެއް އޮތް، އަދި ކުރާ މަސައްކަތުގެ އަގުވަޒަންކުރެވޭ މާހައުލެއް އޮތް ތަނެއްކަން ފާހަގަކުރައްވައި ފިރިހެނުންގެ އަޣުލަބިއްޔަތު ބޮޑު މާހައުލެއްގައި މަސައްކަތްކުރަން ޖެހުނު ނަމަވެސް، ފަސްޖެހުމެއް ނެތި ކެރިގެން ކުރިމަތިލައިފިނަމަ ކޮންމެ އަންހެން ކުއްޖަކަށްވެސް ކާމިޔާބީއާ ހަމައަށް ވާސިލުވެވޭނެ ކަމުގެ ޔަގީންކަން ފުލުހުންގެ ޚިދުމަތާއި ގުޅެން ބޭނުންވާ އަންހެން ކުދިންނަށް އިންސްޕެކްޓަރ އޮފް ޕޮލިސް ވަސީމާ ހަސަން ވަނީ ދެއްވާފައެވެ.

ވިމަން އިން ޕޮލިސިންގ ޑޭ ފާހަގަކުރުމުގެ ގޮތުން މުޅި ރާއްޖެއަށް އަމާޒުކޮށްގެން ތަފާތު ހަރަކާތްތަކެއް ކުރިއަށްގެންދިއުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން، އަތޮޅުތެރޭގައި މަސައްކަތްކުރާ އަންހެން ފުލުހުންވެސް ޝާމިލުވާ ގޮތަށް މުޖުތަމައަށް ހެޔޮ ފޯރުވައިދިނުމުގެ ގޮތުން "އެކްޓް އޮފް ކައިންޑްނަސް" ހަރަކާތް ހިންގުމާއި، ވަޒީފާގެ މާހައުލުގައި ހުރި ގޮންޖެހުންތަކާއި ފަންނީ ކުރިއެރުމާ ގުޅޭގޮތުން މަޝްވަރާކުރުމަށް "ވިމެން އިން ޕޮލިސް ފޯރަމް" ބޭއްވުމުގެ އިތުރުން، ޓީމް ބިލްޑިންގ ހަރަކާތްތަކާއި އެކުވެރިކަން ބަދަހިކުރުމުގެ ބައްދަލުވުންތައް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން، މި މުނާސަބަތާ ގުޅިގެން މާލެ ސަރަހައްދުގައި މަސައްކަތްކުރާ އަންހެން މުވައްޒަފުންނަށް ހާއްސަކޮށްގެން ބާއްވާ ފޯރަމް އޮންނާނީ 2026 ސެޕްޓެމްބަރު 21 ވަނަ ދުވަހު ދުސިތު ޑީޓޫ ފޭދޫ މޯލްޑިވްސްގައެވެ.