ކޯވިޑް-19އަށް ޕޮޒިޓިވް ވުމަށްފަހު ރަނގަޅުވާއިރު ފުއްޕާމެއަށް ބޮޑެތި ގެއްލުންތައްވެ އެކަން ފަސޭހަ ނުކުރެވޭކަމަށްބުނެ ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ޕޯސްޓުތަކާއެކު ގިނަ ބައެއްގެ ކަންބޮޑުވުންވަނީ އިތުރުވެފައެވެ. އެހެންނަމަވެސް މިއީ މުޅިން ހަޤީޤަތެއް ނޫންކަމަށް ޞިއްޙީ މާހިރުން ވިދާޅުވެއެވެ.
ކޮރޯނާ ވައިރަސްގެ އެކި ސްޓްރެއިންތައް މިހާތަނަށް ފެނިފައިވީނަމަވެސް 2019ވަނަ އަހަރު ފެތުރެންފެށި ކޮރޯނާ ވައިރަސް ޑިސީސް2019 ނުވަތަ ކޯވިޑް-19 ވެގެން ގޮސްފައިވަނީ މުޅި ދުނިޔޭގެ ހިންގުމަށް ލޮޅުންއަރުވާފައިވާ ނުރައްކާތެރި ވައިރަހަކަށެވެ.
މިވައިރަސް އަދިވެސް ކޮންޓްރޯލް ނުކުރެވިގެންއުޅޭއިރު ވައިރަހުގެ ޙަގީގަތްވެސް އަދި ހޯދިފައެއް ނުވެއެވެ. މިޙާލަތުގައި ވައިރަހާ ގުޅުވައިގެން އެތައް ވާހަކަތަކެއް އަންނަނީ ސޯޝަލް މީޑިއާގައި ފަތުރަމުންނެވެ. މީގެތެރޭގައި ޙަޤީޤަތެއްނެތް އެތައް ވާހަކަތަކެއްވެސް ފަތުރަމުންދެއެވެ.
ކޯވިޑް-19އިން ރަނގަޅުވާ މީހުންގެ ފުއްޕާމޭ މުޅިން ރަނގަޅުނުވެ ދާއިމަށް ލިބޭ ގެއްލުންތަކެއްގެ ގޮތުގައި ދެމިހުންނަކަމަށް ބައެއް ފަރާތްތަކުން އަންނީ ޚަބަރުތައް ފަތުރަމުންނެވެ. އެހެންނަމަވެސް މިއީ ހަޤީޤަތެއް ނޫންކަމަށް، ކޯވިޑް-19ގެ ޙާލަތުގައި ރާއްޖޭގައި އިސްކޮށް މަސައްކަތްކުރާ ދިވެހި ޑޮކްޓަރުންގެ ޓީމުން ފާހަގަކުރެއެވެ.
ކޯވިޑް-19އަށް ރާއްޖޭގައި ޕޮޒިޓިވްވި 14 މީހުންގެ ކަންކަން އެންމެ ގާތުން މޮނީޓަރކުރައްވަމުންގެންދަވާ ޑޮކްޓަރުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ ޑރ.މުޙައްމަދު ޢަލީ ވިދާޅުވީ ކޯވިޑް-19ގެ އަސަރު އެކި މީހުންނަށް ކުރަނީ އެކި މިންވަރަށްކަމަށެވެ. އެގޮތުން "މައިލްޑް" އާއި "މޮޑެރޭޓް" އަދި "ސީވިއާ" ކޭސްތައް ފެންނައިރު މީގެ އެކި މަރުޙަލާތަކުގައި ބަލިމީހާގެ ކިބައިން ފެންނަނީ އެކި ޢަލާމަތްތަކެވެ.
އެގޮތުން ފުއްޕާމެއަށް އަސަރުކުރަނީވެސް ވަކި ކޭސްތަކެއްގައިކަން ޑޮކްޓަރުން ފާހަގަކުރައްވައެވެ. އެއީ ޢުމުރުން ދުވަސްވުމުގެ ސަބަބުން ދިފާޢީ ނިޒާމު ބަލި މީހުންނާއި ދިގުމުއްދަތަކަށް ބޭސްކުރާ މީހުންނާއި ދުންފަތުގެ އިސްތިއުމާލުކޮށް މަސްތުވާތަކެތި ބޭނުންކުރާ މީހުންގެ ފުއްޕާމެއަށް ގެއްލުންވުމުގެ ފުރުސަތު ބޮޑުކަން ޑޮކްޓަރުން ފާހަގަކުރައްވައެވެ. އަދި ރާއްޖޭގައި ފެނުނު ކޭސްތަކުގެ ތެރޭގައި ނޭވާލާން އުނދަގޫވުމާއި ލޭގެ ހިމަގްލޮބިން ހުންނަ މިންވަރު ދަށްވުމާއި ހަށިގަނޑުގައި ހުންނަންޖެހޭ މިންވަރަށް ކެލްސިއަމް ފަދަ ބައިތައް ދަށްވެފައިވާކަން ފާހަގަކުރެވުނުނަމަވެސް ބަލިން ރަނގަޅުވި އިރު މިހުރިހާކަމެއްވެސް ރަނގަޅު ވެފައިވާކަމަށް ޑރ.މުޙައްމަދު ޢަލީ ފާހަގަކުރެއްވިއެވެ.
