ޚަބަރު

"ހާދިސާތަކުގައި އަސަރުކުރި ޢާއިލާތަކުގެ ކަރާމާތަށް އިޙްތިރާމްކުރަންޖެހޭ"


  • އެފަދަ މަޢުލޫމާތު، ފޮޓޯ އަދި ވީޑިއޯ ނުފެތުރުމަށް ވަނީ އެދިފައި

  • ޒާތީ މަޢުލޫމާތު ނުފެތުރުމަށްވަނީ އެދިފައި

ހާދިޘާތަކުގައި އަސަރުކޮށްފައިވާ އެންމެހައި ފަރާތްތަކާއި ޢާއިލާތަކުގެ ޙައްޤުތަކާއި ކަރާމާތަށް ފުރިހަމައަށް އިޙްތިރާމްކޮށް، ކަށަވަރު ނުވާ މަޢުލޫމާތާއި އަދި އެއްވެސް މީހެއްގެ ކަރާމަތައް އުނިކަން އަންނަ ފަދަ ކަންކަން ނުކުރުމަށް އިޖުތިމާއީ އެހީއާއި ބެހޭ ވުޒާރާއިން އިލްތިމާސްކޮށްފިއެވެ.

އެ ވުޒާރާއިން ނެރުނު ނޫސްބަޔާނެއްގައި ވިދާޅުވީ ދާދިފަހުން ހިނގައިދިޔަ ހިތާމަވެރި ހާދިޘާތަކާ ގުޅިގެން، ކަމާބެހޭ އެއްވެސް އިދާރާއަކުން ކަށަވަރުކޮށްދީފައިނުވާ މަޢުލޫމާތާއި، ހާދިޘާގައި ހިމެނޭ ފަރާތްތަކުގެ އަބުރާއި ކަރާމާތަށް އުނިކަން ލިބޭފަދަ ލިޔުންތަކާއި ފޮޓޯ އަދި ވީޑިއޯ، މީސްމީޑިއާގެ މަންސަތަކުގައި ދައުރުވަމުންދާކަން ވުޒާރާގެ ސަމާލުކަމަށް އައިސްފަވާކަމަށެވެ.

ސީދާ ގޮތުން ނުވަތަ ނުސީދާ ގޮތުން ވިޔަސް ކުޑަކުދިންގެ ޒާތީ މަޢުލޫމާތު ދެނެގަނެވޭފަދަ މަޢުލޫމާތުތަކާއި، ކުޑަކުދިންގެ ކަރާމާތައް އުނިކަން ލިބޭފަދަ މަޢުލޫމާތު އެއްވެސް ފަރާތަކުން ޢާންމުކޮށްގެން ނުވާނެކަމަށް ކުޑަކުދިންގެ ހައްޤުތައް ރައްކާތެރިކުރުމުގެ ޤާނޫނުގައި ބަޔާންކޮށްފައި ވެއެވެ. މި ޤާނޫނުގައި ކުޑަކުދިންގެ ޙައްޤުތަކަށް އުނިކަން ލިބޭގޮތަށް ވާހަކަ ދެއްކުމާއި، އެކުދިންގެ ޙައްޤުތަކަށް އުނިކަން ލިބޭފަދަ ކަންކަމަށް ހިތްވަރުދިނުމަކީ މަނާކަމެއްކަމުގައި ބަޔާންކޮށްފައިވެއެވެ.

މިފަދަ ނާޒުކު ހާލަތްތަކުގައި ހަޤީގަތާއި ޚިލާފު ވާހަކަތައް ފެތުރުމަކީ، ހާދިޘާގެ އަސަރުކޮށްފައިވާ ކުޑަކުދިންނަށާއި އެ ޢާއިލާތަކަށް އިތުރު ނަފްސާނީ ހިތްދަތިކަމާއި ނުތަނަވަސްކަން ކުރިމަތިވާނެ ކަމެއްކަމަށާއި، ވަކިން ޚާއްޞަކޮށް، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާއި، އެފަރާތްތަކުގެ ޢާއިލާތަކުގެ ޒާތީ މަޢުލޫމާތު ހާމަކުރުމަކީ، އެފަރާތްތަކުގެ ޙައްޤުތަކަށް އަރައިގަނެވި، ކުޑަކުދިންގެ ކަރާމާތަށް އުނިކަން އަންނާނެފަދަ ކަމެއްކަމުން، މުޖުތަމަޢުގައި އެފަރާތްތަކާމެދު ނޭދެވޭ ތަފާތުކުރުންތަކެއް އުފެދުމަށް މަގުފަހިވާނެކަމެއްކަމަށްވެސް ވުޒާރާއިން ވިދާޅުވިއެވެ.

"ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ޙައްޤުތައް ރައްކާތެރިކުރުމާއި މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ޤާނޫނު" ގެ ދަށުން އެކުލަވައިލާފައިވާ "ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ޙައްޤުތައް ހިމާޔަތްކުރާ ކައުންސިލް" ގެ ފަރާތުން މިކަމުގެ ކަންބޮޑުވުން ވަނީ ފާޅުކޮށްފައެވެ.

މިފަދަ ހާދިޘާގެ އަސަރުކޮށްފައިވާ އެންމެހައި ފަރާތްތަކާއި ޢާއިލާތަކުގެ ޙައްޤުތަކާއި ކަރާމާތަށް ފުރިހަމައަށް އިޙްތިރާމްކޮށް، މި ހިތާމައިން އަރައިގަތުމަށްޓަކައި އެ ޢާއިލާތަކަށް ބޭނުންވާ އެއްބާރުލުމާއި ވަގުތު ދިނުމަށް ވަނީ އެދިފައެވެ.

އަދި މީސްމީޑިއާ ފަދަ މަންސަތަކުގެ ބޭނުންކުރުމުގައި ޒިންމާދާރުވެ، ކަށަވަރުނުވާ މަޢުލޫމާތު ނުފެތުރުމަށް ވަނީ އިލްތިމާސްކޮށްފައެވެ.