ޚަބަރު

މިނިމަމް ވޭޖުގެ ސަބަބުން ތަކެތީގެ އަގުތައް އުފުލިގެން ނުވާނެ: ސަރުކާރު ކުންފުނިތައް


މުވައްޒަފުންނަށް ދޭނެ އެންމެ ކުޑަ އުޖޫރަ ކަނޑައެޅުމުން ބާޒާރުގައި ތަކެތީގެ އަގުތަކަށާއި، ކުލީގެ އަގުތަކަށްބަދަލު ނާންނާނެގޮތަކަށް ސިޔާސަތުތައް ކަނޑައަޅާންޖެހޭކަމަށް ސަރުކާރުގެ ކުންފުނިތަކުން ބުނެފިއެވެ.

ކުންފުނިތަކުން މިހެން ބުނެފައި މިވަނީ މިނިމަމްވޭޖު ކޮމިޓީގައި މެންބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބުދެއްވަމުންނެވެ.

ރައްޔިތުންގެ މަޖިލީހުގެ މިނިމަމް ވޭޖު ކޮމިޓީގައި ވާހަކަފުޅު ދައްކަވަމުން ސަރުކާރުގެ ކުންފުނިތަކުގެ ވެރިން ވަނީ އެންމެ ކުޑަ އުޖޫރަ ކަނޑައެޅުމުން ބާޒާރުގައި ތަކެތީގެ އަގުތަކަށް ބަދަލުތަކެއް އައުމަކީ އެކަށީގެންވާކަމެއްކަމަށް ވިދާޅުވެ ކަންބޮޑުވުން ފާޅުކޮށްފައެވެ.

ކޮމިޓިގައި ވާހަކަފުޅުދައްކަވަމުން ވެމްކޯގެ މެނޭޖިންގ ޑިރެކްޓަރ އާދަމް މުޙައްމަދު ވިދާޅުވީ، ކާޑުގެ ބާވަތްތަކުގެ އަގުތަކަށް ކުރިން ގެނައި ބަދަލުތަކާއެކު ކެފޭ ރެސްޓޯރަންޓާއި އެހެން ބައެއް ތަންތަނުގައި ތަކެތީގެ އަގުތަކަށްވެސް ބަދަލު އައިކަމަށެވެ. އެހެންކަމުން އެންމެ ކުޑަ އުޖޫރަ ކަނޑައެޅުމުންވެސް ބައެއް ތަކެއްޗާއި ތަންތަނުގެ ކުލީގެ އަގުތަކަށް ބަދަލު އައުމަކީ އެކަށީގެންވާކަމެއްކަމަށް އާދަމް މުޙައްމަދު ވިދާޅުވިއެވެ.

"މިނިމަމް ވޭޖާއެކީ މުވައްޒަފުންގެ މުސާރައަށް އިތުރަށް 2000 ރުފިޔާ ހޭދަކުރަންޖެހޭއިރު މާރކެޓްގައި %200 އާއި %100 އަށް އަގުތައް ހިއްލާލީމަ ކޮބައިތޯ ރައްޔިތުންނަށް އޭގެއިން ވާނެފައިދާ." ވެމްކޯގެ މެނޭޖިންގ ޑިރެކްޓަރ އާދަމް މުޙައްމަދު ވިދާޅުވިއެވެ.

އެމްޓީސީސީގެ ސީއީއޯ ހަސަން ޝާހު ވިދާޅުވީ، އެމްޓީސީއަށް ލިބޭ އާމްދަނީގެ ތެރެއިން އެންމެ ބޮޑު ހޭދައެއްކުރަންޖެހެނީ މުވައްޒަފުންގެ މުސާރައަށް ކަމަށެވެ. އަދި ކުންފުނީގައި މަސައްކަތްކުރާ މުވައްޒަފުންގެ ތެރޭގައި ގިނަ ޢަދަދެއްގެ ބިދޭސީން ހިމެނޭކަން ފާހަގަކުރައްވާ ޝާހު ވިދާޅުވީ، އޭގެތެރޭގައި ގިނައީ އަންސްކިލްޑް ނުވަތަ ތަޢުލީމީ ފެންވަރު ނެތް މުވައްޒަފުންކަމަށެވެ. ނަމަވެސް އެފަދަ ފަރާތްތަކަށްވެސް މިނިމަމްވޭޖު ކަނޑައެޅިގެން ިދއުމުން ކުންފުނީގެ ޚަރަދުތައް އިތުރުވެގެންދާނެކަމަށާއި އެއާއެކު މާކެޓްގައިވެސް ބަދަލުތަކެއް ފެންނާނެކަމަށް ޝާޚު ވިދާޅުވިއެވެ.