"މައިލްޑް އަދި މޮޑަރޭޓް ލެވެލްގައި ހުރެގެން ބަލިން ރަނގަޅުވާއިރު ފުއްޕާމޭގައި މާބޮޑު އަސަރުތަކެއް ނުހުރޭ. ސީވިއާ ކޭސްތަކުގައި ތިބޭ މީހުންގެ ތެރެއިން ވެންޓިލޭޓަރ އަށްވެސް ލާމީހުންގެ ތެރޭގައި ބަލިން ރަނގަޅުވާއިރު ފުއްޕާމޭގައި ލަކުނުތަކެއް ހުރޭ. އެކަމަކު އެއީ ފުއްޕާމޭ އެއްކޮށް ހަލާކުވެގެންދަނީއެއް ނޫން. އެކަންވެސް ދުވަސްތަކަކަށް ފަހު ރަނގަޅުވަމުންދާކަމަށް އުއްޕާމޭގެ އިމޭޖްތަކުން އަޅުގަނޑުމެނަށް ފެންނަނީ. މިބަލި ޖެހޭ މީހުނަށްވެސް ސިއްޙީ ގޮތުން ދުޅަހެޔޮ މީހެއްގެ ގޮތުގައި ހަމަ ދިރިއުޅެވޭނެ" ޑރ.މުޙައްމަދު ޢަލީ ވިދާޅުވެއެވެ.
ރާއްޖޭގައި ކޯވިޑް-19އަށް ޕޮޒިޓިވް ވި މީހުންގެތެރެއިން 3 މީހެއްގެ ޙާލު ބޮޑުވުމާ ގުޅިގެން އައިޖީއެމް ހޮސްޕިޓަލުގެ ކްރިޓިކަލް ކެއަރ ޔުނިޓުގައި ވަނީ ފަރުވާ ދީފައެވެ. ރާއްޖޭގައި ކޯވިޑް-19އާއި ގުޅިގެން އަޅަމުންދާ ފިޔަވަޅުތަކަށް ބައިނަލްއަޤުވާމި ޖަމްޢިއްޔާތަކުގެ ތަޢުރީފު ލިބެމުން އަންނައިރު ރާއްޖެއިން މިވައިރަހުގެ ސަބަބުން ޙާލު ބޮޑުވި މީހުނަށް ފަރުވާކުރަމުންދާ ގޮތަށްވެސް ދުނިޔޭގެ ތަޢުރީފްވަނީ ލިބިފައެވެ.
ވައިރަސްއަށް ޕޮޒިޓިވްވި މީހުނަށް ފަރުވާކުރެއްވުމުގައި މަސައްކަތްކުރެއްވި ޑރ.މުޙައްމަދު އިސްމާޢިލް ވިދާޅުވީ ރާއްޖޭގައި ކޯވިޑް-19ގެ ބަލިމީހުންނަށް ދިނީ މައިގަނޑުގޮތެއްގައި 4 ބޭހެއްކަމަށާ، ދެން ބޭނުންކުރަމުން އައީ މުޅިންވެސް ބަލިމީހާގެ ފަރާތުން ފެންނަ ޢަލާމާތްތައްކަށް ދެމުންއައި ބޭސްތައްކަމަށެވެ.
"ވައިރަސްގެ ސަބަބުން ނިއުމޯނިއާ ޖެހޭ މީހުނަށް 3 ވައްތަރެއްގެ ބޭސް އަޅުގަނޑުމެން އެންމެންގެ މަޝްވަރާއާއި ޑަބްލިއުއެޗްއޯއަދި ބޮޑެތި ޤައުމުތަކުގެ ރިކޮމެންޑޭޝަނާއެކު ދެމުން ގެންދިޔައީ. ފަހަގަކޮށްލަން ބޭނުން އަޅުގަނޑުމެން ދިން ބޭސްތަކާއި ފަރުވާގެ ތަޖުރިބާ އެހުމަށް ބޭރުގެ ބައެއް ޤައުމުތަކުން އަންނަނީ ގުޅަމުން. މިފަދަ ދަނޑިވަޅެއްގައި ދުނިޔޭގެ ހުރިހާ ޑޮކްޓަރުންވެސް އަންނަނީ މިކަމާ ގުޅިގެން ކަންކަން ދަސްކުރައްވަމުން." ޑރ.މުޙައްމަދު އިސްމާޢިލް ވިދާޅުވިއެވެ.
ރާއްޖޭގައި ކޯވިޑް-19އަށް ޓެސްޓުކުރި މީހުންގެ ޢަދަދު 600އަށްވުރެ ގިނަކަން ފާހަގަކުރައްވަމުން މިކަމުގައި މަސައްކަތްކުރައްވަމުންގެންދަވާ ޑޮކްޓަރުން ވިދާޅުވަނީ 4 ލައްކައެއްހާ މީހުންގެ އާބާދިއަކުން މިމިންވަރަށް ޓެސްޓުކުރަމަކީ ހަރުދަނާ ފިޔަވަޅެއްކަމަށެވެ. އަދި އެންމެ ކުރިއަރާފައިވާ ޤައުމުތަކުގައިވެސް މިމިންވަރަށް ޓެސްޓުނުކުރާކަން ޑޮކްޓަރުން ފާހަގަކުރައްވައެވެ. ރާއްޖޭގައި ޑޮކްޓަރުން މިބައްޔާ ދެކޮޅަށް މަސައްކަތްކުރައްވަމުން އަންނަނީ މިބަލި ރާއްޖެއަށް ނާންނާނެކަމަށް ބަލައިގެން ނޫންކަމަށާއި ރާއްޖޭގައި ފެތުރޭ ޙާލަތުގައިވެސް އެއްވެސް ބަލި މީހަކު ދޫކޮށްނުލައި މަސައްކަތްކުރުމަކީ އަމާޒުކަމަށް ދިވެހި ޑޮކްޓަރުންގެ ޓީމުން ވިދާޅުވެއެވެ.