ޕީއެސްޕީތަކުގެ ރައުސްމާލު އިތުރުކުރުމުގެ އިސްލާހަށް އަމަލުކުރަން ފަށައިފިއެވެ.
ފައިސާގެ މުއާމަލާތްތައް ކުރުމުގެ މަގުފަހިކޮށްދޭ ފަރާތްތަކުން އަމަލުކުރަން ޖެހޭ ޕޭމަންޓް ޚިދުމަތްތަކާބެހޭ ގަވާއިދަށް ގެނައި އިސްލާހު ގެޒެޓުކޮަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީން މިހާރުވަނީ ޢަމަލުކުރަން ފަށާފައެވެ.
ޕީއެސްޕީ ގަވާއިދަށް ގެނެސްފައިވާ އިސްލާހުގައިވާގޮތުން ފައިސާ ފޮނުވުމުގައި މެދުވެރިއެއްގެ ގޮތުގައި ޚިދުމަތްދޭ ބޭންކް ނުވަތަ ފައިނޭންޝަލް އިންސްޓިއުޓަކުން، މަސައްކަތު ދެ ދުވަހުގެ ތެރޭގައި އެ މުއާމަލާތަކާ ރައްދުވާ ބެނެފިޝަރީގެ ދިވެހިރާއްޖޭގެ ބޭންކު އެކައުންޓަށް ފައިސާ ލިބޭނެގޮތް ހަދަންޖެހެއެވެ.
މީގެ އިތުރުން، ޕޭމަންޓް ޚިދުމަތެއް ދިނުމަށް ލައިސަންސް ލިބިފައިވާ ކޮންމެ ޕޭމަންޓް ޚިދުމަތްދޭ ފަރާތަކުންވެސް، ހުރިހާ ވަގުތެއްގައި ވެސް ރައުސްމާލުގެ ގޮތުގައި މަދުވެގެން ބަހައްޓަންޖެހޭ އަދަދުތަކަށް ބަދަލު ގެނެސްފައެވެ.
އެ ގޮތުން، އިލެކްޓްރޯނިކް މަނީ އިޝޫކުރުމުގެ ޚިދުމަތް، ޕޭމަންޓް މުއާމަލާތްތައް އެކުއަޔަރކުރުމުގެ ޚިދުމަތް، އަދި ރެމިޓެންސްގެ ޚިދުމަތް ދިނުމަށް ލައިސަންސް ލިބިފައިވާ ޕޭމަންޓް ޚިދުމަތްދޭ ފަރާތްތަކުގެ އެންމެ މަދުވެގެން ބަހައްޓަންޖެހޭ އަންއިމްޕެއަރޑް ކެޕިޓަލްގެ އަދަދު 2،000،000 ރުފިޔާ އަށް ވަނީ އިތުރު ކޮށްފައެވެ. އަދި ޕޭމަންޓް އިނީޝިއޭޝަން ޚިދުމަތް އަދި އެކައުންޓް އިންފޮމޭޝަން ފޯރުކޮށްދިނުމުގެ ޚިދުމަތް ދިނުމަށް ލައިސަންސް ލިބިފައިވާ ޕޭމަންޓް ޚިދުމަތްދޭ ފަރާތްތަކުގެ މިނިމަމް އަންއިމްޕެއަރޑް ކެޕިޓަލްގެ އަދަދު 1،000،000 ރުފިޔާ އަށް ވަނީ އިތުރު ކުރެވިފައެވެ.
މި ބަޔާންކޮށްފައިވާ އުސޫލަށް ބޭންކްތަކުން ޢަމަލުކުރަން ފަށާނީ މިހާރުން ފެށިގެން 6 މަސް ދުވަސް ފަހުންނެވެ.
އެމްއެމްއޭއިން ވިދާޅުވީ ރައުސްމާލުގެ ގޮތުގައި ބަހައްޓަންޖެހޭ އަދަދަށް ގެނެވުނު ބަދަލުގެންނެވީ ލައިސަންސް ދޫކޮށްފައިވާ މުއައްސަސާތަކަކީ އެ މުއައްސަސާތަކަށް ލިބޭ ގެއްލުންތަކުން އަރައިގަނެ، ރައްކާތެރިކަމާއެކު ޚިދުމަތްތައް މެދުނުކެނޑި ކުރިއަށް ގެންދެވޭނެ މާލީ ގާބިލުކަން އެ ތަންތަނުގައި ހުރިކަން ކަށަވަރުކުރުމަށް ގެނައި ބަދަލެއްކަމަށެވެ.
އަދި މާލީ ދާއިރާގައި ހަރަކާތްތެރިވަނީ މާލީގޮތުން ދުޅަހެޔޮ އަދި ޒިންމާދާރު މުއައްސަސާތަކެއްކަން ކަށަވަރުކޮށް، މާލީ ނިޒާމަށް އޮންނަ އާންމުންގެ އިތުބާރު ދެމެހެއްޓުންކަމަށެވެ.