"މިނިމަމްވޭޖު އަންނައިރު މަހެއްގެ މައްޗަށް މުސާރައަށް މި އެންމެ ބޮޑު ހޭދަކުރަނީ. އަނެއްކާވެސް މިކަމުގެ ސަބަބުން ބޮޑު ހޭދައެއް ކުރަންޖެހިދާނެ. ދެން އަޅުގަނޑުމެންނަށް ޖެހޭނީ މުވައްޒަފުން މަދުކޮށް ތިބި މުވައްޒަފުން އެދިޝިއެންޓުކުރަން. އެކަމު ދިވެހިންނަށް އިސްކަންދޭނަން." އެމްޓީސީސީގެ ސީއީއޯ ޢަލީ ޝާހު ވިދާޅުވި އެވެ.

އެންމެ ކުޑައުޖޫރަ އާއިއެކު ބިދޭސީން މަސައްކަތްތެރިން މަދުވެދާނެތޯ ކޮމިޓީގެ މެންބަރަކު ކުރެއްވި ސުވާލަށް ޖަވާބުދެއްވަމުން އެމްޕީއެލްގެ ސީއީއޯ ޝާހިދު އަލީ ވިދާޅުވީ، އެންމެ ކުޑަ އުޖޫރަ ކަނޑައެޅުމަކުން ބިދޭސީ މަސައްކަތްތެރިންގެ މައްސަލައަށް ދާއިމީ ހައްލެއް ނުލިބޭނެކަމަށެވެ. ރާއްޖޭގެ އިޤްތިޞާދު ފުޅާވެފައި އޮތްގޮތުން ބައެއް ދާއިރާތަކަށް ބިދޭސީން ކޮންމެހެންވެސް ބޭނުންވާކަމަށް އޭނާ ވިދާޅުވިއެވެ.

"100% ބޭރު މަސައްކަތްތެރިންގެ ހައްލުނުވާނެ. ބިދޭސީންނުލާ ނުހިންގޭވަރަށް އިޤްތިޞާދު ފުޅާވެފައމިވަނީ. ކޮންމެވެސްވަރަކަށް ބިދޭސީން ބޭނުންވާނެ." އެމްޕީއެލްގެ ސީއީއޯ ޝާހިދު އަލީ ވިދާޅުވިއެވެ.

ސްޓެކްލޯގެ މެނޭޖިންގ ޑިރެކްޓަރ ޢަބްދުލްމުޣުނީ ވިދާޅުވީ، ކަރަންޓުގެ ސަބްސިޑީއަށް ސަރުކާރުން މަހެއްގެ މައްޗަށް ބޮޑު ހޭދަކުރަންޖެހޭއިރު ދައުލަތުން އެހެނިހެން ސަބްސިޑީގެ ގޮތުގައިވެސް ބޮޑު ހޭދައެއްކުރާކަމަށެވެ. އެހެންކަމުން މިނިމަމްވޭޖާއެކު އިތުރު ބުރަކަަމެއް އަންނާނެކަމަށާއި، އެކަމުގެ ސަބަބުން އިޤްތިޞާދަށް އަންނާނެ ބަދަލުތަކަށް ރިޔާއަތްކޮށް ސިޔާސަތުތަކަށް ބަދަލުގެންނަން ޖެހޭނެކަމަށެވެ.

"މިނިމަމް ވޭޖު ކަނޑައޅާއިރު އެއީ ދާއިމީކޮށް މުވައްޒަފުން ތިބެންޖެހޭ ވަޒީފާތަކަކަށްވެގެން ނުވާނެ. ޒުވާނުން ވަކި ޢުމުރެއްގައި އެ މިނިމަމްވޭޖު ވަޒީފާގައި ތިބެވޭގޮތަށް ކަނޑައަޅަންވާނެ. އަދި އެހެން ސިޔާސަތުތަކަށްވެސް ބަދަލުގެންނަންޖެހޭނެ." ސްޓެކްލޯގެ މެނޭޖިންގ ޑިރެކްޓަރ ޢަބްދުލްމުޣުނީ ވިދާޅުވިއެވެ.

މިނިމަމް ވޭޖްގެ ބިލްގެ މަސައްކަތް ކޮމިޓިގައި މިހާރު ކުރިއަށްދާއިރު ގިނަ މުއައްސަސާތަކައި ކުންފުނިތައް ކޮމިޓީއަށް ހާޒިރުކޮށް އިޤްތިޞާދަށް އަންނާނެ ބަދަލުތަކާއި ގުޅޭގޮތުން ދަނީ އޮޅުންފިލުވަމުންނެވެ. މިނިމަމްވޭޖު ކަނޑައެޅުމަކީ، މިސަރުކާރުގެ މުހިއްމު ވައުދެކެވެ.