އިސްލާމިކް މިނިސްޓްރީގައި އެއްވެސް އިރެއްގައި ނޫޅޭ ފަރާތެއްގެ ނަމުގައި ކުރީގެ ސަރުކާރުގައި މުސާރައިގެ ގޮތުގައި އޮޅުވާލައިގެން ފައިސާ ނަގާފައިވާ މައްސަލައެއް ހާމަވެއްޖެއެެވެ. މިކަން ހާމަވީ އޮޑިޓަރ ޖެނެރަލް އާންމުކޮށްފައިވާ 2018 ވަނަ އަހަރުގެ އިސްލާމިކް މިނިސްޓްރީގެ އޮޑިޓް ރިޕޯޓުންނެވެ.
އޮޑިޓަރ ޖެނެރަލް ސޮއިކުރައްވާ އާންމުކުރި އޮޑިޓް ރިޕޯޓްގައި އިސްލާމިކް މިނިސްޓްރީގެ މުސާރައާ ގުޅޭ ލިޔެކިޔުންތައް އޮޅުވާލައިގެން، މިނިސްޓްރީގައި އެއްވެސް އިރެއްގައި ނޫޅޭ ފަރާތެއްގެ ނަމުގައި ޖުމުލަ ފަސްދޮޅަސް ދެ ހާސް ދުއިސައްތަ ރުފިޔާ މުސާރައިގެ ގޮތުގައި ނެގުމުގެ އިތުރުން މިނިސްޓްރީގެ މުސާރައިގެ މަސައްކަތް ކުރާ މުވައްޒަފަކު އެފަރާތަށް ހައްޤުވާ އަދަދަށްވުރެ އިތުރަށް ޖުމުލަ ތޭރަ ހާސް ނުވަ ސަތޭކަ ފަސްދޮޅަސް ހަތް ރުފިޔާ ނަގާފައިވާކަން ފާހަގަކޮށްފައިވެއެވެ. މީގެ އިރުތުންވެސް، ލިޔެކިއުންތައް އޮޅުވާލައިގެން ފައިސާ ނެގުމަށް މަސައްކަތް ކޮށްފައިވާކަންވެސް އޮޑިޓަރ ޖެނެރަލް ފާހަގަކޮށްފައިވެއެވެ.
އިސްލާމިކް މިނިސްޓްރީގެ އޮޑިޓް ރިޕޯޓްގައި ބުނެފައިވާގޮތުގައި އެ މިނިސްޓްރީގައި އެއްވެސް އިރެއްގައި ނޫޅޭ ފަރާތެއްގެ ނަމުގައި ނަގާފައިވާ ފައިސާއާއި، މިނިސްޓްރީގެ މުސާރައިގެ މަސައްކަތް ކުރާ މުވައްޒަފުގެ ނަމުގައި އިތުރަށް ނަގާފައިވާ ފައިސާކަމަށް މިނިސްޓްރީގެ ހިސާބުތަކުން ދައްކާ ޖުމުލަ ފަސްދޮޅަސް ހަ ހާސް އެއް ސަތޭކަ ހަތްދިހަ ރުފިޔާ، 2018 ވަނަ އަހަރުގެ ޑިސެމްބަރ މަހުން ފެށިގެން، 8 މަސްދުވަހަށް ބަހާލައިގެން މިނިސްޓްރީއަށް ދައްކައި ޚަލާސްކުރުމަށް މިނިސްޓްރީގެ މުސާރައިގެ މަސައްކަތްކުރާ މުވައްޒަފާއެކު އެއްބަސްވެފައިވާކަމަށެވެ.
ނަމަވެސް އެ ފަރާތުން އެއްބަސްވެފައިވާ ގޮތަށް މިނިސްޓްރީއަށް ފައިސާ ދައްކަމުން ގޮސްފައި ނުވާކަމަށްވެސް ފާހަގަކޮށްފައިވެއެވެ. މިނިސްޓްރީއަށް އެ މައްސަލަ ފާހަގަވުމުން، މައްސަލަ އިތުރަށް ބަލައިދިނުމަށް އެދި މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީއަށާއި، ސިވިލް ސަރވިސް ކޮމިޝަނަށާއި، މޯލްޑިވްސް ޕޮލިސް ސާރވިސްއަށް 2018 ވަނަ އަހަރުގެ އޮކްޓޯބަރ މަހުގެ ތެރޭގައި އަންގާފައިވެއެވެ.
