ކުޅިވަރު

އިންފަންޓީނޯ އެދުނީ އެންމެން ގުޅިގެން ފީފާ އިސްލާހު ކޮށްދޭން


ދުނިޔޭގެ ފުޓްބޯޅަ ޖަމިއްޔާ ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ އެ ޖަމާއަތުގެ ހިންގުން އިސްލާހު ކޮށްދޭން އެދި ފީފާގެ އެންމެހާ މެމްބަރު ގައުމުތަކަސް ސިޓީ ފޮނުވައިފި އެވެ.

މިކަމަށް އެދިވަޑައިގެން އިންފަންޓީނޯ ވަނީ އިއްޔެ ފީފާގެ މެމްބަރު 211 ގައުމަށް ސިޓީ ފޮނުވައިފަ އެވެ.

މި ސިޓީގައި އެދިފައިވަނީ ފީފާ ކައުންސިލް މެދުވެރިކޮށް، ފީފާގެ މެމްބަރުން އެޖަމާއަތުގެ ހިންގުން ހަރުދަނާ ކުރެވޭނެ ގޮތްތަކާމެދު ހިޔާލު ދިނުމަށާއި އެކަމަށް ފުރުސަތު ހުޅުވާލެވިފައިވާ ކަމަށެވެ. އޭނާ ވިދާޅުވީ ކައުންސިލުން ފީފާގެ ހިންގުން ހަރދަނާ ކުރެވޭނެ ގޮތްތައް ހޯދަން މެމްބަރު ގައުމުތަކާއެކު މަޝްވަރާކުރާނެ ދާއިރާތަކަކީ އެ ޖަމާއަތުގެ ހިންގުމާއި ރައީސަށް ލިބިގެންންވާ ބާރުތަކާއި ދެފުށް ފެންނަ ނިޒާމެއްގެ ތެރޭގައި ފީފާ އާއި ފީފާގެ ރައީސް މަސައްކަތް ކުރާނެ ގޮތްތަކާއި ޒިންމާދާރު ކުރުވޭނެ ގޮތްތަކާ މެދު ކަމަށެވެ.

އުމުރުން 56 އަހަރުގެ އިންފަންޓީނޯ މިފަދައިން މި އެދުނީ ހަތަރު ވަނަ ދައުރަކަށް ފީފާގެ ރައީސް ކަމަށް އިންތިހާބުވުމަށް ގޮންޖެހުންތަކާ ކުރިމަތިވުމުންނެވެ. ކޮރަޕްޝަނުގެ ތުހުމަތުތައް އަމާޒުވެ 2015 ވަނަ އަހަރު ކުރީގެ ރައީސް ސެޕް ބްލެޓާ މަގާމުން އިސްތިއުފާ ދެއްވުމުން އިންފަންޓީނޯ އިންތިހާބުވީ 2016 ވަނަ އަހަރު އެވެ. އޭގެ ފަހުން މާބޮޑު ވާދަވެރިކަމެއްނެތި ފީފާގެ ރައީސްކަން ކުރައްވަމުން ގެންދެވި އިންފަންޓީނޯ އަށް މައްސަލަތައް ދިމާވީ މިދިޔަ ޖުލައި މަހު އެމެރިކާގައި ނިމުނު ވޯލްޑް ކަޕަށް ފަހު އެވެ.

އެއީ އެ މުބާރާތަށް ފަހު ވޯލްޑް ކަޕް ރާވައި ހިންގުމަށް ފީފާގެ ތެރެއިން ވިޔަފާރި ކުންފުންޏެއް އުފައްދައި އެ ކުންފުނީގެ ހިއްސާ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާ ގާތް ގުޅުން އޮންނަ ބައެއް ވިޔަފާރިވެރިންނަށް ވިއްކާލަން އުޅުއްވުމުންނެވެ. މިކަމަކީ ފީފާގެ ކައުންސިލާ ވެސް މަޝްވަރާ ކުރުމެއްނެތި އަމިއްލަފުޅަށް ނިންމެވި ނިންމެވުމެއް ކަމަށް އިންފަންޓީނޯ ވަނީ ޕްރެޝަރު ބޮޑުވުމުން އިއުތިރާފްވެވަޑައިގެންފަ އެވެ.

މިކަމާ ގުޅިގެން އިންފަންޓީނޯ އިސްތިއުފާ ދެއްވުމަށާއި އޭނާގެ ބަދަލުގައި އަންނަ މާޗު މަހު ފީފާގެ ރައީސް ކަމަށް އައު ބޭފުޅަކު ހޮވަން އެންމެ ބޮޑަށް މަސައްކަތް ކުރަނީ ޔޫރަޕާއި ކޮންކާކަޕް އަދި އޭޝިޔާގެ ފުޓްބޯޅަ ޖަމިއްޔާއިންނެވެ.