ވިޔަފާރި

ކޯވިޑް-19 : ބްރިޓިޝް އެއަރވޭޒްގެ 36 ހާސް މުވައްޒަފުންނަށް މުސާރަދީ ސަސްޕެންޑު ކުރަނީ


ކޯވިޑް-19 އާއި ގުޅިގެން ބްރިޓިޝް އެއަރވޭޒްގެ 36 ހާސް މުވައްޒަފުން އުޖޫރައާއިއެކު ވަގުތީ ގޮތުން ސަސްޕެންޑުކުރަން ނިންމައިފިއެވެ.

މިއީ ބްރިޓިޝް އެއަރވޭޒްގެ ޖުމްލަ މުވައްޒަފުންގެ ތެރެއިން 80 އިންސައްތަ މުވައްޒަފުންނެވެ. މިކަމާބެހޭ މަޝްވަރާތައް ބްރިޓިޝް އެއަރވޭޒްއާއި އިނގިރޭސިވިލާތުގެ ކަމާބެހޭ ފަރާތްތަކާއި، ވަޒީފާއާއި ބެހޭ ޔޫނިއަންތަކާއެކު ދަނީ ކުރަމުންނެވެ.

ބްރިޓިޝް އެއަރވޭޒްއިން ބުނީ 36 ހާސް މުވައްޒަފުން ވަގުތީ ގޮތުން ސަސްޕެންޑްކުރުމަށް ނިންމާފައިވަނީ ދެމަސް ދުވަހުގެ މުއްދަތަށް ކަމަށެވެ. އަދި ކޯވިޑް-19 އާއި ގުޅިގެން ވަޒީފާ ގެއްލޭ އަދި ވަޒީފާއިން ސަސްޕެންޑްކޮށް، ޕޭ ލީވް ދޭން ޖެހޭ މީހުންނަށް އެހީތެރިވުމަށް އިނގިރޭސި ސަރުކާރުން ކަނޑައަޅާފައިވާ ފަންޑުގެ ތެރެއިން، މިމުވައްޒަފުންނަށްވެސް މުސާރައިގެ 80 އިންސައްތަ ދޭން ނިންމާފައިވާކަމަށެވެ.

މިގޮތަށް ނިންމާފައި މިވަނީ ކޯވިޑް-19 އާއި ގުޅިގެން ބްރިޓިޝް އެއަރވޭޒްގެ ދަތުރުތައް ހުއްޓާލާ، ފްލައިޓްތައް ގްރައުންޑްކޮށްފައި ވަނިކޮށެވެ. ނަމަވެސް އެހެން ޤައުމުތަކުގައި ތިބި އިނގިރޭސި ރައްޔިތުންގެ ތެރެއިން ޤައުމަށް ނާދެވި ތިބި ރައްޔިތުން ގެނެސްދިނުމުގެ މަސައްކަތް އަދިވެސް ބްރިޓިޝް އެއަރވޭޒް މެދުވެރިކޮށް ދަނީ ކުރަމުންނެވެ.

މިނިންމުމުގެ ކުރިން ބްރިޓިޝް އެއަރވޭޒްގެ ޕައިލެޓުންވަނީ އަމިއްލަޔަށް ދެ ހަފްތާގެ ނޯ ޕޭ ލީވްއަކަށް ދިއުމަށާއި، އޭޕްރިލް އަދި މޭ މަހުގެ މުސާރައިގެ ފަންސާސް އިންސައްތަ ދައްކުރުމަށް އެއްބަސްވެފައެވެ.

އޭވިއޭޝަން ދާއިރާއަކީ ކޯވިޑް-19 ގެ ސަބަބުން އެންމެ ބޮޑު އަސަރެއް ކޮށްފައިވާ އެއް ދާއިރާއެވެ. މިގޮތުން ދުނިޔޭގެ އޭވިއޭޝަން ދާއިރާއަށް އެތައް ސަތޭކަ ބިލިއަން ޑޮލަރުގެ ގެއްލުމެއް މިހާރުވެސް ދަނީ ވަމުންނެވެ. ގިނަ އެއަރލައިންތައް އެކުގައި ގްރައުންޑްކޮށް، ދަތުރުތައް ހުއްޓާލާފައިވާއިރު، ކުދި އެއަރލައިންތައް ބަނގުރޫޓުވެދާނެތީ ކުންފުނިތައްވަނީ ވަގުތީ ގޮތުން ހުއްޓާލާފައެވެ.