ޚަބަރު

ދުމުގެ ނުރައްކާ ބޮޑުވެ އިންޑޮނޭޝިޔާގައި މަދަރުސާތައް ބަންދުކޮށްފި


މޫސުމަށް ކުރިމަތިވާ 'އެލް ނީނިޔޯ' ޙާލަތާ ގުޅިގެން އާދަޔާޚިލާފަށް ފިނިހޫނުމިން އުފުލި، އިންޑޮނޭޝިޔާގެ ޖަންގަލިތަކުގައި ރޯވި އަލިފާންގަނޑުތަކުގެ ދުން ޢާންމުން ދިރިއުޅޭ ސަރަޙައްދުތަކަށް ފެތުރެމުން ދިޔުމާ ގުޅިގެން ގިނަ ޢަދަދެއްގެ މަދަރުސާތައް ބަންދުކޮށްފިއެވެ. މިއީ، ދުމުގެ ޙާލަތު ނުރައްކާވެ، އެ ޤައުމުގެ ބައެއް ސަރަޙައްދުތަކުގައި މަދަރުސާތައް ބަންދުކޮށްފައިވާ ޖެހިޖެހިގެން ދެވަނަ ދުވަހެވެ. މި މައްސަލަ އެންމެ ބޮޑަށް ކުރިމަތިވެފައި ވަނީ މެލޭޝިޔާއާއި ބްރޫނާއީގެ ސަރަޙައްދީ ރޮނގު ކައިރީގައި އޮތް ބޯނިޔޯ ޖަޒީރާގެ ހުޅަނގު ކަލިމަންޓަންގައި އޮންނަ ޕޮންޓިއަނާ ސަރަޙައްދަށެވެ. އެ ސަރަޙައްދުގެ މޭޔަރު އެދީ ރުސްދީ ކަމްތޮނޯ ވިދާޅުވީ، ދުމުގެ ސަބަބުން ވައި ތަޣައްޔަރުވުމާ ގުޅިގެން މަދަރުސާތައް ބަންދުކޮށް، ގޭގައި ތިބެގެން ކިޔެވުމަށް ދަރިވަރުންނަށް އަންގަވާފައިވާނެ ކަމުގައެވެ. އެއީ، އެތައް ހާސް ދަރިވަރުން އުޅޭ ސަރަޙައްދެކެވެ.

އިރުމަތީ ޖާވާ ޖަޒީރާގެ ބްރޯމޯ ތެންގޭރް ސެމޫރޫ ޕާކުގެ ޖަންގަލިތަކުގައި ބޮޑު ސަރަޙައްދެއްގައި ރޯވެފައި ވަނީ މީގެ ނުވަ ދުވަސް ކުރިންނެވެ. އަލިފާން ނިއްވުމަށް އެތައް ހާސް މީހުން މަސައްކަތް ކުރަމުންދާއިރު، މިހާތަނަށް 900 ހެކްޓަރުގެ ބިން ވަނީ އަނދައި ހުލިވެފައެވެ. އެއީ، 1,200 އަށްވުރެ ގިނަ ފުޓްބޯޅަ ދަނޑާ އެއްވަރު ސަރަޙައްދެކެވެ. އެ ސަރަޙައްދުގެ ކާރިސާތަކާ ބެހޭ އިދާރާގެ ފަރާތުން ސަތުރިޔޯ ނުރްސެނޯ ވިދާޅުވީ، އަލިފާން ނިއްވައި އެ ސަރަޙައްދު ފިނިކުރުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރަމުންދާ ކަމުގައެވެ. އޮގަސްޓު 8 އިން ފެށިގެން ފަތުރުވެރިންނަށް އެ ޕާކު ބަންދުކޮށްފައިވާއިރު، އަލިފާން ނިއްވުމަށް ފެންޖަހާ ހެލިކޮޕްޓަރު ފަދަ ވަސީލަތްތަކުގެ އެހީގައި 200 އެއްހާ މީހުން ދަނީ ހަރަކާތްތެރިވަމުންނެވެ.

އިންޑޮނޭޝިޔާގެ މޫސުމާ ބެހޭ އިދާރާއިން ބުނީ، މި އަހަރުގެ މިހާތަނަށް ޤައުމުގެ އެކި ކަންކޮޅުތަކުން 107,000 އަށްވުރެ ގިނަ ހެކްޓަރުގެ ބިން އަނދާފައިވާ ކަމުގައެވެ. މިއީ، 2023 ވަނަ އަހަރު ހިނގި އަލިފާނުގެ ހާދިސާތަކާ އަޅައިބަލާއިރު ދެގުނަ އިތުރު ޢަދަދެކެވެ. އިންޑޮނޭޝިޔާގެ ސަލާމަތާބެހޭ ވަޒީރު ޖަމަރީ ޗަނިއާގޯ ވިދާޅުވީ، އެ ސަރަޙައްދުތަކަށް ވާރޭވެހޭ މިންވަރު އިތުރު ކުރުމަށް 'ކްލައުޑް ސީޑިންގ' މަސައްކަތް ފަށާފައިވާ ކަމަށާއި، އެ މަސައްކަތުގައި 43 ހެލިކޮޕްޓަރާއި 15 މަތިންދާބޯޓު ބޭނުންކުރަމުންދާ ކަމުގައެވެ. 'ކްލައުޑް ސީޑިންގ' އަކީ ވައިގެ ތެރެއަށް 'ސިލްވަރ އަޔޮޑައިޑް' އަދި ލޮނު ފަދަ މާއްދާތައް ކުނޑީގެ ގޮތުގައި ދޫކޮށްގެން، ވާރޭވެހޭ މިންވަރު އިތުރު ކުރުމަށް ބޭނުންކުރާ އުކުޅެކެވެ.

ކާރިސާތަކާ ބެހޭ އިދާރާއިން ބުނީ، ހަ ޕްރޮވިންސެއްގައި އަލިފާން ނިއްވުމަށް 48,000 މުވައްޒަފުން ހަރަކާތްތެރިވަމުންދާ ކަމުގައެވެ. އަދި، ޖުލައި މަހުގެ އެވުރެޖު ފިނިހޫނުމިން 27 ޑިގްރީ ސެލްސިއަސްއަށް އުފުލިފައިވާއިރު، މިއީ 1991 ވަނަ އަހަރަށްފަހު ޖުލައި މަހެއްގެ ތެރޭގައި އިންޑޮނޭޝިޔާގައި ފިނިހޫނުމިން އެންމެ ބޮޑަށް އުފުލިގެން ގޮސްފައިވާ އަހަރެވެ. އެ ޤައުމުގެ ބައެއް ސަރަޙައްދުތަކުގެ ޖަންގަލިތަކުގައި އަލިފާން ރޯވެފައިވީ ނަމަވެސް، ކާބޯތަކެތީގެ ރިޒާވަށް އަސަރު ކޮށްފައިނުވާ ކަމަށާއި، ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރު ކުރެވޭނެ ކަމުގެ ޔަގީންކަން އޮތް ކަމުގައި އިދާރާތަކުން ބުނެއެވެ.