ޕީޖީއޯ 2.0 އާއެކު 2028 ވަނަ އަހަރު ޕީޖީ އޮފީސް ވެގެންދާނީ ޤާނޫނު ހުއްދަ ކުރާ އެންމެ މަތީ މިންވަރަށް ޕްރޮސިކިއުޝަންގެ މަސައްކަތްތައް ޑިޖިޓަލައިޒްކޮށްފައިވާ އޮފީހަކަށްކަމަށް ޕްރޮސެކިއުޓަރ ޖެނަރަލް އަލްއުސްތާޛު ޢައްބާސް ޝަރީފް ވިދާޅުވެއްޖެއެވެ.
ޕީޖީއޯ 2.0 މަޝްރޫއު އިފްތިތާޙުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ޕީޖީ ވަނީ އެ މަޝްރޫޢުއާއެކު ޕީޖީ އޮފީހުގެ ޚިދުމަތްތަކަށާއި މަސައްކަތްތަކަށް އަންނަ ލުއިތައް ފާހަގަކުރައްވާފައެވެ.
ޕްރޮސެކިއުޓަރ ޖެނަރަލް އަލްއުސްތާޛު ޢައްބާސް ޝަރީފް ވިދާޅުވީ ޕީޖީއޯ 2.0 މަޝްރޫޢުގެ 100 ދުވަސް ނިމުމުގެ ކުރިން އެ އޮފީހުގެ ހުރިހާ މުވައްޒަފުންނަށް މަސައްކަތަށް ބޭނުންވާ މޯބައިލް ޑިވައިސް ލިބިގެންދާނެކަމަށެވެ. އެ އޮފީހުގައި މިވަގުތު 199 މުވައްޒަފުން ތިބިއިރު އޭގެ ތެރެއިން 149 މުވައްޒަފުނަނަށް މަސައްކަތް ކުރުމަށް މޯބައިލް ޑިވައިޒް ދީފާއިނުވާކަމަށް ޕީޖީ ވިދާޅުވިއެވެ. ނަމަވެސް އެ މުވައްޒަފުންނަށްވެސް ޑިވައިސް ދިނުމާއެކު ކޮންމެ ތަނެއްގައި ހުރިނަމަވެސް މަސައްކަތް ކުރެވޭނެކަމަށާއި އިތުރުގަޑީގައި އޮފީހަށް ނުނިކުމެ މަސައްކަތް ކުރެވޭނެކަމަށް ޕީޖީ ވިދާޅުވިއެވެ.
ޕީޖީގެ ވާހަކަފުޅުގައި ވަނީ ކްރިޓިކަލް ސިސްޓަމްތަކުގެ ތެރެއިން 60 ސިސްޓަމް ހުރިނަމަވެސް އޭގެ ބެކްއަޕްއެއް އޮފީހުން ބޭރަށް ނުނެރޭކަން ފާހަގަކުރައްވާފައެވެ. ނަމަވެސް މި މަޝްރޫޢުއާއެކު ފުރަތަމަ 100 ދުވަހުގެ ތެރޭގައި ބެކްއަޕް އޮފީހުން ނެރި ރައްކާތެރި ސޮވެރިން ސިސްޓަމްއެއްގެ ތެރެއަށް ވައްދާނެކަމަށް ޕީޖީ ވިދާޅުވިއެވެ. އަދި ރަށްރަށުގައިވެސް ކޯޓުތަކަށް މައްސަލަ ވެއްދުމުގައި ކާރުދާސް ބޭނުންކުރަމުން އައިނަމަވެސް މި މަޝްރޫޢުއާއެކު އެކަމަށްވެސް ބަދަލު އަންނާނެކަމަށް ވިދާޅުވިއެވެ.
ޕީޖީ ވިދާޅުވީ މި މަޝްރޫޢު 2028 ވަނަ އަހަރު ނިމިގެންދާއިރު ބޮޑެތި ބަދަލުތަކެއް އަންނާނެކަމަށެވެ. އެގޮތުން 2028 ވަނަ އަހަރު ޕީޖީ އޮފީސް ވެގެންދާނީ ޤާނޫނު ހުއްދަ ކުރާ އެންމެ މަތީ މިންވަރަށް ޕްރޮސިކިއުޝަންގެ މަސައްކަތްތައް ޑިޖިޓަލައިޒްކޮށްފައިވާ އޮފީހަކަށްކަން ފާހަގަކުރެއްވިއެވެ. އަދި މިހާރަށްވުރެ %60 އިތުރަށް ބާރުމިނުގައި މައްސަލަތައް ކޯޓަށް ހުށަހެޅޭނެތަނަކަށް ވާނެކަމަށް ޕީޖީ ވިދާޅުވިއެވެ.
