ސަޤާފަތާއި ތަރިކައިގެ ދާއިރާއިން މިހުން ބިނާކުރުމާ ގުޅޭގޮތުން ޗައިނާގެ ޝަންގްހައި ޔުނިވަރސިޓީއާއެކު މަޝްވަރާކުރައްވައިފިއެވެ.
މި މަޝްވަރާތައް ކުރިއަށްދެވީ ފަންނާއި ސަޤާފަތާއި ތަރިކައާ ބެހޭ ވަޒީރު ހީނާ ވަލީދު ޗައިނާއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިންނެވެ.
ޝަންގްހައި ޔުނިވަރސިޓީއަށް ވަޒީރު ހީނާ ކުރެއްވި ޒިޔާރަތުގައި ފަންނާއި ސަގާފީ ތަރިކައިގެ ރޮނގުން ގުޅިގެން މަސައްކަތް ކުރުމާ ގުޅޭ ގޮތުންނާއި މީހުން ބިނާކުރުމާއި ކިޔެވުމުގެ ފުރުޞަތުތައް ހޯދުމާގުޅޭ ގޮތުން ވަނީ މަޝްވަރާކުރައްވާފައެވެ.
ޝަންގްހައި ޔުނިވަރސިޓީއަކީ ޝަންގްހައި މުނިސިޕަލް ޕީޕަލްސް ގަވަމަންޓްއިން، 1994އިން ފެށިގެން ކިޔަވައިދެމުންދާ ޔުނިވަރސިޓީއެކެވެ.
މި ޔުނިވަރސިޓީއަކީ ތާރިޚާއި ސަޤާފަތާ ތަރިކައިގެ ދާއިރާތަކުން ތަފާތު ގިނަ ތަޢުލީމީ ޕްރޮގްރާމްތަކެއް ހިންގާ ޔުނިވަރސިޓީއެކެވެ. އެގޮތުން ތާރީޚާއި ތަރިކައާގުޅޭ އެކަޑެމިކް ދިރާސާތައް ކުރުމާއި ތަރިކަ ދެމެހެއްޓުމުގެ ފަންނަށް މީހުން ބިނާކުރުމަށް ކުރިއަށްގެންދާ ޕްރޮގްރާމަތައް ހިމެނެއެވެ.
ވަޒީރު ހީނާ ވަލީދު ޗައިނާއަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން، ފަންނާއި ސަގާފީ ތަރިކައިގެ ރޮނގުން ގުޅިގެން މަސައްކަތް ކުރުމާ ގުޅޭ ގޮތުންނާއި މީހުން ބިނާކުރުމާއި ކިޔެވުމުގެ ފުރުޞަތުތައް ހޯދުމާގުޅޭ ގޮތުން ޝަންގްހައި ޔުނިވަރސިޓީއާ އެކު މަޝްވަރާކުރައްވައިފި. pic.twitter.com/1NYjrCipQn
— Ministry of Arts, Culture and Heritage (@MoDLCH) September 22, 2026
ތާރީޚާއި ތަރިކައިގެ ދާއިރާއިން ދިރާސާކުރުން އިތުރުކޮށް، އެކަންކަން އަންނަން އޮތް ޖީލުތަކަށް ދެމެހެއްޓުމަށް ސަރުކާރުން ޚާއްސަ އިސްކަމެއް ދެއްވައެވެ.
ސަރުކާރުން ތަޢާރަފުކޮށްފައިވާ ސިގްނޭޗަރ ސްކޮލަރޝިޕަކީ މި ދާއިރާއިން، ދިރާސާކުރުމަށް މިހާތަނަށް ދޭ އެންމެ ބޮޑު ސްކޮލަރޝިޕް ގްރާންޓް ފުރުޞަތެވެ. މިއީ ރާއްޖޭގެ ތާރީޚާ ގުޅޭ ކަންކަން ތަފާތު ދާއިރާތަކުން މިހާރަށްވުރެ ބޮޑަށް ދިރާސާކުރުމާއި ރާއްޖޭގެ ތާރީޚު ރައްކާތެރިކޮށް ދެމެހެއްޓުމަށް ކުރަމުން ގެންދާ މަސައްކަތެވެ.
ތާރީޚީ އެކިއެކި ބިނާތައް ރައްކާތެރިކުރުމުގެ އިތުރުން، ރައްޖޭގެ ހިރިގަލުގެ މިސްކިތްތައް ދުނިޔޭގެ ތަރިކައިގެ ދާއިމީ ލިސްޓުގައި ހިމެނުމަށް ކުރަމުންދާ މަސައްކަތަކީވެސް، ތަރިކަ ރައްކާތެރިކުރުމުގެ މުހިންމު ބައެކެވެ.
ރާއްޖޭގެ ތާރީޚާގުޅޭ މަޢުލޫމަތު ފަސޭހައިން ފޯރުކޮށްދެވޭނެ މަގު ފަހިކުރުމަށް، ޣާޒީ ބަންޑާރައިގެ ހަނދާނުގައި ބޮޑުތިލަދުންމަތީގެ 3 ރަށުގައި ކުރިއަށްގެންދާ މަޝްރޫޢުއަކީވެސް މިފަދަ މުހިންމު މަސައްކަތެކެވެ. މީގެސަބަބުން އެރަށްރަށް ޒިޔާރަތްކުރާ މީހުންނަށް، ތަރީޚީ އެކި ޙާދިސާތަކުގެ މަޢުލޫމާތު ފޯރުކޮށްދެވޭނެއެވެ. އަދި ފަތުރުވެރިންނަށްވެސް އެ މަޢުލޫމާތުތައް ފޯރުކޮށްދެވި، ރާއްޖޭގެ ތާރީޚުގެ މުއްސަނދިކަން ބުނެދިނުމަށް އިތުރު މަގަކަށްވެގެންދެއެވެ.