ލިޔެކިޔުންތައް އޮޅުވާލައިގެން އިތުރުގަޑީގެ އެލަވަންސް ނަގާފައިވުމުންނާއި، ބަންދު ދުވަހުގެ އެލަވަންސް ހައްޤުނުވިނަމަވެސް އެ އެލަވަންސް ނަގާފައިވުމުން، އެ މުވައްޒަފަށް މުސާރައިގެ ގޮތުގައި ޖުމުލަ ނުވަހާސް ނުވަ ސަތޭކަ ނުވަދިހަ ހަތް ރުފިޔާ އިތުރަށް ދެވިފައިވާކަމަށް އޮޑިޓަރުންގެ ހިސާބުތަކުން ދެއްކިޔަސް، ފައިސާ ދެއްކުމަށް މިނިސްޓްރީއާއި މުވައްޒަފާ ދެމެދުވެފައިވާ އެއްބަސްވުމުގައި އެ ފައިސާގެ ޢަދަދު ހިމަނާފައިނުވާކަން ފާހަގަކުރެވިފައިވާކަމަށްވެސް މި ރިޕޯޓްގައިވެއެވެ. މިގޮތަށް ދިމާވެފައިވަނީ ލިޔެކިޔުންތައް އޮޅުވާލައިގެން ފައިސާ ނެގިކަން މިނިސްޓްރީއަށް ފާހަގަވުމުންވެސް، އެ މުވައްޒަފުގެ މުސާރަ މިނިސްޓްރީން އަލުން ހިސާބުކޮށް މުވައްޒަފަށް ހައްޤުވާ ޢަދަދު ކަށަވަރު ކޮށްފައިނުވުގެ ސަބަބުންކަމަށްވެސް އޮޑިޓް ރިޕޯޓުގައި ބުނެފައިވެއެވެ.
މީގެ އިތުރުން އިންޑިއާގައި ދިރިއުޅޭ ދިވެހި ރައްޔިތަކު އެޤައުމުގެ ކޯޓަކަށް ދައްކަންޖެހޭ ފައިސާ ޒަކާތު ފަންޑުން ދިން މައްސަލައެއްވެސް އޮޑިޓް ރިޕޯޓްގައި ވަނީ ފާހަގަކޮށްފައެވެ.
އިންޑިއާގެ ތިރުވަނަންތްޕޫރަމްގައި ދިރިއުޅެމުންދާ ދިވެހި ޢާއިލާއެއްގެ ޕާސްޕޯޓުތައް އިންޑިއާގެ ކޯޓަކުން ބަލަމުންދާ މައްސަލައަކާ ގުޅިގެން ހިފަހައްޓާފައިވަނިކޮށް، އެމައްސަލަ ނުނިމި ދިގުދެމިގެންދާތީއާއި، ޕާސްޕޯޓުތައް ދޫކުރާނެ ހަމައެކަނި ގޮތަކީ އެ ޢާއިލާގެ ބޭފުޅަކު އިންޑިއާގެ ބައެއްގެ އަތުން އަނބުރާ ދައްކާގޮތަށް ނަގާފައިވާ ޖުމުލަ އެއް މިލިއަން އެއް ސަތޭކަ ހާސް އިންޑިއަން ރުޕީސް ޑިސްޕިއުޓް ރިޒޮލިއުޝަންގެ ތެރެއިން ދައްކާ ހަލާސްކުރުމުންކަމުގައިވާތީ، އެ ފައިސާ ދެއްކުމަށް ދިވެހި ސަރުކާރުގެ އެހީތެރިކަމަށް އެދި އެކި ފަހަރުމަތިން އެ ޢާއިލާގެ ފަރާތުން ރައީސުލްޖުމުހޫރިއްޔާގެ އޮފީހަށް ސިޓީ ފޮނުވާފައިވާކަމަށެވެ.
އެފަރާތަށް ދިމާވެފައިވާ ޙާލަތަށް ރިޢާޔަތްކޮށް ޒަކާތު ފަންޑުން 2018 ވަނަ އަހަރުގެ ތެރޭގައި ޖުމުލަ ދުއިސައްތަ ފަންސާސް ދެ ހާސް ހަތްސަތޭކަ ފަންސާސް ނުވަ ރުފިޔާގެ އެހީއެއް އެފަރާތަށް ދީފައިވާކަމަށްވެސް އޮޑިޓް ރިޕޯޓްގައި ވެއެވެ.
ނަމަވެސް އެ ޢާއިލާގެ ފަރާތުން ފޮނުވާފައިވާ ސިޓީގައި ބަޔާންކޮށްފައިވާ ކަންތައްތަކަކީ ހަޤީޤަތުގައިވެސް ހިގާފައިވާ ކަންތައްތަކެއްކަން ކަށަވަރު ކުރެވޭނެ އިންޑިއާ ސަރުކާރުގެ ރަސްމީ ލިޔުމެއް ނެތި ފައިސާގެ އެހީ އެފަރާތަށް ދީފައިވުމުން އެ ފައިސާއަކީ ދައްކަންޖެހޭ ފައިސާއެއްކަން ކަށަވަރު ކުރެވިފައެއްނުވާކަމަށްވެސް އޮޑިޓަރ ޖެނެރަލް ފާހަގަކޮށްފައިވެއެވެ.
އެހެންކަމުން އޮޑިޓަރ ޖެނެރަލް ވަނީ ޒަކާތު ފަންޑުން އެއްވެސް ފަރާތަކަށް އެހީއެއް ދޭނަމަ، އެ އެހީއަށް އެދިފައިވާ ކަމަކާއިގުޅޭ ލިޔެކިޔުންތައް ހަމަކޮށް އެހީ ދޭންޖެހޭފަދަ ހާލަތެއް މެދުވެރިވެފައިވާކަން ޔަގީންކުރުމަށާއި، އެއެހީ ދިނުމުގެ މަޤްޞަދު ހާސިލުވިކަން ކަށަވަރުކުރުމަށް މިނިސްޓްރީއަށް އަންގަވާފައެވެ.