"އޮފީސްތެރޭގައި ހޭދަވާ ވަގުތު ވަރަށް ބޮޑަށް މަދުވެގެންދާނެކަމަށް. މިސާލަކަށް އެސީސީން 25 ފައިލް ފޮނުވީމަ ދިރާސާ ކުރަން އެބަނަގާ 2 މަސް 3 މަސް. އޭއައިއާއެކު 1 ދުވަސްތެރޭގައި ދިރާސާގެ މަސައްކަތް ނިންމޭނެ. މުޅި ސިސްޓަމްގެ ތެރެއިން ވަރަށްބޮޑު ޓައިމް ކަނޑާލެވިގެންދާނެ. މިއީ އިންސާނުންގެ ބާރުވެރިކަން ކަނޑުވާލަން ކުރާ މަސައްކަތްތަކެއް ނޫން. އޭއައިން ޕްރޮސެކިއުޓަރުންނަށް އެހީވާނީ. ގޮތް ނިންމާނީ ޕްރޮސެކިއިޓަރުން." ޕްރޮސެކިއުޓަރ ޖެނަރަލް އަލްއުސްތާޛު ޢައްބާސް ޝަރީފް ވިާޅުވިއެވެ.
ރަނގަޅު ވަރުގަދަ ސެކިއުރިޓީ ސިސްޓަމެއް ނެތި އޭއައި ބޭނުން ކުރަން ނުވާނެކަން ފާހަގަކުރައްވާ ޕީޖީ ވިދާޅުވީ މިދިޔަ ފަސް މަސްދުވަހުގެ ތެރޭގައި ގަވަނަންސް އާލާތްތައް ތައްޔާރުކުރިކަމަށެވެ. މި އުސޫލްތަކާއި ކަންކަން ތައްޔާރުކޮށްފައިވާނީ ޔޫއެންގެ އެކި އިދާރާތަކުގެ ބައިނަލްއަޤްވާމީ އުޞޫލުތަކާއި އެއްގޮތަށްކަމަށެވެ.
އޭއައި ބޭނުންކުރުމުގައި ޕީޖީން ބޭނުންކުރާނެ މިންގަނޑުތައް ކަނޑައަޅާފައިވާކަން ޕީޖީ ފާހަގަކުރެއްވިއެވެ. އަދި ކޮންމެ ޑޮކިއުމަންޓެއްވެސް އަހަރަކު އެއްފަހަރު ރިވިއުކުރެވޭނެކަމަށް ޕީޖީ ވިދާޅުވިއެވެ. ޕީޖީ ވިދާޅުވީ އޭއައިއާ ހަމައަށް ކޭސްއެއް ދާނީ މަދުވެގެން 15 ހިރާސްއެއް ކަޑައްތުކުރުމަށްފަހުގައިކަމަށެވެ.
"މި 15 ސްޓެޕް ބިނާވެފައި އޮންނާނީ ރިސްކް މެނޭޖްމަންޓް ވިއުގަނޑެއްގެ ތެރޭގައި. ލޯ ރިސްކްތަކެއް ހުންނާނެ، ހައި ރިސްކް ހުންނާނެ. ކޮންމެ ކަމަކާ ގުޅިގެން އަޅަންޖެހޭ ފިޔަވަޅުތަކާއި ޒިންމާ ވާންޖެހޭ ފަރާތްތަކުގެ ތަފްސީލްތައް ހުންނާނެ. މަސައްކަތް ކުރާނީ މިއާ އެއްގޮތަށް." ޕްރޮސެކިއުޓަރ ޖެނަރަލް އަލްއުސްތާޛު ޢައްބާސް ޝަރީފް ވިދާޅުވިއެވެ.
ޕީޖީ ވިދާޅުވީ ދައުވާކުރުމާމެދު ގޮތެއް ނިންމުމާއި ނުވަތަ ޝަރީޢަތްތައް ކުރިއަށް ގެންދިޔުމުގައި އޭއައި ބޭނުން ނުކުރާނެކަމަށެވެ. މި މަޝްރޫޢު ނިމިގެންދާއިރު ކޮންމެ ޕްރޮސެކިއުޓަރަކަށް އޭއައި އެސިސްޓެންޓެއް ހުންނާނެކަން ޕީޖީ ފާހަގަކުރެއްވިއެވެ.
ޕީޖީގެ ވާހަކަފުޅުގައި ވަނީ މީހަކު ހުރިތަނެއްގެ ސަބަބުން އެމީހަކަށް ލިބޭ ޚިދުމަތް ތަފާތު ނުކުރާނެކަމަށް ވިދާޅުވެފައެވެ. އަދި މި މަޝްރޫޢު ނިމިގެންދާއިރު ހުރިހާ އިރުޝާދެއް ދިވެހިން ބަހުން ލިބޭނެކަމަށާއި ޑިޖިޓަލް ނޫން ވަޞީލަތްތައް ބޭނުންކޮށްގެން ޚިދުމަތް ހޯދުމުގެ ފުރުޞަތު އަބަދުވެސް އޮންނާނެކަމަށް ޕީޖީ ވިދާޅުވިއެވެ.